އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި ކުޅެ ނިންމާލުމުގެ ވިސްނުން ނެތް ކަމަށާއި ބަންގްލްދޭޝްގެ ރައްޔިތުންގެ އުފާވެރި ކަމަށް ފައިނަލަށް ދިޔުމަކީ ޒިންމާއެއް ކަމަށް ކެޕްޓަން ޖަމާލް ބުޔާން ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައި ބަންގްލަދޭޝް ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ފެވަރިޓަކީ ގްރޫޕް އޭގެ އެއްވަނަ ހޯދި ކުވައިތެވެ. ބަންގްލަދޭޝްއިން މިފަހަރުގެ ސެމީގައި ވާދަކުރަނީ 14 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މިފަހަރުގެ ކުރިން ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީއަށް ދަތުރުކުރީ 2009 ވަނަ އަހަރުއެވެ. ދުވަސް ތަކަކަށްފަހު ބަންގްލަދޭޝްއިން ސާފްގެ ސެމީ ފައިނަލުގައި ނުކުންނަން ޖެހެނީ ވަރުގަދަ ކުވައިތާ ދެކޮޅަށް ނަމަވެސް، ޓީމު އޮތީ 100 ޕަސެންޓް އިތުބާރާ އެކުގައި ކަމަށް ކެޕްޓަން ޖަމާލް ބުންޏެވެ.

"ކުވައިތަކީ ވަރަށް ރަނގަޅު ޓީމެއް. އަނެއް ގްރޫޕްގެ އެއްވަނަ ހޯދުމުން އެނގޭ ކުވައިތުގެ ވަރުގަދަކަން. އަހަރެމެން ޓީމަކީ ވަރަށް ރަނގަޅު ޓީމެއް. އެހެންވިޔަސް އަހަރެމެން ވިސްނާނީ ޓު ޑޫ ސަމް ޑެމޭޖު. ފިޒިކަލީ ކޮންމެވެސް ވަރަކަށް ވަރުބަލި ނަމަވެސް، މެންޓަލީ ހަމަ ވަރަށް ތައްޔާރު. އަހަރެމެން އިތުރު ހަރުފަތަކަށް މަސައްކަތް ކޮށްގެން ވާނީ. ބޫޓާނާއި ރާއްޖެއަށް އިހުތިރާމް ކުޑަ ކުރާކަށް ނޫން. އެހެން ނަމަވެސް، ކުވައިތަކީ އެހެން ހަރުފަތެއްގެ ޓީމެއްކަން ގަބޫލުކުރަން ޖެހޭނެ. އަހަރެމެންނަށް ކޮޅަށް ގޯލެއް ވައްދާލައިގެން ނުފެށޭނެ. އަހަރެމެންގެ 100 ޕަސެންޓް އުންމީދު އެބައޮތް،" ޖަމާލް އިއްޔެގެ ޕްރެސްގައި ބުންޏެވެ.

ޖަމާލް ބުނީ ބަންގްލަދޭޝްގެ ގިނަ ބަޔަކު ފުރަތަމަ، ޓީމަށް ސެމީއަށް ދެވޭނެ ކަމަށް އެއްވެސް އުންމީދެއް ނުކުރި ނަމަވެސް، އެކަން ކުރުމަށް އަބަދުވެސް ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ދިޔައީ އުންމީދު ދެމުން ކަމަށެވެ. އަދި މިހާރު ޓީމާއެކު އެތައް ބަންގްލަދޭޝްގެ ރައްޔިތުންތަކެއް ތިބުމުން، ފައިނަލަށް ދިޔުން އެއީ ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ.

ޓީމު މިހާރު އޮތީ ވަރަށް ރަނގަޅު ކޮންފިޑެންސެއްގައި. އެހެން ނަމަވެސް މާ ބޮޑަށް ކޮންފިޑެންސްވުންވެސް އެއީ ރަނގަޅު ކަމެއް ނޫން، ކުވައިތަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަން ޖެހޭ. އަހަރެމެން މިހާ ހިސާބަށް އަންނާނެ ކަމަށް އެއްވެސް މީހަކު އުންމީދުވެސް ނުކުރެވޭ. އެހެން ނަމަވެސް ކޯޗު ދިޔައީ އެވާހަކަ ބުނަމުން. އަހަރެމެން އެކަން ގަބޫލުކުރިން. މިހާރު ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުން މި ޓީމާއެކު، ޓީމަށް އުންމީދުކުރާ އިރު، އެއީ ޒިންމާއެއް. އުންމީދަކީ އެ ރައްޔިތުންނަށް ރަނގަޅު ކަމެއް ކޮށްދެވުން،" ކުރިން ޔޫރަޕްގެ ބައެއް ކްލަބުތަކުގައި ކުޅުނު ޖަމާލް ބުންޏެވެ.

ބަންގްލަދޭޝްއިން މިފަހަރުގެ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެއީ ރާއްޖެ އާއި ބޫޓާން ކައިރިންނެވެ. އެ ދެ މެޗުންވެސް ބަންގްލަދޭޝް މޮޅުވީ ފަހަތުން އަރައި، 3-1 ގެ ނަތީޖާއަކުންނެވެ. ބަންގްލަދޭޝްގެ ޓާގެޓަކީ ސެމީ ނަމަވެސް، މިހާރު އޮތީ ފައިނަލަށް ދާން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް އިއްޔެ ކޯޗާއި ކެޕްޓަން ފާހަގަކުރިއެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.