ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ލުބުނާން ބަލިކޮށް، އިންޑިއާއިން ފައިނަލް ޔަގީން ކޮށްފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު އިންޑިއާއިން ކާމިޔާބު ކުރީ ޕެނަލްޓީ ގައެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 0-0 އިން ނަތީޖާ އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އިންޑިއާ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
އިންޑިއާ ސެމީއަށް ނުކުތީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް އޭގައި އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ޕާކިސްތާން ބަލިކޮށްފައިވާ އިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ނޭޕާލް ކައިރިން 2-0 އިން ކުރި ހޯދައިފައެވެ. އިންޑިއާއަށް ގްރޫޕް ދެވަނަ ލިބުނީ ކުވައިތާ 1-1 އިން އެއްވަރުވުމުންނެވެ. އިންޑިއާއަކީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން، އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މިރޭ ނުކުތީ ގްރޫޕް ބީގެ އެއްވަނަ ޓީމު ލުބުނާނާ ދެކޮޅަށެވެ. ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއްވަނަ ލުބުނާނުން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. ލުބުނާނުން ބަންގްލަދޭޝް 2-0 އިން ބަލިކޮށް، ބޫޓާން 4-1 އިން ބަލިކުރި އިރު، ރާއްޖެ ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަކީ ވާދަވެރިވާނެ ކަމަށް މާ ކުރިންވެސް ބެލެވިފައި އޮތް މެޗެކެވެ. މި ދެ ޓީމުން މީގެ ދެތިން ހަފުތާ ކުރިން އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކޮށްފައިވާ އިރު، އެ މުބާރާތުގެ ލީގު ބުރުގެ މެޗު އެއްވަރުވީ ގޯލެއް ނުޖެހިއެވެ. އަދި ފައިނަލް މެޗުގައި އިންޑިއާއިން ވަނީ 2-0 އިން ލުބުނާން ބަލިކޮށްފައެވެ. ފައިނަލް މެޗެއްގެ ފެންވަރުގެ ސެމީ ފައިނަލް މެޗަށް މާ ކުރިން އިންޑިއާގެ ސަޕޯޓަރުން ދަނޑު ފުރާލިއެވެ. މިރޭ ފެނުނީ ގިނަ ސަޕޯޓަރުންތަކެއް ޓީމަށް ސަޕޯޓު ދޭން ދަނޑަށް ވަން ތަނެވެ. ފުރަތަމަ މިނެޓުން ފެށިގެން އިންޑިއާގެ ސަޕޯޓަރުން ދިޔައީ ދަނޑުގައި އަޑު ގުގުމަމުންނެވެ. ގާތްގަނޑަކަށް 19600 މީހުން މިރޭ ދަނޑަށް ވަދެފައިވެއެވެ.
އިންޑިއާ އިން މިރޭގެ މެޗަށް ބަދަލުތަކަކާއެކު ނުކުތް އިރު، ފުރަތަމަ 11 އިން ތިން ބަދަލެއް ފާހަގަކޮށްލެވުނެވެ. ކުވައިތު މެޗުގައި ފެނިގެންދިޔަ ގޯލްކީޕަރު އަމްރިންދަރު ސިންހްގެ ބަދަލުގައި މިރޭގެ މެޗުގައި އިންޑިއާގެ ގޯލު ބަލަހައްޓާފައިވަނީ ގުޕްރީތު ސިންހް ސަންދޫއެވެ. އޭގެ އިތުރުން ސުބާސިޝް ބޯސް އާއި ސަހަލް އަބްދުލް ސަމަދަށް އަލުން ފުރަތަމަ 11 އިން ފުރުސަތުދީފައިވާ އިރު، އިންޑިއާގެ ޑިފެންސުން އާންމުކޮށް ފެންނަ މުހިންމު ޑިފެންޑަރު ސަންދޭޝް ޖިންގަން، ކާޑު ހަމަވެގެން މި މެޗަށް ހުރީ ސަސްޕެންޝަންގައެވެ.
