ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭންގެ ހަރަކާތްތައް އަތޮޅުތެރެއަށް މިއަދު ފަށައިފިއެވެ.

ގާސިމްގެ ކެމްޕޭން ހަރަކާތްތައް އަތޮޅުތެރޭގައި ފެށުމަށް މިއަދު ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުން ވަނީ ބ. އަތޮޅު އަދި. ރ. އަތޮޅަށް ވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ ރިޔާސީ ކެމްޕޭނަށް މިއަދު އަތޮޅުތެރެއަށް ދިޔަ ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކެމްޕޭން މެނޭޖަރު އަމީން އިބްރާހީމްއާއި ގާސިމްގެ ތަރުޖަމާނު، އަބްދުﷲ އަމީން އާއި ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ނަވާޒާއި އެ ޕާޓީގެ ޕީޖީ ލީޑަރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ އިތުރުން ޒުވާނުންގެ ލީގުގެ ނައިބު ރައީސް ޝުއައިބު ޝިފާޒް ޝަރީފު އަދި ގޮއިދޫ ދާއިރާގެ ރައީސް އާދަމް ޝަފީއު ކަމަށެވެ،

އެ ޓީމުން ބ. އަތޮޅު އަދި ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާނެ ކަމަށާއި އެ ދަތުރުތަކުގެ ތެރެއިން ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމުތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ގާސިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ބާއްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ. އެގޮތުން މަކުނުދޫ ދާއިރާ އަދި މަތިވެރި ދާއިރާގައި މިހާރުވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށްދާ ކަމަަށް ބުންޏެވެ.