އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްއަތުން ތިނެއް އެކަކުން ބަލިވުމާ ގުޅިގެން ދިވެހިރާއްޖެ އެއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. ގްރޫޕް ފިޔަވަހި ފަނަޅައި ދިއުމަށްޓަކައި މާދަމާ ހަވީރު ލުބުނާން ބަލިކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ. އެއީ މަޖްބޫރު ކަމެކެވެ. ލުބުނާން އަތުން މޮޅުވުމަކީ އެހައި ފަސޭހައިން ކުރެވޭނޭ ކަމެއްވެސް ނޫނެވެ. އެއީ ދެކުނު އޭޝިޔާގައި އާއްމުކޮށް މިކުޅޭ ފުޓްބޯޅައަށްވުރެ އެއްދަރަޖަަ މަތީ ފެންވަރުގެ ފުޓްބޯޅައެއް ކުޅޭ ގައުމެކެވެ. މިހާތަނަށް އަދި ދުވަހަކުވެސް ދިވެހިންނަށް ބަލިކުރެވިފައިނުވާ ގައުމެކެވެ. ކަށިން ހިތްވަރުނެރެ ފެއްސާއި ރަތާއި ހުދުގެ ޖޯޝުގައި ކުޅެ މާދަމާ ލުބުނާނު ބަލިކުރިއަސް އެވަރުން އަދި ނުފުދިދާނެއެވެ. މޮޅުވިއަސް ސެމީއަށް ނުގޮސް ކެޓުމުގެ ފުރުސަތު އެބައޮތެވެ.
މާދަމާރޭ ބަންގްލަދޭޝްއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކާއި އަދި އެނަތީޖާގެ ފަރަގަށް ބަލައިފައި ބަންގްލަދޭޝްއަށް ސެމީފައިނަލުގެ ޖާގައެއް ލިބިދާނެއެވެ. ލުބުނާން އަތުން ދިވެހިރާއްޖެ މޮޅުވެފައި އަދި ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވެއްޖެނަމަ ދިވެހިރާއްޖެއާއި ބަންގްލަދޭޝް ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން އެހާލަތުގައި ދެން ބަލާނީ އެދެޓީމުގެ ކުރިމަތިލުމުގެ ނަތީޖާއަށެވެ. އެނަތީޖާ އޮތީ ފެންނާށެވެ. ބަންގްލަދޭޝް އޮތީ މޮޅުވެފައެވެ. ވީމާ އެ ހާލަތުގައި ކަޓާނީ ދިވެހިރާއްޖެއެވެ. މިކަން މިހެން އޮތީމާ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ދިވެހީންގެ އަތުގައި އެބައޮތޭ ބުނެވޭކަށްނެތެވެ. މިފަހަރު ސެމީއަށް ނުގޮސް ފުރަތަމަ ބުރުން ރާއްޖެ ފޭލްވެއްޖެނަމަ އޭގެ މާނަޔަކީ ކޮބައިބާވައެވެ.
އެކަމުގެ މާނަ ހިތަށް ގެންނަންވެސް ފަސޭހައެއް ނޫނެވެ. ސާފް ޗެމްޕިއަންޝިޕްގެ މުޅި ތާރީޚުގައިވެސް ސެމީއާ ހަމައަށް ނުގޮސް އަދިދުވަހަކުވެސް ރާއްޖެ ކަޓާފައެއް ނުވެއެވެ. ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރުން ކެޓުމުގެ ހަގީގީ ބިރު މިފަހަރު މިއޮތީ ކުރިމަތިވެފައެވެ. އެންމެންވެސް މިތިބީ އުދާސްތަކެއްގެ ތެރޭގައެވެ. ސަޕޯޓަރުންނާއި ކުޅުންތެރިންނެވެ. ޓީމުގެ އޮފިޝަލުންނާއި މެނޭޖްމަންޓެވެ. ޖުމްލަކޮށް ހުރިހާ ދިވެހިންނެވެ. މިހާސްކަމުގެ ސިއްރަކީ ބަންގްލަދޭޝް އަތުން ބަލިވި ބަލިވުމެވެ. އަދި ކުޅުނު ކުޅުންވެސްމެއެވެ. މިހާތަނަށް ދިވެހިރާއްޖެ ކުޅުނު ދެ މެޗުގައިވެސް ސެމީގެ ފުރުސަތު ލިބުން ހައްގު ކުޅުމެއް ކުޅެވިފައިނުވާކަމީ ވަރަށް ގިނަބަޔަކު އެއްބަސްވާ ހަގީގަތެކެވެ. ބޫޓާނާ ދެކޮޅަށްވެސް ކުޅެވިފައިއޮތީ ދެރަވަރު ކުޅުމެކެވެ.
