އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އިތުރުވަގުތަށް ގޮސް، ކުވައިތުން ބަންގްލަދޭޝް ބަލިކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގައި ކުވައިތުން ބަންގްލަދޭޝް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ބަންގްލަދޭޝްއިން ސެމީ ފައިނަލަށް ނުކުތީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ސެމީއަށް ދިޔައީ ރާއްޖެއާއި ބޫޓާން ބަލިކޮށްފައެވެ. ރާއްޖެ ބަންގްލްދޭޝް ކައިރިން 3-1 އިން ބަލިވެފައިވާ އިރު، ބޫޓާން ކައިރިން ބަންގްލަދޭޝް މޮޅުވީވެސް 3-1 ގެ ނަތީޖާއަކުންނެވެ. އެޓީމުން ބަލިވީ ހަމައެކަނި ލުބުނާން ކައިރިންނެވެ. އެއީ 2-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ނުކުތް ކުވައިތަކީ ގްރޫޕް އޭގެ އެއްވަނަ ޓީމެވެ. އެޓީމުން ވަނީ އިންޑިއާއާ 1-1 އިން އެއްވަރުކޮށް، 4-0 އިން ޕާކިސްތާން ބަލިކޮށްފައެވެ، އަދި އަނެއް މެޗުގައި ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ކުވައިތުން ސާފް ޗެމްޕިއަންޝިޕްގައި މުޅިން އަލަށް ވާދަކުރަމުންދާ އިރު، މިފަހަރު ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުނީ 14 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. މީގެ ކުރިން އެޓީމުން ފައިނަލަށް ދިޔައީ މީގެ 18 އަހަރު ކުރިން 2005 ވަނަ އަހަރުއެވެ. އެފަހަރު ފައިނަލުގައި އިންޑިއާ އަތުން 2-0 އިން ބަލިވެ، ބަންގްލަދޭޝްއަށް ތަށި ގެއްލުނީއެވެ.

މިއަދުގެ ސެމީ ފައިނަލް މެޗުގެ ކުރިން ފެވަރިޓުންގެ ގޮތުގައި އޮތީ ކުވައިތު ނަމަވެސް، ބަންގްލަދޭޝްގެ ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާއާއި ކެޕްޓަން ޖަމާލް ބުޔާން ބުނަމުން ދިޔައީ ޓީމަށް އިތުބާރު އެބައޮތް ކަމަށެވެ. ހާއްސަކޮށް ކެޕްޓަން ޖަމާލް ބުނީ ބަންގްލަދޭޝްގައި ޓީމަށް ހިތްވަރު ދޭން ތިބި ރައްޔިތުންނަށްޓަކައި މިފަހަރު ފައިނަލަށް ދާން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ތައްޔާރު ކަމަށެވެ. އަނެއްކޮޅުން ނުކުތް ކުވައިތުން ބުނެފައިވަނީ ބަންގްލަދޭޝް ފަސޭހަ ނުވާނެ ކަމަށާއި، އިދިކޮޅު ޓީމަށް ބަލައި ޓެކްޓިކްސް ބަދަލުކުރަން އެއްވެސް އިރެއްގައި ކުވައިތުން ނުވިސްނާނެ ކަމަށެވެ.

މެޗު ފެށުނީވެސް ފޯރިގަދަކޮށެވެ. ދެވަނަ މިނެޓުގައި ބަންގްލަދޭޝްއަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ރާކިބް ހުސައިން އަރިމަތިން ނަގައިދިން ހުރަހަކުން، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބަންގުލަދޭޝްގެ ޝެއިޚް މުރުސަލީން ފޮނުވާލި ހަމަލާ، ކުވައިތުގެ ކީޕަރު އަބްދުލް ރަހުމާން މަރުޒޫގު ވަނީ މަތަކޮށްފައެވެ. ގޯލަށް ފޮނުވާލަން މުރްސަލީނަށް ހުސްކޮށް އޮވެ ފުރުސަތު ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ ކީޕަރާ ދިމާލަށެވެ. އެ ހަމަލާގެ ރީބައުންސް ބޯޅައިން މުރުސަލީން ފޮނުވާލި ހަމަލާ ވެސް ގޯލާ އަމާޒުކޮށްލެވިފައެއް ނުވެއެވެ.

