އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މިހާރު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ މެޗުތައް މިއަދާއި މިރޭ އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ކުވައިތު ވާދަކުރާ އިރު، އެންމެފަހުގެ ޗެމްޕިއަން އިންޑިއާއިން މިރޭ ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ. މެޗުތަކުގެ ޕްރި މެޗު ޕްރެސް އިއްޔެ ބާއްވާފައިވާ އިރު، އެންމެ ގިނަ ބައެއްގެ ލޯތައް ހުއްޓުނީ އިންޑިއާ މެޗުގެ ޕްރެސްއަށެވެ. ޕްރެސްއަށް ދިޔައީ އިންޑިއާ ކެޕްޓަން، ލެޖެންޑް ސުނިލް ޗެތުރީ އާއި އިންޑިއާގެ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީއެވެ. އެ ޕްރެސް ނޫން އެހެން ހުރިހާ ޕްރެސްއެއްގައި ގައުމުތަކުގެ ކޯޗުންނަށް ގިނަ ސުވާލުތަކެއް ކުރިމަތިވި ނަމަވެސް، އިންޑިއާ ޕްރެސްގައި ހުރިހާ ސުވާލެއް ކަހަލަ ގޮތަކަށް އަމާޒުވީ ސަރަހައްދީ ލެޖެންޑް ޗެތުރީއަށެވެ.

ޗެތުރީއާ ސުވާލުކުރުމަށް އެތައް ނޫސްވެރިންނެއް ޝައުގުގައި ތިބި އިރު، އޭނާގެ ޖަވާބުތައް ސާފުވެފައި ޕްރޮފެޝަނަލްއެވެ. ޕްރެސްގައި ގިނައިން ސަމާސާ ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ޗެތުރީ ފާހަގަވެފައިވާ އިރު، އިއްޔެވެސް ފެނުނީ "މަޖާ މިޒާޖެއްގެ، ހަމަޖެހިލައިފައި" އިން ޗެތުރީއެކެވެ. އިއްޔެގެ ޕްރެސްގައި އޭނާ އެންމެ އަޅައިގަތް އެއް ސުވާލަކީ ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މުބާރާތަށް މި މުބާރަތް ވެދާނެތޯ ކުރި ސުވާލެކެވެ.

"ވާއު.. ބޭނުންވަނީ އަހަރެން ހުއްޓާލަންތަ؟،" ސުވާލުގެ ޖަވާބުގައި، ސުވާލު ކުރި ނޫސްވެރިޔާއަށް ޗެތުރީ ސުވާލެއް ކުރިއެވެ. ނޫސްވެރިޔާ ވަގުތުން ބުނީ އޭނާއަކީ ޗެތުރީގެ ބޮޑު ސަޕޯޓަރެއް ކަމަށާއި އެގޮތް ބޭނުން ނުވާ ކަމަށެވެ.

އެހެން ބުނުމުން ސުވާލުގެ ޖަވާބު ޗެތުރީ އިތުރަށް ތަފްސީލު ކޮށްދިނެވެ. "އަހަންނަކަށް ނޭނގެ އިންޑިއާ ގައުމީ ޓީމަށް އަހަރެން އެންމެފަހު މެޗު ކުޅޭނީ ކޮންއިރަކު ކަމެއް. އަހަރެންގެ ކެރިއަރުގައި އެއްވެސް އިރަކު އެހާ ދިގު މުއްދަތަކަށް ނުވިސްނަން. އަހަރެން އަބަދުވެސް ވިސްނަނީ ކުރިއަށް އޮންނަ 10 ވަރަކަށް ދުވަހަށް. ދެން އޮންނަ މެޗަކަށް، ދެން އޮންނަ ޓްރެއިނިންއަކަށް،" އުމުރުން 38 އަހަރުގެ ޗެތުރީ ބުންޏެވެ.

އިންޑިއާ ގައުމީ ޓީމަށް 92 ގޯލު ޖަހައިދީފައި ޗެތުރީއަކީ މިހާރު ސާފް ޗެމްޕިއަންޝިޕްގައިވެސް އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިޔާއެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ޖަހައި، އޭނާ ވަނީ ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ)ގެ ރެކޯޑާ ހަމަކޮށްފައެވެ.

"އަހަރެން ބަލާ ބައެއް ކަންކަން ހުރޭ. އެއީ ޓީމަށް އަހަންނަށް ފައިދާ ކޮށްދެވޭތޯ. ނޫނީ އަހަންނަށް އުދަންތާ ސިއްހާ އެއްވަރަށް ދުވެވޭތޯ. އަދި ޑިފެންޑަރު ސަންދޭޝް ޖިންގަން ކައިރިން އަރައި ބޮލުން ޖެހޭތޯ. އަހަންނަށް އެކަންކަން ނުވާން ފަށާހެން ހީވާ ދުވަހަކު އަހަރެން ހުއްޓާލާނަން،" ޗެތުރީ އިއްޔެ ބުންޏެވެ.

ޗެތުރީ އިއްޔެ ބުނީ ގައުމީ ޓީމަށް ޒުވާން ކުޅުންތެރިން އަންނަ ކަމަށާއި އޭނާގެ ލެގަސީ އެހެން ކުޅުންތެރިން ތަކުރާރުކުރުމަކީ އަބަދުވެސް އެދޭނެ އެދުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އޭޝިއަން ކަޕަށް އިންޑިއާއާއެކު ތައްޔާރުވުމުގެ ވިސްނުން ހުރިކަންވެސް ޗެތުރީ އިއްޔެ ފާހަގަކުރިއެވެ.

އެގޮތުން، މިފަހަރުގެ ސާފަށް ލުބުނާނާއި ކުވައިތު އައުމުން މުބާރާތް ވަރުގަދަވެ، ކުރިއަށް އޮތްތަނުގައި އިންޑިއާއަށް ފައިދާ ކުރާނެ ކަމަށްވެސް ޗެތުރީ ބުންޏެވެ. އޭނާ ބުނީ އޭޝިއަން ކަޕްގައި އިންޑިއާ އޮތް ގްރޫޕުގައި އޮތް ސީރިއާއާއި އުޒުބެކިސްތާން ފަދަ ގައުމުތާ ދެކޮޅަށް ކުޅެން ތައްޔާރުވާން ކުވައިތާއި ލުބުނާން އެހީވެދޭނެ ކަމަށާއި އެއަށްފަހު ދެން ތައްޔާރުވާންވީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުމަށް ކަމަށެވެ.

މިހާރު އޮތް އިންޑިއާ ޓީމަކީ އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި އެންމެ ވަރުގަދަ ޓީމުތޯ އެހުމުން ޗެތުރީ ބުނީ އެއީ ޖަވާބު ދޭން އުނދަގޫ ސުވާލެއް ކަމަށާއި އެނގޭހާވެސް އެއްޗަކީ އެކި ޒަމާންތަކުގައި އޭނާއަށް އިންޑިއާގެ ޓީމުތަކުގައި އެކިއެކި ކުޅުންތެރިންނާއެކު ކުޅެވިފައިވާކަން ކަމަށެވެ. އެގޮތުން ބައިޗަން ބުޓިއާ އާއި އިންޑިއާގެ މިހާރު އެސިސްޓެންޓް ކޯޗު މަހޭޝްއާއެކު ކުޅުނުކަންވެސް ޗެތުރީ ވަނީ ފާހަގަކޮށްފައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.