ސާފް ޗެމްޕިއަންޝިޕް 2023 ގައި މިއަދު ރާއްޖެއިން ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ. އެއީ ގްރޫޕް ބީގައި ރާއްޖެއިން ކުޅޭނެ ފަހު މެޗެވެ. މެޗަށް ނުކުންނަ އިރު، ދިވެހީންނަށް އޮތީ ނޭވާ ހިފަހައްޓާލަންޖެހޭ ހާލަތެކެވެ. ސެމީ ފައިނަލަށް ޓީމަށް އޮތީ ހަނި އުންމީދެކެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެންމެ މުހިންމު މެޗު، ބަންގްލަދޭޝް މެޗު ގެއްލުމުންނެވެ. އެ ހަނި އުންމީދަށްވެސް ހިތްވަރުކުރަން ޖެހެއެވެ. ގައުމީ ޓީމަށް އިތުބާރުވެސް ކުރަންޖެހެއެވެ. ކުޅުންތެރިން ދަނޑުމަތީގައި ގައުމުގެ ފަހުރަށް މަސައްކަތް ކުރާނެކަންވެސް ޔަގީނެވެ. އެ މަސައްކަތަށް އިންތިޒާރުވެސް ކުރެވެއެވެ.
ރާއްޖެ ގުރޫޕްގައި އޮތީ ބޫޓާން، ރާއްޖެ، ބަންގްލަދޭޝްގެ އިތުރުން ވަރުގަދަ ލުބުނާނެވެ. ހިސާބު ޖަހައިގެން އަދަދުތަކުން އަދި މީގެން ކޮންމެ ޓީމަކަށްވެސް ސެމީގެ ފުރުސަތު އެބަ އޮތެވެ. އެކި ޓީމަށް އެ ފުރުސަތު އޮތީ އެކި ވަރަށެވެ. ހަގީގީ ނަޒަރަކުން ވިސްނާ ނަމަ، ސެމީގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ ދެ މެޗުން ދެ މޮޅު ހޯދި ލުބުނާނަށެވެ. މިއަދުގެ މެޗުގައި ރާއްޖެ ކައިރިން ބަލިވިޔަސް، ލުބުނާނަށް އަދި ސެމީގެ ފުރުސަތު އެބަ އޮތެވެ. އެއީ ތަފާތު ބޮޑުކޮށް ބަލިނުވެ، ބަންގްލަދޭޝް އިން ފަހު މެޗުގައި ބޫޓާން ބަލިކޮށްފި ހާލަތެއްގައެވެ.
ދެވަނައިގައި އޮތް ބަންގްލަދޭޝްއަށް އޮތީ ބޫޓާން ބަލިކުރުމެވެ. މި ވަގުތު ރާއްޖެއާއި ބަންގްލަދޭޝް، ފައިދާ ގޯލުންނާއި ޖެހި ގޯލު އަދި ކޮޅަށް ވަން ގޯލުވެސް އޮތީ އެއްވަރުވެފައެވެ. ބަންގްލަދޭޝްއަށް ދެވަނަ މި ވަގުތު ލިބެނީ ހެޑް ޓު ހެޑް ނަތީޖާ އިންނެވެ. ހެޑް ޓު ހެޑް ނަތީޖާ އިން ކުރީގައި އޮތުމުން ބަންގްލަދޭޝްއަށް އަމިއްލަ ބާރުގައި ސެމީގެ ފުރުސަތު އެބަ އޮތެވެ.
ރާއްޖެއަށް އޮތް ފުރުސަތަކީ ލުބުނާން އަތުން މޮޅުވުން ނޫނީ އެއްވަރު ކޮށްލައިގެން އޮތް ހަނި ފުރުސަތެކެވެ. އޭގެން ކޮންމެ ހާލަތެއްގައިވެސް ރާއްޖެއިން ބަންގްލަދޭޝްގެ ނަތީޖާއަށް ބަރޯސާވާން ޖެހެއެވެ. އެއީ ބަންގްލަދޭޝް އިން ބޫޓާން ކައިރީ ބަލިވެއްޖެ ނަމަ، ރާއްޖެއަށް ސެމީ ލިބޭނެއެވެ. ހަނި ފުރުސަތެކެވެ. ލުބުނާން އަތުން މިއަދުގެ މެޗުން ބަލިވެއްޖެ ނަމަ، ރާއްޖެއަށް ދެން ފަހު މެޗުގެ ކޮންމެ ނަތީޖާއަކާ އެކުވެސް ސެމީގެ ފުރުސަތެއް ނޯންނާނެއެވެ. ގްރޫޕްގެ ފަހު މެޗުގައި ކުޅޭނީ ބަންގްލަދޭޝްއާއި ބޫޓާނެވެ.
ރާއްޖެއަށް 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖު ދިޔައީ ވަރަށް ދަށްކޮށެވެ. ގޯލެއްވެސް އެ ފަހަރު ގްރޫޕް ސްޓޭޖުގައި ނުޖެހެއެވެ. މިފަހަރެކޭ އެއްގޮތަށް އެ ފަހަރުވެސް ގްރޫޕް ސްޓޭޖުގެ ކުޅުމަށް ރައްޔިތުން ތިބީ މާޔޫސްވެފައެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި ސްރީ ލަންކާއާއި ރާއްޖެ 0-0 އިން އެއްވަރުވުމުން، ގްރޫޕް ސްޓޭޖުގައި ހުރިހާ ގޮތަކުންވެސް ރާއްޖެއާއި ލަންކާވީ އެއްވަރެވެ. އެގޮތަށް އެއްވަރުވުމުން ރާއްޖެއާއި ލަންކާއާ ދެމެދު ޖެހެނީ ގުރު ނަގާށެވެ.
އެއީ ސާފް ޗެމްޕިއަންޝިޕްގެ ދިގު ތާރީހުގައި ގުރު ނަގައިގެން ސެމީއަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ. އެ ގުރުގައި ރާއްޖެއަށް ކާމިޔާބުވެ، ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ސަޖިދަ ޖެހި މަންޒަރަކީ ފުޓުބޯޅައިގައި އަބަދުވެސް ހަނދާން ހުންނާނެ މަންޒަރެކެވެ.
ގުރު ނަގައިގެން އެފަހަރު ސެމީއަށް ގޮސް ރާއްޖެއިން ނޭޕާލް ބަލިކޮށް، ފައިނަލުގައި ތަށި ނެގީ އިންޑިއާ ބަލިކޮށްފައެވެ. އެއީ ހަނި ފުރުސަތަކުން ރާއްޖެ ހޯދި ތަށްޓެކެވެ. މިއަދު މި އޮތީ އަނެއްކާވެސް އެކަހަލަ އިންތިޒާރެއް ކުރަން ޖެހިފައެވެ. ރައްޔިތުންގެ އީދު އުފާކުރުންތަކަށް ގައުމީ ޓީމަށް ގެނެސްދެވެން އޮތީ ސެމީގެ އުންމީދެކެވެ.
ރާއްޖެއާއި ލުބުނާން ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 3:00 ގައެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023