އިންޑިއާއިން މިރޭގެ މެޗަށްވެސް ސަސްޕެންޝަނުގައި ހުރި ކޯޗު، އީގޯ ސްޓިމަކާ ނުލައި ނުކުތް އިރު، މެޗު ރަނގަޅަށް ފެށީ ލުބުނާނުންނެވެ. އިންޑިއާގެ ޑިފެންސަށް ބާރު ބޮޑުވެގެން ފުރަތަމަ ކޮޅުގައި އެޓީމުގެ ފަރާތުން ޕްރެޝަރު ފެނިފައިވާ އިރު، ދެވަނަ މިނެޓުގައި ޒެއިން އަލް އަބިދީން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލުބުނާންގެ ނަދަރް މަތަރް ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ހުސް ފުރުސަތެއް ބޭކާރުވެގެން ދިޔަ ނަމަވެސް ލުބުނާނުން އެޓޭކް މަޑު ޖައްސައެއް ނުލައެވެ.
އޭގެ އިރުކޮޅެއް ފަހުން ހަސަން މާތޫކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ލުބުނާންގެ ޒެއިން އަލް އަބިދީން ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ. މެޗު ލުބުނާނުން ރަނގަޅަށް ފެށި ނަމަވެސް، އިންޑިއާއިން ދިޔައީ މަޑުމަޑުން ހަމަޖައްސައި، މެޗު ތެރެއަށް ވަންނަމުންނެވެ. އެޓީމުގެ ފުރަތަމަ ހަމަލާ ފެނުނީ 17 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި ކެޕްޓަން ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަމަލާއެއް ފޮނުވާލުމަށް އިންޑިއާގެ ޖީކްސަން ސިންހަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ އެ ބޯޅަ ޖައްސާލީ ސަހަލް އަބްދުލް ސަމަދަށެވެ، އޭރު ސަހަލް ހުރީ އޮފްސައިޑް މަގާމެއްގައެވެ.
ހާފުގެ ފަހުކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ލުބުނާނުގެ ކެޕްޓަން މާތޫކުގެ ނުރައްކާ ހިލޭ ޖެހުންތަކުން ފެނުނެވެ. އޭނާގެ ދެ ހިލޭ ޖެހުމެއް އިންޑިއާގެ ގޯލްކީޕަރު ގްރަޕްރީތު މަތަކުރި އިރު، ހާފު ނިމެން ދަނިކޮށް ޖެހި ހިލޭ ޖެހުން ގްރަޕްރީތު ޕަންޗުކޮށްލީ ކަނަށް އަމާޒުވާން ދަނިކޮށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާއެއް ނުފެނުނު ނަމަވެސް، އިންޑިއާ ފެނުނީ ކުޅުން ރަނގަޅުކުރިތަނެވެ. އަވަސް ޕާސްތަކެއް އިންޑިއާގެ ފަރާތުން ފެނިގެން ގޮސްފައިވާ އިރު، ލުބުނާން އޭރިއާ ތެރެއަށް އެޓީމުން ނުރައްކާތެރި ހުރަސްތަކެއް ކުރިމަތިކުރިވިއެވެ. މެޗުގެ 60 ވަނަ މިނެޓުގައި އަނިރުދް ތާޕާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ އަމާޒުވީ ލުބުނާން ކީޕަރު މެހްދީ ޚަލީލްއާ ދިމާއަށެވެ.
