އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ދެ މެޗުގައިވެސް ދެއްކީ ގޯސް ރަތް ކާޑުތަކެއް ކަމަށް އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ ބުނެފިއެވެ.

ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އިންޑިއާއާއި ކުވައިތު މިރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ވަރުގަދަ މެޗު އެއްވަރުވެ، އެއްވަނަ ލިބުނީ ކުވައިތަށެވެ. އެއީ ޖެހި ގޯލުންނެވެ. އިންޑިއާއާއި ކުވައިތުވެސް ހަތް ޕޮއިންޓާއި ހަ ފައިދާ ގޯލާއެކު އޮތް އިރު، ކުވައިތު ވަނީ އިންޑިއާއަށްވުރެ އިތުރަށް އެއް ގޯލު ޖަހައިފައެވެ. ގްރޫޕްގެ ތިންވަނަ ހޯދި ނޭޕާލަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ޕޮއިންޓެއް ނުލިބި އޮތީ ޕާކިސްތާނެވެ.

މިރޭގެ މެޗު ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވާ އިރު، ޖުމުލަ ތިން ރަތް ކާޑު ފެނުނެވެ. މެޗުގައި ދެ ޓީމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް ވެސް ރަތް ކާޑެއް ދައްކައިފައިވެއެވެ. އަދި އޭގެ އިތުރުން ދެ ރީނދޫ ކާޑާއެކު އިންޑިއާ ކޯޗު އީގޯ ސްޓިމަކަށް ރަތް ކާޑު މިރޭވެސް ދައްކާފައިވެއެވެ. އެއީ މިފަހަރުގެ މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓިމަކަށް ދެއްކި ރަތް ކާޑާއެކު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ހުރީ ސަސްޕެންޝަންގައެވެ.

"މެޗުގައި ހުރި ރެފްރީއަކީ ވަރަށް ދަށް ރެފްރީއެއް. ސާފުން އެކަމާ ވިސްނަން ޖެހޭނެ. ނޫނިއްޔާ މި މުބާރާތުގެ އަގު ވެއްޓޭނެ. އަހަރެމެން ކޯޗަށް މި މެޗުގައިވެސް އަދި ކުރީ މެޗުގައިވެސް ދެއްކީ ދައްކަން ނުޖެހޭ ރަތް ކާޑުތަކެއް. އަދި މިރޭގެ މެޗުގައި ހުރި ރެފްރީއަށް މެޗު ކޮންޓްރޯލެއް ނުވި. އަހަަރެމެންގެ ޓީމުން މިރޭ ވަރަށް ރަނގަޅަށް ކުޅުނު. ކުވައިތުން ކުޅުނީ ވަރަށް "ރަފް" ކުޅުމެއް،" އިންޑިއާގެ ކުރީގެ ޑިފެންޑަރު އަދި މިހާރުގެ އެސިސްޓެންޓް ކޯޗު މަހޭޝް ބުންޏެވެ.

މަހޭޝް ބުނީ ސްޓިމަކަށް މިރޭ ދެއްކި ފުރަތަމަ ކާޑާއި ދެވަނަ ކާޑުވެސް ދެއްކި ސަބަބެއް ނޭނގޭ ކަމަށާއި، ފުރަތަމަ ކާޑު ރެފްރީ ދެއްކީވެސް ކުޅުންތެރިއަކަށް ކިޔައިދެން ބެންޗު ކައިރީގައި ހުއްޓައި ކަމަށެވެ.

މިރޭގެ ޕޯސްޓް މެޗު ޕްރެސްގައި މަހޭޝް ވަނީ އިންޑިއާގެ ކެޕްޓަން އަދި ލެޖެންޑް ސުނިލް ޗެތުރީއަށްވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ހަމަކޮށް، ސުނިލް ޗެތުރީ ވަނީ ރާއްޖޭގެ އަލީ އަޝްފާގުގެ ގޯލު ޖެހުމުގެ ރެކޯޑާ މިރޭ ހަމަކޮށްފައެވެ.

އިންޑިއާއިން ސެމީ ފައިނަލުގައި ގްރޫޕް ބީގެ އެއްވަނަ ޓީމާ ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.