ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ފަހު ޖާގަ، ބަންގްލަދޭޝްއިން ހޯދައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ސެމީ ޔަގީންކުރީ ބޫޓާން 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މިއީ 2009 ވަނަ އަހަރަށްފަހު ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. އެ ފަހަރު ބަންގްލަދޭޝްއިން ބަލިވީ އިންޑިއާއާ ވާދަކޮށެވެ. މިފަހަރުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއިން ނުކުންނަން ޖެހޭނީ ކުވައިތާ ދެކޮޅަށެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ގްރޫޕް ބީގެ އެއްވަނަ ލުބުނާނަށް އޮތީ ޔަގީންވެފައެވެ. ދެން އޮތް މަގާމަށް ގްރޫޕުގައި ބާކީ އޮތް ތިން ޓީމަށްވެސް ފުރުސަތު އޮތެވެ. ބަންގްލަދޭޝްއަށް އަމިއްލަ ބާރުގައި މެޗު އެއްވަރު ކޮށްލައިގެންވެސް ދެވެން ފުރުސަތު އޮތެވެ. ބޫޓާނަށް އޮތީ ގިނަ ގޯލުތަކެއް ޖެހުމެވެ. ބޫޓާން ދެ ގޯލަށްވުރެ ތަފާތު ބޮޑުކޮށް ބަންގްލަދޭޝް ބަލިކޮށްފިނަމަ، ރާއްޖެއަށް ސެމީއަށް އުންމީދުވެސް އޮތެވެ. އެހެންކަމުން ގިނަ ލޯތަކެއް މިރޭގެ މެޗަށް އަމާޒުވެފައި އޮތީ ގްރޫޕް ބީގެ ދެވަނަ މަގާމު ހޯދުމަށެވެ.
މިރޭގެ މެޗު ފެށީ އަވަސް ޓެމްޕޯއެއްގައެވެ. ބޫޓާނުން ބަންގްލަދޭޝްގެ ފަހަތަށް ވަރަށް ބޮޑަށް ޕްރެސް ކޮށްލައިގެން ކުޅެފައިވާ އިރު، ހަމަލާތައްވެސް އުފެއްދިއެވެ. ޝެރުބް ޑޯޖީ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން މަތަކޮށްފައިވާ އިރު، 12 ވަނަ މިނެޓުގައި ބޫޓާން ލީޑު ނެގިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބޫޓާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސެންޑާ ޑޯޖީއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ މަތީ ކަނަކަށެވެ.
ބޫޓާނުން މެޗުގެ ކުރީކޮޅުގައި "ސަޕްރައިޒިން" ލީޑެއް ނެގި ނަމަވެސް، ބަންގްލަދޭޝް ދެން ފެނުނީ މާ ވަރުގަދަކޮށެވެ. އެޓީމުން ވަނީ ރަނގަޅަށް ކުޅެ ފުރަތަމަ ހާފުގައި ތިން ގޯލުވެސް ޖަހައިފައެވެ. ބަންގްލަދޭޝްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު، 21 ވަނަ މިނެޓުގައި ޖެހި އިރު، އެ ގޯލަކީ ޝެއިޚް މޯސަލީން ޖެހި ގޯލެކެވެ. ބޫޓާންގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއުނުކުރެވުމުން، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބަންގުލަދޭޝަށް މޯސަލިން ލީޑު ނަގައިދީފައިވާ އިރު، އޭނާ ފޮނުވާލި ހަމަލާ، ބޫޓާން ކީޕަރު ޔެލްޓްޝެން ޒަންގްޕޯއާ ދިމާއަށް ދިޔަ ނަމަވެސް، ގޯލުގެ ތެރެއަށް އެ ބޯޅަ ވަދެފައިވަނީ އޭނާއަށް ދިފާއުނުކުރެވިގެން، އޭނާގެ ބޯ މަތިންނެވެ.
އޭގެ 10 ވަރަކަށް މިނެޓްފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ފަހަތުން އަރައި ލީޑު ނެގިއެވެ. އެ ގޯލަކީ ބޫޓާންގެ ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޝެއިޚް މޯސަލިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ރާކިބް ހުސައިން ޖައްސާލުމާއެކު އެ ބޯޅަ، ބޫޓާންގެ ޑިފެންޑަރު ޖިގްމޭ ގައިގައި ޖެހި ގޯލުގެ ތެރެއަށް ވަނެވެ. ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްއިން ލީޑު ފުޅާކޮށްފައިވާ އިރު، ބަންގުލަދޭޝަށް ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިނެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ވަރަށް ހަނި އޭންގަލަކުން ބޫޓާން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ރަނގަޅަށް ފެށީ ބޫޓާނުންނެވެ. ހާފުގެ ކުރީކޮޅުގައި ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން ބޫޓާންގެ ޓެންޒިން ނޯބޫ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، ބަންގްލަދޭޝްއިން ވަނީ ރަނގަޅަށް ބޯޅަ ހިފަހައްޓައި، މެދުތެރެއިން މެޗު ކޮންޓްރޯލު ކޮށްފައެވެ. ހާއްސަކޮށް އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން އެ ތަފާތު ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި ބަންގްލަދޭޝްގެ އޭރިއާ ތެރެއަށް ބޫޓާނުން ނުރައްކާ ކުރި ނަމަވެސް، އެކަށީގެންވާ ހަމަލާއެއް ފެނިގެން ނުދެއެވެ. ބޫޓާންގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ އިތުރު ވަގުތުގައެވެ. ބޫޓާންގެ ކެޕްޓަން ޗެންޗޯ ދުރުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި އެއްވަނަ ދުވަހުއެވެ. ފުރަތަމަ ސެމީ ފައިނަލްގައި އެ ދުވަހު ހަވީރު ކުވައިތު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އޭގެ ފަހުން އެރޭ އޮންނަ ސެމީގައި ލުބުނާނުން ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023