ބަންގްލަދޭޝްއިން ވަރުގަދަކޮށް ފަށި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ކުވައިތުން ނުރައްކާ ކުރިއެވެ. ހަތްވަނަ މިނެޓުގައި މުބާރަކް އަލް ފަނީނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ ސަލްމާން މުހައްމަދު ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާން ދަނިކޮށް، ބަންގުލަދޭޝްގެ ޑިފެންސުން ވަނީ ގޯލު ލައިން މަތިން ކަހަލަ ގޮތަކަށް ބޯޅަ ދިފާއުކޮށްފައެވެ. އޭގެ ފަހުން ކުވައިތުން ވަރަށް ބޮޑަށް ކުރިއަށް ޖެހި އެޓޭކަށް ވިސްނި ނަމަވެސް ބަންގްލަދޭޝްގެ ޑިފެންސް ކޮމްޕެކްޓް ކޮށް ކުޅެމުން ދިޔުމުގެ ސަބަބުން އުނދަގޫތަކާ ދިމާވިއެވެ. ހުރަސްތަކުގައި ކުވައިތުގެ ނުރައްކާ ފާހަގަވި ނަމަވެސް، މާ ބޮޑަށް އެޓޭކްކުރަން ބަންގްލަދޭޝްއިން ފުރުސަތު ދީފައެއް ނުވެއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި އަނެއްކާވެސް ކުވައިތުން ނުރައްކާ ކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އަރިމަތިން ކުވައިތުގެ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ. އަދި އޭގެފަހުން ފަވާޒް އަލޮތައިބީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކުވައިތުގެ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާވެސް، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބަންގުލަދޭޝް ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްވެސް ފެނިގެން ދިޔައީ ފުލުފުލުގައި ހަމަލާތައް ފެނުނު ހާފެއްގެ ގޮތުގައެވެ. ހާއްސަކޮށް ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ހަމަލާތައްވެސް ފެނުނެވެ. ހާފުގެ ކުރީކޮޅުގައި ބަންގްލަދޭޝްގެ ރާކިބް ހުސައިން ފޮނުވާލި ބާރު ހަަމަލާ ދިޔައީ ކުވައިތު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި، ޝެއިޚް މުރުސަލީން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ބަންގުލަދޭޝްގެ ރާކިބް ހުސައިން ފޮނުވާލި ހަމަލާ އަމާޒުވީ ކުވައިތު ގޯލުގެ ހުރަސް ދަނޑިއަށެވެ.

އޭގެ ފަހުން އަނެއްކާވެސް ފުލުފުލުގައި ކުވައިތުގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 64 ވަނަ މިނެޓުގައި ކުވައިތުގެ އަހްމަދު އަލް ދެފީރީ ފޮނުވާލި ހިލޭ ޖެހުން، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން އީދު އަލް ރަޝީދީ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް މަތަކުރީ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާނެވެ. އޭގެ އިތުރުން 69 ވަނަ މިނެޓުގައިވެސް ކުވައިތުން ނުރައްކާ ކުރިއެވެ. މުހައްމަދު އަބްދުﷲ ނަގައިދިން ހުރަހެއް ބަންގުލަދޭޝްގެ ޑިފެންޑަރުން ދިފާއުކުރުމާއެކު ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ފަހުން އަތުބީ ސަލާހް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވާން ދަނިކޮށް، ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.

ފަހު ހާފުގައި މެޗު ކޮންމެވެސް ވަރަކަށް ހޫނުވެގެން ގޮސްފައިވާ އިރު، ބަންގުލަދޭޝްގެ ފިޒިކަލް ޓްރޭނަރު އިވާން ރަޒްލޯގްއަށް މެޗުގައި ރަތް ކާޑުވެސް ދައްކާފައިވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ގޯލެއް ފެނިފައި ނުވާ އިރު، ބަންގްލަދޭޝް ފެނުނީ ހިތްވަރާއެކު ވަރުގަދަ ކުވައިތު ހިފަހައްޓަމުން ދިޔަ ތަނެވެ. ކުވައިތު ހިފަހައްޓައި އެޓީމުން ކުވައިތަށް ނުރައްކާވެސް ކުރި އިރު، މިއަދުގެ މެޗުގައި ބަންގްލަދޭޝް ފެނުނީ ތަފާތު ރޫހެއްގައެވެ. އިތުރު ވަގުތަށް މެޗު ގެންދިޔުމުގައި އެޓީމުގެ ހިތްވަރު ފާހަގަވިއެވެ.

ހިތްވަރާއެކު ކުޅެމުންދިޔަ ބަންގްލަދޭޝް ކުޅުންތެރިންނަށް މެޗުގައި ހިތްދަތިވި ވަގުތަކީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓެވެ. މެޗުގެ 107 ވަނަ މިނެޓުގައި ކުވައިތުން ލީޑު ނެގިއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ބަންގުލަދޭޝް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ އަބްލޫޝީއެވެ. އެ ހިސާބުން މެޗުގެ އޮއިވަރު މަޑުޖެހި، ކުވައިތުން ނަތީޖާ ހިފަހައްޓާލިއެވެ. ބަންގްލަދޭޝްއިން ފަހު މިނެޓު ކޮޅުގައިވެސް ހަމަލާތައް އުފެއްދި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 7:00 ގައި އިންޑިއާއިން ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.