އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އެހާ "ސީރިއަސްކޮށް" ނުނަގާ ކަމަށް އިންޑިއާގެ ކެޕްޓަން އަދި ލެޖެންޑް ސުނިލް ޗެތުރީ ބުނެފިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސާފް ޗެމްޕިއަންޝިޕްގައި ހެދި ގޯލު ޖެހުމުގެ ރެކޯޑާ އިންޑިއާގެ ކެޕްޓަން ޗެތުރީ ރޭ ވަނީ އަރާ ހަމަކޮށްފައެވެ. ދަގަނޑޭގެ ރެކޯޑާ ޗެތުރީ އަރައި ހަމަކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕް 2023 ގައި ރޭ ކުވައިތު ކޮޅަށް ޖެހި ގޯލާ އެކުއެވެ. އެ ގޯލަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.

ކުވައިތު ކޮޅަށް ރޭ ޗެތުރީ ޖެހި ހިތްގައިމު ގޯލަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އޭނާ ޖެހި 23 ވަނަ ގޯލެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ދަގަނޑޭވެސް ރެކޯޑު ހަދާފައިވަނީ 23 ގޯލާއެކުއެވެ. ނަމަވެސް އަނިޔާގެ ސަބަބުން އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ނުކުޅެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީވެސް ޗެތުރީއެވެ. އޭނާ ވަނީ ގްރޫޕު ސްޓޭޖުގައި އިންޑިއާ އިން ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ޕާކިސްތާން ކޮޅަށް ޗެތުރީ ހެޓްރިކް ހެދި އިރު، ނޭޕާލް އަދި ކުވައިތު، އެއިން ކޮންމެ ޓީމެއް ކޮޅަށްވެސް ގޯލެއް ޖެހިއެވެ.

އެ މެޗަށްފަހު ބައެއް ނޫސްތަކަށް ވާހަކަދައްކަމުން ޗެތުރީ ބުނީ ގޯލު ރެކޯޑަށް އެހާވަރަށް ނުބަލާ ކަމަށާއި ގޯލުތަކުގެ އަދަދަކީ އޭނާ އެހާ ބޮޑަށް ސަމާލުކަންދޭ އެއްޗެއް ނޫން ކަމަށެވެ.

"އަހަރެން (ގޯލު ރެކޯޑު) އެހާ މުހިންމު ކަމެއް ގޮތުގައި، ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގަން. އަހަންނަށް ގައުމީ ޓީމަށް ޖެހުނު ގޯލުތަކުގެ އަދަދަށްވެސް އެހާ ބޮޑު ސަމާލުކަމެއް ނުދެން. އަހަރެން މިއީ އެރޮގެންޓް ވާންވެގެން ބުނާ އެއްޗެއް ނޫން. އެއީ ހަމަ އެކަމަށް ނުވިސްނާތީ ބުނާ އެއްޗެއް. އަހަރެންގެ ކެރިއަރު ނިންމާލައި، ހަތަރު ފަސް އަހަރުފަހުން ހަމަޖެހިލައިގެން ބާގާއެއް ކާލަން އިނދެ ދައްކަން ރަނގަޅު ވާހަކައަކަށް އެ ވާހަކަ ވެދާނެ،" ޗެތުރީ ބުންޏެވެ.

ގައުމީ ޓީމަށް 140 މެޗުން 92 ގޯލު ޖަހައިދީފައިވާ ޗެތުރީ އިތުރަށް ބުނީ ކެރިއަރުގައި މިހާތަނަށް ހޭދަކުރި ދުވަސްތަކުން ލިބުނު ތަޖުރިބާއަކީ 38 އަހަރުގައިވެސް ފޯމު ދަމަހައްޓަން އެންމެ ބޭނުންތެރި ކަންތައް ކަމަށާއި މިހާރު ހުރި އުމުރުގައި ކުރިން ގޯސްކޮށް ކުރެވުނު ހުރިހާ ކަމެއް އޭނާއަށް އެނގޭ ކަމަށެވެ. އަދި އެ ކަންތައް އެއީ ތަޖުރިބާއެއްގެ ގޮތުގައި ބަލާ ކަމަށްވެސް ޗެތުރީ ބުންޏެވެ.

ޗެތުރީއާ ނުލައި އިންޑިއާއަށް ގޯލު ޖެހުމަށް އުނދަގޫތަކާ ކުރިމަތިވާނެތޯ ސުވާލުކުރުމުން އޭނާ ބުނީ މިހާރު ގައުމީ ޓީމުގައި އޭނާއަށްވުރެ މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި އޭނާއަށް ސަމާލުކަން ހުއްޓެނީ އެހެން ކުޅުންތެރިންނަށްވުރެ ބަލާލަން ރީތިވުމުން ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ އަހަންނާ ނުލާވެސް މިހާރު ގައުމީ ޓީމު ވަރަށް މޮޅުވާނެ ކަމަށް. އަހަންނާ ނުލާ ކުޅޭ މެޗުތަކުގައިވެސް ގައުމީ ޓީމު ތަފާތު. މިހާރު އިންޑިއާ ޓީމަކީ ސުނިލް ޗެތުރީއަށް ބަރޯސާވާ ޓީމެއް ނޫން. އަހަންނަށްވުރެ މާ ރަނގަޅު، މޮޅު ކުޅުންތެރިންވެސް އެބަ ތިބި މިހާރު އިންޑިއާގައި. އަހަންނަށް ސަމާލުކަން ބޮޑުވަނީ އަހަރެން ބަލާލަން ރީތި ވީމާ. ޓީމު އަހަންނާ ނުލާ މާރަނގަޅުވާނެ،" ސަމާސާ ރާގަކަށް ޗެތުރީ ބުންޏެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.