14 އަހަރު ފަހުން ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރީ ނަސީބަކުން ނޫން ކަމަށާއި، އެއީ ކުރެވުނު މަސައްކަތްތަކެއް ނަތީޖާ ކަމަށް ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ސެމީ ޔަގީންކުރީ ބޫޓާން 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މިއީ 2009 ވަނަ އަހަރަށްފަހު ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އެ ފަހަރު ބަންގްލަދޭޝްއިން ބަލިވީ އިންޑިއާއާ ވާދަކޮށެވެ. މިފަހަރުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއިން ނުކުންނަން ޖެހޭނީ ކުވައިތާ ދެކޮޅަށެވެ.
ބަންގްލަދޭޝްއިން މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ސަލާމަތްވީ ރާއްޖެ ކަޓުވާލައިފައެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް ތާރީހީ ނަތީޖާއެއް ހޯދައި، ބަންގްލަދޭޝް ސެމީ ޔަގީންކުރީ ދެ މޮޅާއެކުގައެވެ. މިއީ ރާއްޖެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.
"އަހަރެން ވަރަށް އުފާކުރަން މި ހާސިލް ކުރެވުނު ކާމިޔާބީއާ ގުޅިގެން. ފުރަތަމަ ކޮޅުގައި އަހަރެމެންނަށް ފަށައިގެން އުނދަގޫތަކާ ދިމާވި ނަމަވެސް، ފަހުން ކުޅުން ރަނގަޅުކޮށް، މެޗު ތެރެއަށް ވަދެ، ނަތީޖާ ނެރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. އަހަރެމެންގެ ޓީމުން ހާސިލްކުރަން ބޭނުންވި ކަންތައްތައް ހާސިލުކުރަން ވަރަށް ފުރިހަމައަށް މަސައްކަތް ކުރި. އަހަރެމެންނަށް ޗެލެންޖްތަކާ ފާޑު ކިޔުންތަކާވެސް އެކިއެކި ގޮތްގޮތުން ދިމާވި، އަހަރެން ވަރަށް އުފާވެފައި މިހުރީ ބަންގްލަދޭޝްގެ ރައްޔިތުންނަށް ކާމިޔާބީއެއް ހޯދައިދީ، އެ ރައްޔިތުންނަށް އުފާވެރިކަމެއް ގެނެސްދެވުނީމަ. މީގެ ކްރެޑިޓް ހައްގީ ކުޅުންތެރިންނަށް،" ކަބްރޭރާ މިރޭ މެޗުގެ ޕޯސްޓް ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.
ކަބްރޭރާ ބުނީ ބަންގްލަދޭޝްއަށް ސެމީ ހޯދުނީ ނަސީބަކުން ނޫން ކަމަށާއި، އެއީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކަޑައްތުކޮށް ކުރި މަސައްކަތްތަކެއް ކަމަށެވެ.
"މިއީ ޖެނުއަރީ މަހުން ފެށިގެން މަޑުމަޑުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއް. މިއީ ކަނޑައެޅި ޓާގެޓްވެސް މޭ. އަހަރެމެންނަށް ދެންވެސް އޮތީ ކުރަން އޮތް ކަންކަމައިގެން މަޑުމަޑުން ކުރިއަށް ދިޔުން. ސެމީ ފައިނަލަށް މިހާރު ޓާގެޓް އޮތީ މުބާރާތުގެ. ކުވައިތު ޓަފް ވާނެ. އަދި އޭގެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗުތައްވެސް އޮންނާނެ. އެއީ ވަރަށް މުހިއްމު ކަމެއް މެޗުތަކަށް ވަކިވަކިން ފޯކަސް ކުރުން. މިއީ ނަސީބަކުން ކުރެވުނު ކަމެއް ނޫން. މިއީ މަސައްކަތުގެ ނަތީޖާ. ބަންގްލަދޭޝްގައި އެބައޮތް ޓެލެންޓް. ކެޕޭސިޓީ އެބަހުރި. އެންމެންގެ ސަޕޯޓާއެކު ކަންކަން ހާސިލް ކުރެވޭނެ،" ކަބްރޭރާ ބުންޏެވެ.
ކަބްރޭރާ ބުނީ އޭނާގެ އެސިސްޓެންޓް ކޯޗުންނާއި ޓީމުން ބަންގްލަދޭޝް ލީގުގެ ކޮންމެ މެޗެއް ބަލައި، ކްލަބުތަކުގެ ވާނުވާވެސް ކައިރިން ބަލައި، މުޅި ފުޓުބޯޅަ ސިސްޓަމް ރަނގަޅުކުރަން މަސައްކަތްތަކެއް ކުރި ކަމަށާއި، ވަލިވަކިން ކުޅުންތެރިން ޓީމަށް ހޭނި ދައްކަމުންދާ މޮޅު ކުޅުމަކީ އެ ހުރިހާ އެންމެންގެވެސް މަސައްކަތުން ފެންނަ ބަދަލުތައް ކަމަށް ކަބްރޭރާ ބުންޏެވެ.
މިރޭގެ ޕްރެސްގައި ކަބްރޭރާ ވަނީ ނޫސްވެރިންގެ ފާޑު ކިޔުންތަކަށްވެސް ޖަވާބު ދީފައެވެ. އޭނާ ބުނީ މަދު ފަހަރެއްގައި ނޫނީ ބަންގްލަދޭޝްގެ ނޫސްވެރިންނަށް ޓީމަށް ހިތްވަރު ދީ، އިތުބާރުކޮށް ބަހެއް ނުބުނާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ނޫސްވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ކަބްރޭރާ ބުނީ ނޫސްވެރިންނަކީ ގައުމީ ޓީމަށް މީހުންގެ އިތުބާރު ހޯދަން މުހިއްމު ބައެއް ކަމަށާއި، ކުދިކުދި މައްސަލަތައް ބޮޑެތި "ނެގެޓިވް" ކަންތައްތަކަށް ހަދައިގެން އުޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023