އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު އެންމެފަހު މެޗުގައި މިއަދު ލުބުނާން އަތުން 1-0 އިން ބަލިވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ބަލިވި ނަމަވެސް، ރާއްޖެއަށް އަދި ސެމީ ފައިނަލަށް ވަރަށް ހަނި ފުރުސަތެއް އެބައޮތެވެ. އެއީ މިރޭ މެޗުން ބޫޓާން މޮޅުވެއްޖެ ނަމަ، ގޯލު ތަފާތުން ލިބެން އޮތް ހަނި ފުރުސަތެކެވެ. މިރޭ ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވެ، ނޫނީ އެއްވަރުވެއްޖެ ނަމަވެސް ރާއްޖެ ކަޓާނެއެވެ. ރާއްޖެ މިރޭ ކަޓައިފި ނަމަ، އެއީ ސާފް ޗެމްޕިއަންޝިޕްގައި ދެ ގްރޫޕަކަށް ބަހާލައިގެން މެޗުތައް ކުޅުނު ފަހަރެއްގައި ރާއްޖެ ކުޅެ، ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހޭނެ ފުރަތަމަ ފަހަރަށެވެ.

މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް ސެމީ ފައިނަލަށް ދާން އޮތީ ހަނި ފުރުސަތެކެވެ. އެއީ މިއަދުގެ މެޗުން މަދުވެގެން ޕޮއިންޓެއް ހޯދައި، މިރޭ ބަންގްލަދޭޝްއާއި ބޫޓާން ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރުމެވެ. ރާއްޖެއަށް ފައިދާއެއް ވާން އޮތީ މިއަދުގެ މެޗުގެ ޕޮއިންޓާއެކު މިރޭ ބޫޓާނުން ބަންގްލަދޭޝް ބަލިކުރުމުންނެވެ. ހަނި ފުރުސަތެއް އޮތް ނަމަވެސް މެޗަށް ޓީމު ނުކުތީ ފުރުސަތުގެ ބޭނުން ހިފުމަށެވެ.

ބަންގުލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ފުރަތަަމަ 11 އިން މުޅިން މާޒިޔާ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ފެނުނު ނަމަވެސް، މި މެޗަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މުހައްމަދު އިރުފާން (އިރޭ) ދެ ކާޑު ހަމަވެގެން ސަސްޕެންޝަނެއްގައި ހުރި އިރު، އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު) ފެށީ ބެންޗުންނެވެ.

ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ފުރަތަަމަ ފަހަރަށް ހަސަން ޝިފާޒް (ޑުންގާ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް އަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. އޭގެ ތެރެއިން ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ހަންނައަށް ރަތް ކާޑެއް ދެއްކުމުން ބަންގުލަދޭޝް މެޗުގައި އޭނާ ހުންނަން ޖެހުނީ ސަސްޕެންޝަނެއްގައެވެ. ފުރަތަމަ 11 އިން ދެން ފުރުސަތު ދީފައިވާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަކީ ބޫޓާން މެޗުގެ ފުރަތަމަ 11 އިން ފެނުނު ކުޅުންތެރިއެއް ނަމަވެސް ބަންގުލަދޭޝް މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގައިގައި ފެނިގެންދިޔަ ކުޅުންތެރިއެކެވެ.