އޭގެ ފަހުން އަނެއްކާވެސް ލުބުނާންގެ ރަނގަޅު 10 ވަރަކަށް މިނެޓް ފެނުނު އިރު، މަދުވީ ރަނގަޅު ހަމަލާއެކެވެ. މާތޫކުގެ ފަރާތުން އެޓޭކިން ރަނގަޅު ކަންތައްތަކެއް ފެނިފައިވާ އިރު، އިންޑިއާ ރަނގަޅަށް ޑިފެންސް ކުރިއެވެ. ހާއްސަކޮށް އަންވަރު އަލީގެ ފަރާތުން ރަނގަޅު ޓެކުލްތަކެއް ފެނުނެވެ. ލުބުނާނުން 90 މިނެޓްގެ ފަހުކޮޅަށް ނުރައްކާ ކުރަމުން ދިޔަ އިރު، ޒެއިން އަލް އަބިދީން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލުބުނާން ކެޕްޓަން ހަސަން މާތޫކް ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ފުރިހަމަ ވަގުތުގެ ފަހު ފަސްވަރަކަށް މިނެޓުގައި އިންޑިއާގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، ކޯނަރުތަކުގައި އެޓީމުން ދިޔައީ ނުރައްކާ ކުރަމުންނެވެ. ކޯނަރަކަށް އަރައި ޑިފެންޑަރު އަންވަރު އަލީ ފޮނުވާލި ބޯޅައެއް ވަނީ ދަނޑިއަށްވެސް އަމާޒުވެފައެވެ. އަދި އޭގެ އިތުރުން ހުރަސްތައް އިތުރުކޮށް، އިންޑިއާއިން ވަނީ ލުބުނާން ޕްރެޝަރުވެސް ކޮށްލައިފައެވެ. އެހެން ނަމަވެސް ފުރިހަމަ ވަގުތު ނިމުނީ ގޯލެއް ނުޖެހިއެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން ތިން މިނެޓް ހިނގިތަނާ ޗެތުރީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ކެޕްޓަން ޗެތުރީ ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އުދަންތާ ސިންހް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ލުބުނާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޑިއާ މާ ބޮޑަށްވެސް ނުރައްކާކޮށް ފެނިފައިވާ އިރު، އެޓީމުން ދިޔައީ ލީޑު ނެގުމާ ގާތަށް ޖެހެމުންނެވެ. ނުރައްކާތެރި ގިނަ ހުރަސްތަކެއް އިންޑިއާއިން ނަގަމުންދިޔަ އިރު، މަދުވީ ގޯލެކެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފު ފަށައި ލުބުނާނުން ނުރައްކާ ކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޚަލީލް ބަދަރް ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަނެއްކޮޅުން ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންޑިއާގެ އުދަންތާ ސިންހް ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ މަތަކޮށްފައެވެ.
އެ ހަމަލާތަކާއެކުވެސް މެޗުގައި ގޯލެއް ފެނިފައިނުވާ އިރު، ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އިންޑިއާގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ޗެތުރީ ކާމިޔާބު ކޮށްދިން އިރު، ލުބާނުގެ ފުރަތަމަ ޕެނަލްޓީ އެޓީމުގެ ކެޕްޓަން މާތޫކު އަތުން ވަނީ ނާކާމިޔާބުވެފައެވެ. އިންޑިއާގެ ދެވަނަ ޕެނަލްޓީ ޑިފެންޑަރު އަންވަރު ވައްދާލިއެވެ. ލުބުނާނުގެ ދެވަނަ ޕެނަލްޓީ ވަލީދު ކާމިޔާބު ކުރި އިރު، އިންޑިއާގެ ތިންވަނަ ޕެނަލްޓީ ނައޮރެމް ކާމިޔާބު ކުރިއެވެ. ލުބުނާނުގެ ދެވަނަ ޕެނަލްޓީ ޖަހަން މުހައްމަދު ސާދިކު ގޮސް، ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އިންޑިއާގެ ހަތަރުވަނަ ޕެނަލްޓީވެސް އުދަންތާ ސިންހް ކާމިޔާބުކޮށް، މެޗުން މޮޅުވާން ހިތްވަރު ހޯދިއެވެ. ލުބުނާނަށް ނާކާމިޔާބުވީ ހަތަރުވަނަ ޕެނަލްޓީ ހާލިލް ބަދެރް އަތުން ނާކާމިޔާބުވުމުންނެވެ.
މުބާރާތުގެ ފައިނަލުގައި އިންޑިއާއިން ކުވައިތާ ދެކޮޅަށް ނުކުންނާނީ އަންނަ އަންގާރަ ދުވަހުއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023