އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި މާދަމާ ކުވައިތާ ދެކޮޅަށް ނުކުންނާނީ ފައިނަލަށް ދާން ކަމަށާއި ބަންގްލަދޭޝްއަށް ކުވައިތަށް "ސަޕްރައިޒް" އެއް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ބަންގްލްދޭޝްގެ ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މާދަމާ ހަވީރު ރާއްޖެ ގަޑިން މެންދުރުފަހު 2:30 ގައި ބަންގްލަދޭޝް ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ފެވަރިޓަކީ ގްރޫޕް އޭގެ އެއްވަނަ ހޯދި ކުވައިތެވެ. ބަންގްލަދޭޝްއިން މިފަހަރުގެ ސެމީގައި ވާދަކުރަނީ 14 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މިފަހަރުގެ ކުރިން ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީއަށް ދަތުރުކުރީ 2009 ވަނަ އަހަރުއެވެ. ދުވަސް ތަކަކަށްފަހު ބަންގްލަދޭޝްއިން ސާފްގެ ސެމީ ފައިނަލުގައި ނުކުންނަން ޖެހެނީ ވަރުގަދަ ކުވައިތާ ދެކޮޅަށް ނަމަވެސް، ކޯޗު ކަބްރޭރާ މިއަދުގެ ޕްރީ މެޗު ޕްރެސްގައި ބުނީ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުގައި ކަމަށެވެ.
"އަހަރެމެން ފުރަތަމަވެސް މި ވިސްނަނީ ކުޅުންތެރިންގެ ރިކަވަރީއަށް. މާދަމާގެ މެޗަށް މާ ބޮޑު ވަގުތެއްވެސް އަހަރެމެންނަށް ރިކަވާވަކަށް ނުވެސް ލިބޭ. 72 ގަޑިއިރުވެސް ނުލިބޭ. އަހަރެމެން މިތިބީ ވަރަށް ތައްޔާރަށް. އެހެންވިޔަސް. ކުވައިތާ ދެކޮޅަށް ވަރަށް ރަނގަޅު ފައިޓެއް ދީ، އަހަރެމެން ވިސްނާނީ ފައިނަލަށް ދާން. އަހަރެމެން އަބަދުވެސް އިދިކޮޅު ޓީމު ވަރަށް ރަނގަޅަށް އެނަލައިޒްކޮށް، ބަލަނީ އެޓީމުގެ ބަލިފައެއް ހޯދުމަށް. އަހަރެމެންނަށް މާދަމާވެސް ކުރަން ޖެހޭނީ އެކަން. ކުވައިތަށް ސަޕްރައިޒެއް ދޭން ވިސްނާނީ. ކުވައިތަކީ ހުރިހާ ގޮތަކުންވެސް، ޓްރާންސިޝަން ތަނުގައިވެސް ވަރަށް ރަނގަޅު ޓީމެއްކަން އެނގޭ. އެކަމަކުވެސް ބޭނުންވަނީ ޓަފް ފައިޓެއް ދޭން. މެންޓަލީ އެކަމަށް ތައްޔާރުވާނެ ޓީމު،" ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝްއިން މުބާރާތަށް ކަނޑައެޅި ޓާގެޓަކީ ސެމީ ފައިނަލް ނަމަވެސް، އެ ހިސާބުން މަޑުޖެހުން އެއީ ވިސްނުމުގައި އެކަން އޮތް ގޮތް ނޫން ކަމަށް ކަބްރޭރާ ބުންޏެވެ.
"އަހަރެމެންނަށް މިހާ ހިސާބަށް އާދެވުމަކީ ފަހުރެއް. އެއީ ފުރަތަމަ މަރުހަލާ. އެކަން ހާސިލްވެފައި އޮތަސް މިހާ ހިސާބުން ހުއްޓާ ނުލައި، ދެން އޮތީ ފައިނަލަށް ދިޔުން. އަހަރެމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. ވަރަށް ރަނގަޅު ޓީމުން މިހާތަނަށް ދެއްކި ހިތްވަރު. ފަހަތުން އަރައި މޮޅުވުމަކީ ވަރަށް ރަނގަޅު މެންޓާލިޓީއެއް ފެންނަ ކަމެއް. އެހެން ނަމަވެސް، ފަހަތުން އަރައި މޮޅުވުމަކީ އަބަދު އެކަން ކުރަންވި ގޮތެއް ނޫން. އަހަރެމެން ޖެހޭ އެކަހަލަ ރިސްކުތައް މަދުކުރަން. ހާއްސަކޮށް ކުވައިތާ ދެކޮޅަށް ކުޅޭއިރު، އެކަމަށް އުންމީދެއް ނުކުރެވޭނެ،" ކަބްރޭރާ ބުންޏެވެ.
ބަންގްލަދޭޝްއިން މިފަހަރުގެ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެއީ ރާއްޖެ އާއި ބޫޓާން ކައިރިންނެވެ. އެ ދެ މެޗުންވެސް ބަންގްލަދޭޝް މޮޅުވީ ފަހަތުން އަރައި، 3-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މާދަމާގެ ސެމީ މެޗުގައި އެއީ ވިސްނުން ގެންގުޅެންވީ ގޮތް ނޫން ކަމަށް ކަބްރޭރާ ބުންޏެވެ.
"ކުވައިތު ފޯވަޑުންނާއި ބަންގްލަދޭޝް ޑިފެންސް ލައިން ވާދަކުރާނެ މެޗަކަށްވާނެ. 50-50 ގެ ބެޓަލްއަކަށް އަހަރެމެން މި ތައްޔާރުވަނީ. މޮޅުވާން ހަމަ ޓާގެޓް ކުރާނީ. ފުރަތަމަ މިނެޓުން ފެށިގެން ކުވައިތު ހުއްޓުވަން ފޯކަސް ކުރަން ޖެހޭނެ. އެހެންނަމަވެސް، އަހަރެމެން ކޮޅަށް ގޯލެއް ވަނަސް، ފަހަތުން އަރާ މޮޅުވާން އެ ހިތްވަރު ދައްކާނަން،" ސްޕެއިންގެ ކޯޗު ކަބްރޭރާ ބުންޏެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023