މިއަދު ލުބުނާނުން ނެރުނު ފުރަތަމަ 11 ގައި އެޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، ކެޕްޓަން ހަސަން މާތޫކަށް ފުރުސަތު ދީފައިވާ އިރު، ފުރަތަމަ ހާފުގައި ރާއްޖެއަށް އެންމެ ބޮޑަށް ނުރައްކާ ކުރިމަތިވީވެސް އޭނާގެ ފަރާތުންނެވެ. ފުރަތަމަ ކޮޅުގައި ލުބުނާނުން އެއްކޮށްހެން ކުރިއަށް ޖެހި އެޓޭކަށް ވިސްނާފައިވާ އިރު، ރާއްޖެއިން ފެށީ ވަރަށް ބޮޑަށް ފަހަތަށް ވިސްނައިގެންނެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅުގައި ލުބުނާނުގެ އެޓޭކް ހިފަހައްޓަން ރާއްޖެއިން ވަނީ ރަނގަޅު މަސައްކަތްތަކެއްވެސް ކޮށްފައެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ރާއްޖޭގެ އިބްރާހީމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ މަތިން ބޭރަށް ދިޔަ އިރު، ރާއްޖެއަށް އެންމެ ރަނގަޅަށް ކުޅުނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. އޭނާ އަރިމަތިން ލުބުނާނުގެ ޑިފެންޑަރު ނައްޓާލައި ދެތިން ފަހަރެއްގެ މަތިން ނުރައްކާ ކޮށްފައިވާ އިރު، ހަމްޕުގެ ބާރު ހަމަލާއެއް ލުބުނާނުގެ ގޯލްކީޕަރު މެހްދީ ހަލީލް އަތަށްވެސް އަމާޒުކޮށްލިއެވެ.

ލުބުނާނުން މެޗުގެ ލީޑު ނެގީ 24 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހަސަން މާތޫކެވެ. ހިތްގައިމު ހިލޭ ޖެހުމަކުން ލުބުނާނަށް ކެޕްޓަން ހަސަން މާތޫކް ޖެހި ގޯލަކީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ. އޭނާގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެއެވެ. އެއީ ލުބުނާންގެ ގައުމީ ޖާޒީގައި އޭނާ ޖެހި 23 ވަނަ ގޯލެވެ. އޭނާއަކީ މިހާތަނަށް ލުބުނާނަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާވެސް މެއެވެ.

ފުރަތަމަ ހާފުގައި އިތުރު ހަމަލާއެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ލުބުނާނުން ނުރައްކާ ކުރިއެވެ. ރަނގަޅު ދެތިން ހުރަހެއް ހާފުގެ ކުރީކޮޅުގައި ލުބުނާނުން ނަގާފައިވާ އިރު، ހަސަން މާތޫކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ލުބުނާންގެ ޒެއިން އަލް އަބިދީން ފަރާން ހަމަލާއެއް ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ މިނެޓެއް ފަހުން ކޯނަރަކުން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ލުބުނާންގެ ބަދަލު ކުޅުންތެރިޔާ ޖޯޖް ފީލިކްސް މެލްކީ ފޮނުވާލި އޯވަހެޑް، ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ލުބުނާނުގެ އެ ނުރައްކަލަށް ފަހު އަނެއްކާވެސް ރާއްޖެއިން ހަމަޖެހިލައި، މެޗުގެ ތެރެއަށް ވަނެވެ. ދެވަނަ ހާފުގައި ރާއްޖެއިން އުފެއްދި ފުރަތަމަ ހަމަލާ، މެޗުގެ 51 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ ބްލޮކްވެފައިވަނީ އޮފްސައިޑް މަގާމެއްގައި ހުރި ރާއްޖޭގެ ނާއިޒް ހަސަން (ދާދު)ގެ ފައިގައި ޖެހިފައެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ރަނގަޅަށް ލުބުނާން ހިފަހައްޓައި އެޓޭކަށް ފުރުސަތުތައް ހޯދަން މަސައްކަތް ކޮށްފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލުބުނާނަށްވެސް ހާފުގެ ފަހުކޮޅުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ޑިފެންސިވްލީ ރާއްޖެއިން ރަނގަޅަށް ކުޅުނު އިރު، ނާއިޒް ހަސަން (ދާދު)އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިތަން ފެނިގެން ގޮސްފައިވެއެވެ. އަދި އޭގެ ފަހުން ހަމްޕު ދުރުން ފޮނުވާލި ހަމަލާވެސް ދިޔައީ ބޭރަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި މިރޭ ވާދަކުރާނީ ބަންގްލަދޭޝްއާއި ބޫޓާނެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.