އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅޭނެވެ. ފުރަތަމަ މެޗުގައި، ކަޓާފައި އޮތް ޕާކިސްތާނުން ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕްގެ އެއްވަނަ ޔަގީންވާ މެޗުގައި ބައްދަލުރާނީ އިންޑިއާ އާއި ކުވައިތެވެ. އެ ދެޓީމުންވެސް މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން މޮޅުވެފައިވާ އިރު، ފައިދާ އޮތީވެސް ހަ ގޯލެވެ. ދެޓީމުވެސް ބައިނަލްއަގުވާމީ މެޗުތަކުގެ ރަނގަޅު ފޯމެއްގައި މުބާރާތަށް ނުކުމެފައިވާ އިރު، ރުއި ބެންޓޯ ކޯޗުކަން ކޮށްދެމުން އަންނަ ކުވައިތުން ވަނީ އެންމެފަހުން ކުޅުނު 8 މެޗުންވެސް މޮޅުވެފައެވެ. އޭގެ ތެރޭގައި މި މުބާރާތުގެ ކުރިން ޔޫއޭއީއާއި ތަޖަކިސްތާން، ފިލިޕީންސް އަދި ޒަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ކުވައިތުން 3-1 އިން ނޭޕާލް ކައިރިން މޮޅުވެ، ދެވަނަ މެޗުގައި 4-0 އިން ޕާކިސްތާން ބަލިކުރިއެވެ. ދެވަނަ މެޗަށް ކުވައިތުން ގިނަ ބަދަލުތަކަކާއެކު ނުކުމެފައިވާ އިރު، އެ ބަދަލުތަކާއެކުވެސް ކުވައިތު ފެނުނީ މާ ފެންވަރު ރަނގަޅު ޓީމެއްގެ ގޮތުގައެވެ. ޕާކިސްތާން މެޗަށް ކުވައިތުން ނުކުތީ، ނޭޕާލް މެޗަށް ނެރުނު ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. ބެންޓޯ އެ މެޗަށްފަހު ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އޭނާ އިތުބާރު ކުރާ ކަމަށާއި، ކުޅުންތެރިންގެ ކުރިއެރުމަށް އެ ފުރުސަތު މުހިއްމު ކަމަށެވެ.
އެންމެފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބެންޓޯ ބުނީ އިންޑިއާ ވިޔަސް ގޭމް ޕްލޭން ބަދަލު ނުކުރާނެ ކަމަށާއި، ކުވައިތު ނުކުންނާނީ ކުވައިތުގެ ގޭމަށް ފޯކަސް ކޮށްގެން ކަމަށެވެ.
"އިދިކޮޅު ޓީމަށް ބަލައިގެން ކަންކަން ކުރަންވެއްޖިއްޔާ، އަމިއްލަ ޓީމުގެ ވިޝަން އެއް ނޯންނާނެ. ކުުޅުންތެރިން ޑިވެލޮޕްކުރެވޭނީ އަމިއްލަ ވިޝަން އެއް އޮވެގެން، އެއީ އަހަރެން ގަބޫލުކުރާގޮތް. ދެން، އެހެންވީމަ، އަހަރެމެން އިންޑިއާއާ އެކުވެސް ކުޅޭނީ ހަމަ އެވިޝަންގައި މޮޅުވާން، ހިތްހަމަޖެހިލައިގެން ކުޅެން. އަހަރެން އެ ގޮތަށް ވިސްނަނީ، ފުޓްބޯޅައިގައި ބައެއް ފަހަރު މޮޅުވާނެ، އަނެއް ބައި ފަހަރު ބަލިވާނެ،" ބެންޓޯ ބުންޏެވެ.
އިންޑިއާއިން އެންމެފަހުން ކުޅުނު 8 މެޗުގައިވެސް ކޮޅަށް ގޯލެއް ނުވަދެ އޮތް އިރު، އެޓީމަށް އެންމެ ބޮޑު ހިތްވަރަކީ އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި މިފަހަރު ސާފް ޗެމްޕިއަންޝިޕް ކުޅެވުމެވެ. ކުވައިތު ކޯޗު ބެންޓޯ ބުނީ އިންޑިއާގެ ހޯމް ނަމަވެސް، އެކަހަލަ ކަންކަމަށް އެޓީމުން ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށެވެ. އަދި މޫސުމާއި ދަނޑުގެ ހާލަތަށްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
އިންޑިއާއާއި ކުވައިތު މިރޭ ކުޅޭ މެޗު އޮންނާނި ރާއްޖެ ގަޑިން އިރުއޮއްސި، 7:00 ގައެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023