ބަންގްލަދޭޝް އަތުން މިފަހަރު ރާއްޖެ ބަލިވި ބަލިވުމަކީ ވިހި އަހަރުގެ ތެރޭގައި ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖޭގެ ފުރަތަމަ ބަލިވުމެވެ. ޑާކާގައި 2003 ވަނަ އަހަރު ކުޅެވުނު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވިފަހުން ބަންގްލަދޭޝްއަށް ރާއްޖޭގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. އެހެންވީމާ ބަންގްލަދޭޝްގެ މި ކާމިޔާބު އެމީހުން ބެލީ ނުހަނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ބަންގްލަދޭޝްގެ ނޫސްވެރިންވެސް އުޅުނީ އެގައުމަށް ތަށިލިބުނީއޭ ހީވާކަހަލަ ގޮތަކަށެވެ. މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. ދިވެހިރާއްޖެ އަތުން ތިނެއް އެކަކުން މޮޅުވުމަކީ ގަބޫލުކުރަންވެސް ދަތި ނަތީޖާއެއް ކަމަށާއި މިނަތީޖާއިން ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން ބަޔާންކޮށްދޭން ދަތިކަމަށްވެސް ވަނީ ބުނެފައެވެ.
ގަބޫލުކުރަންވެސް ދަތި ނަތީޖާއެކޭ އެބުނީ ރާއްޖޭގެ ރިކޯޑަށް ބަލައިފައެވެ. ތާރީޚަށް ބަލައިފައެވެ. ކާމިޔާބީތަކަށް ބަލައިފައެވެ. ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތު ބޭރު މީހުންނަކަށް އަދި ނޭނގޭނެއެވެ. އެނގެން އަދިކިރިޔާ ފެށީއެވެ. ރާއްޖޭގެ ލީގުގެ ފެންވަރު މިސަރަހައްދުގެ އެންމެ ދަށްފަންތީގެ ތެރޭގައިވަނީ ހިމެނިފައެވެ. ބައިބަލާއަށް އޮންނަ ތަރުހީބުވެސް ގައުމީ ލީގަކަށް މިހާރު ނޯވެއެވެ. ފުޓްސަލޭ ކިޔުނު އެއްޗަކަށް އޮންނަ ޝައުގުވެރިކަންވެސް ރަސްމީ ފުޓްބޯޅައަކަށް ނެތެވެ. މިއީ މިއަދުގެ ހާލަތެވެ. އެހެންވީމާ ބޭރަށްއައިސް މިހެން ކުޅޭ މުބާރާތްތަކުގައި ދެން ފެންނާނީ މިކަހަލަ ކުޅުމެކެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ބަލަން އިނދެފައި ނޭޕާލުގެ ސީނިއަރ ނޫސްވެރިއަކު ބުންޏެވެ. އަހަރެމެންނަށް މިފެންނަނީ ދިވެހިރާއްޖެ ބާވައެވެ. ހީވެސްނުވެއެވެ. އެންމެ ރީތި އެޓޭކިން ކުޅުން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭތަން މިހާތަނަަށް ފެނިފައިވަނީ ދިވެހިންގެ ފަރާތުންނެވެ.
ބަލިވީމާ ދެން ދައްކަން ހުންނަ ވާހަކަ ވާހަކަ ވަރަށް ގިނަވާނެއެވެ. ފާޑުކިޔުންތައް ނުހަނު ގިނަވާނެއެވެ. ކޯޗު ކަމުނުދާ ވާހަކަޔާއި އެފްއޭއެމްގެ ވެރިން ކަމުނުދާ ވާހަކަޔާއި މިހެންގޮސް އަދިވެސް ކިތަންމެ ވާހަކައެކެވެ. ދައްކަން ދިމާކޮށްފިއްޔާ އެހެރީ ކޮޅުންލާންހުރި ވާހަކަތަކެއް ނޫނެވެ. ރާއްޖޭގެ ކުލަބްތަކަށް މިހާރު އައިސްފައިވާ ހީނަރުކަމުގެ އަސްލަކީ ގައުމީ ކޯޗު ބާވައެވެ؟ ނޫނެކެވެ. ސަޕޯޓަރުން ދަނޑަށް ނުވަންނަނީ ކޯޗުގެ ސަބަބުން ބާވައެވެ؟ ނޫނެކެވެ. އެހެންވީމާ އޭނާގެ ވާހަކަ ބާއްވާށެވެ. ޕްރެސް ކޮންފަރެންސުން ނުކުމެގެންދިޔަ ވާހަކަވެސް ބާއްވާށެވެ. މިހާރު ދައްކަންވީ ދިވެހިންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮތް ލޯތްބަށް ވެގެން އުޅޭ ގޮތުގެ ވާހަކައެވެ. އަލުން ގެންނަންވީ ކުރީގެ ތަރުހީބާއި ފޯރިއެވެ. އިސްލާހު ކުރަންވީ ފުޓްބޯޅައިގެ އޮނިގަނޑެވެ. އޭރުން ދެން ކަންކަން މަޑުމަޑުން ހަމަޔަކަށް އެޅިދާނެއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023