ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިއަދު އިންޑިއާއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީއަށް ސަމާލުވާން ޖެހޭނެ ކަމަށް ލުބުނާނުގެ ކޯޗު އެލެކްސެންޑްރާ އިލިކް ބުނެފިއެވެ.
ގްރޫޕް އޭގެ ދެވަނަ ޓީމު އިންޑިއާ އާއި ގްރޫޕް ބީގެ އެއްވަނަ ޓީމު ލުބުނާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި މިރޭ ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައެވެ. މެޗަށް ނުކުންނަ އިރު، ދެޓީމަކީ ދާދިފަހުން އިންޓަކޮންޓިނެންޓަލް ކަޕްގައިވެސް ވާދަކޮށްފައިވާ ފޯމު ރަނގަޅު ދެޓީމެވެ.
ލުބުނާނުން ސެމީއަށް ދިޔައީ ރާއްޖެ އާއި ބަންގްލަދޭޝް އަދި ބޫޓާންވެސް ބަލިކޮށްފައެވެ. އިންޑިއާއިން ސެމީއަށް ދިޔައީ ގްރޫޕް އޭގައި ޕާކިސްތާނާއި ނޭޕާލް ފަސޭހަކަމާއެކު ބަލިކޮށް، ކުވައިތާ އެއްވަރުވެސް ކޮށްގެންނެވެ. ދާދި ހަމަހަމަކޮށް ދުނިޔޭގެ ރޭންކިންގައިވެސް ދެގައުމު އޮތް އިރު، އިންޑިއާ މިވަގުތު އޮތީ 100 ވަނައިގައެވެ. ލުބުނާން އޮތީ ފީފާ ރޭންކިންގެ 99 ވަނައިގައެވެ.
އިންޓަކޮންޓިނެންޓަލް ކަޕްގެ ލީގު ބުރުގައި އިންޑިއާ އާއި ލުބުނާން ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، އޮޑީސާގައި ކުޅުނު މުބާރާތުގެ ފައިނަލުގައި އިންޑިއާއިން ވަނީ 2-0 އިން ލުބުނާން ބަލިކޮށްފައެވެ. އެ ނަތީޖާތަކާއެކު ދެގައުމުގެ ދެމެޗުގައި ރަނގަޅު ވާދަވެރިކަމެއް އޮތް އިރު، ލުބުނާން ކޯޗުގެ ނަޒަރުގައި އިންޑިއާ އުނދަގޫ ވާނެއެވެ. އެހެން ނަމަވެސް ބެންގަލޫރުގެ މޫސުމާއި ކަންކަމަށް ބަލައި، ލުބުނާން ކުރިއަށްވުރެ މިހާރު ރަނގަޅު ވާނެ ކަމަށްވެސް އޭނާ އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
"އިންޑިއާ އާއި ލުބުނާން މިހާރު މިއޮތީ ރަނގަޅަށް އެނގޭ ދެޓީމުގެ ގޮތުގައި. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގައި ދެމެޗުވެސް ކުޅެވިއްޖެ. އެ މެޗުތަކަށް ބަލައި، އަހަރެމެން މި ތައްޔާރުވަނީ އެންމެ ރަނގަޅު ޓީމު ނެރެ، އެންމެ ރަނގަޅު މެޗަކަށް. މޫސުމީ ބަދަލުތަކަށް ބަލާއިރު، ބެންގަލޫރު އަހަރެމެންނަށް ކުރީ މުބާރާތް އޮތްތަނަށްވުރެ ފަސޭހަ. ކުރީ މުބާރާތުގައި ކުޅުނު މެޗުތަކަށް ބަލައި، މި މެޗުގެ ނަތީޖާ ރަނގަޅުކުރުން އަހަރެމެންނަށް ވަރަށް މުހިއްމު،" ލުބުނާންގެ ކޯޗު އިލިކް ބުންޏެވެ.
