ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލު ކުރުމަށް، އިދިކޮޅު ޕީޕީއެމް ކޯލީޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން އުފައްދާ ދަ ޑިމޮކްރެޓްސްއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދަނީ ޕީޕީއެމް ސެނެޓުގެ ބަހެއް ނެތި ކަމަށް ބުނެ އެ މަޝްވަރާތަކާމެދު ހިޔާލުތަފާތުވުން އުފެދިއްޖެއެވެ.

ދަ ޑިމޮކެޓްސްއާ އެކު ޕީޕީއެމުން މިހާތަނަށް ދެ މަޝްވަރާ ބައްދަލުވުން ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ޕީޕީއެމުން ބައިވެރިވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ، ދެ ފަރާތުގެ މެދުގައި ހަފުތާއަކު ތިން ބައްދަލުވުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަކީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މަޝްވަރާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން މިކަން ކުރިއަށް މިދަނީ، ރައީސް ޔާމީންގެ އިރުޝާދުގެ ދަށުންނޫން ގޮތަކަށް ޕީޕީއެމް ޕީއެންސީން ފިޔަވަޅެއްވެސް ނާޅާނެ،"

ޝިޔާމު ވިދާޅުވެފައިވަނީ، މަޝްވަރާ ބައްދަލުވުންތަކުގައި ޕީޕީއެމްގެ ފަރާތުން އޭނާއާ އެކު ބައިވެރިވަނީ، މަހިނބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު އާއި މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއެވެ.

ދެފަރާތް ގުޅިގެން މިހަފުތާގައި ކަންމަތީ ޖަލްސާތަކެއް ބާއްވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް ދެފަރާތުގެ މަޝްވަރާތަކާ ގުޅިގެން ޕީޕީއެމްގެ ސެނެޓުގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތަކެއް މިވަނީ ފާޅު ކޮށްފައެވެ.

އެބޭފުޅުން ވިދާޅުވެފައިވަނީ، އެ މަޝްވަރާތައް ކުރިއަށްދަނީ ސެނެޓުގެ ބަހެއްނެތި ކަމަށާއި އެކަން އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ވަޓްސްއެޕް ގްރޫޕަށް، ޕީޕީއެމްގެ ސެނެޓެއް ކަމަށްވާ އަހުމަދު ސިއްދީގު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ޕާޓީގެ ސެނެޓުން ލީޑާޝިޕަށް އިހުތިޔާރުތަކެއް ދިން ކަމަށެވެ.

ނަމަވެސް ސެނެޓުގެ ބަހެއްނެތި އެފަދަ ބޮޑުކަމެއް ކުރިއަށްދާތީ ނުރުހުން ފާޅު ކުރައްވައި، ސިއްދީގު ވިދާޅުވެފައި ވަނީ، ޕާޓީގެ ސެނެޓަކީ ނެތް އެއްޗެއް ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ.

ވަޓްސްއަޕް ގުރޫޕުގައި ސިއްދީގު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ތާއީދުކުރައްވައި އެހެން ބައެއް ސެނެޓުންވެސް ވާހަކަ ދެއްކެވިއެވެ.

އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު ޖަމީން އުސްމާނު ވިދާޅުވީ ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ތިން އެޑްވައިޒަރުންގެ ލަފަ އާއި މަޝްވަރާ މިފަދަ މުހިންމު ކަންކަމުގައި ހޯދުން މުހިންމު ކަމަށެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ އެޑްވައިޒަރުންގެ ގޮތުގައި ކަނޑައެޅުއްވާފައިވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އެންމެ ފަހުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދީ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޕީޕީއެމްގެ ސެނެޓަކީ މިހާރު އެއްވެސް ވަރަކަށް މަސައްކަތް ކުރަމުން ނުދާ ގުނަވަނެއް ނޫންކަން ފާހަގަކުރައްވައި އެޕާޓީގެ އެއް ސެނެޓް، ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ސެނެޓް މިހާރު އެބައޮތްތޯ، ސުވާލު ކުރައްވައިފައެވެ.

މި ކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.