އިއްޔެގެ ޕްރި މެޗު ޕްރެސްގައި ލުބުނާނުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ އަދި ކެޕްޓަން ހަސަން މާތޫކްވެސް ބައިވެރިވެފައިވާ އިރު، އޭނާވެސް ބުނީ ކޯޗު ބުނިހެން، އަވަސް ފުޓުބޯޅައެއް ފެނިގެންދާނެ މެޗަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
އިލިކް އިއްޔެގެ ޕްރެސްގައި އިތުރަށް ބުނީ އިންޑިއާގެ ނުރައްކާ އެނގޭ ކަމަށާއި، ހާއްސަކޮށް ރެކޯޑު 92 ގޯލު ގައުމީ ޓީމަށް ޖަހައިދީފައިވާ ޗެތުރީގެ ނުރައްކާވެސް ވަރަށް ބޮޑަށް އެނގޭ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އިންޑިއާއަކީ ވަރަށް ނުރައްކާ ޓިމެއްކަން. ހާއްސަކޮށް ޗެތުރީއަކީ ނުރައްކަލެއް. ބޮކްސް ތެރޭގައި އޭނާގެ ނުރައްކާ ބޮޑު،" އިލިކް އިތުރަށް ބުންޏެވެ.
ލުބުނާންގެ ކޯޗު އިލިކް ބުނީ އިންޑިއާގެ އެޓޭކްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވަނީ ދެފަޅިން ކަމަށާއި، އެކަމަށްވެސް ސަމާލުކަން ބަހައްޓާނެ ކަމަށެވެ. އަދި އިންޑިއާ ކޮޅަށް އަވަހަށް ގޯލެއް ޖެހުން މުހިއްމު ކަމަށްވެސް އިލިކް ބުންޏެވެ. އެއީ ގޯލަށްފަހު ޑިފެންސް ކުރަންތޯ އިންޑިއާ ނޫސްވެރިން ސުވާލުކުރުމުން އިލިކް ބުނީ ގޯލެއް ޖެހުނަސް އެއީ މެޗު ނިމުނީ ކަމަށް އޭނާ ނުބަލާނެ ކަމަށާއި، އޭނާއަކީ އެޓޭކިން ފުޓުބޯޅައިގެ ކޯޗެއް ކަމަށްވުމުން، ޓީމު ފަހަތަށް ޖެހުމަށް އެއްވެސް ހާލަތެއްގައި ނުވިސްނާނެ ކަމަށެވެ.
އިންޑިއާއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް، އިންޑިއާގެ އެންމެ ފުޓުބޯޅަ އެއް ސިޓީ ކަމަށްވާ ބެންގަލޫރުގައި ކުޅެމުންދާ އިރު، އިލިކްގެ ނަޒަރުގައި އިންޑިއާ ސަޕޯޓަރުން މިހާތަނަށް ވަނީ ވަރުގަދަ ސަޕޯޓެއް ކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ނަޒަރުގައި ލުބުނާނުން އިންޑިއާ ސަޕޯޓަރުން ބަލާނީ "މޯޓިވޭޝަންއެއް" ނުވަތަ ހިތްވަރެއްގެ ގޮތުގައެވެ.
ލުބުނާނާއި އިންޑިއާ މިރޭ ސެމީ ފައިނަލްގެ މެޗަށް ނުކުންނަ އިރު، އިންޑިއާގެ ކްރޮއޭޝިއާ ކޯޗު އީގޯ ސްޓިމަކް ހުރީ އަނެއްކާވެސް ސަސްޕެންޝަނުގައެވެ. މި މުބާރާތުގައި އޭނާ ހޯދި ދެވަނަ ރަތް ކާޑާއެކު މިރޭގެ މެޗުގައި ބެންޗުގައި ނުހުރެވޭ އިރު، އިލިކްގެ ނަޒަރުގައި އެއީ އިންޑިއާއަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ކޯޗު އިލިކްގެ އެ ވާހަކައަށް ކެޕްޓަން މާތޫކް އިއްޔެގެ ޕްރެސްގައި ތާއިދުކޮށް ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނީ ކޯޗު ހުރުމަކީ ހިތްވަރެއް ކަމަށާއި އިންޑިއާއިން މިހާރު އެކަމަށް މެންޓަލީ ތައްޔާރުވެފައިވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023