އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅެވޭ އިރު، އިންޑިއާއިން ނުކުންނާނީ ކުވައިތުވެސް ބަލިކުރަން ކަމަށް ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅޭ އިރު، ފުރަތަމަ މެޗުގައި ޕާކިސްތާން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެމެޗަށް ނުކުންނަ އިރު، އެ ދެޓީމުވެސް އޮތީ ކަޓާފައެވެ. އިންޑިއާ އާއި ކުވައިތުން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، ހަ ޕޮއިންޓާއެކު ފައިދާ ހަ ގޯލު ހޯދާފައިވާ އިރު، މިއަދުގެ މެޗު މުހިއްމު ވާނީ ގްރޫޕްގެ އެއްވަނަ ޓީމު ކަނޑައެޅުމަށެވެ.

"މިއަދުގެ މެޗުގެ ނަތީޖާއިން ގެއްލޭނެ މާ ބޮޑު އެއްޗެއް ހަގީގަތުގަ ނެތް. މިއަދުގެ މެޗުން ސެމީ ފައިނަލުގަ އިދިކޮޅަށް ކުޅެން ޖެހޭ ޓީމު ޔަގީންވާނެ. އެއްވަނައިގައި ދިއުމުން ފަސޭހަ ޓީމެއް ސެމީގައި ޖެހޭނީ. އަހަރެމެން އެހެން ހުރިހާ މެޗެކޭ އެއްގޮތަށް، ކުވައިތާ ދެކޮޅަށްވެސް ނުކުންނާނީ މޮޅުވާން. ކޮޅަށް ގޯލެއް ވައްދާނުލައި، ކްލީންޝީޓް ހިފެހެއްޓުމަކީވެސް ވަރަށް ބޮޑު ޓާގެޓެއް،" އިންޑިއާގެ ކްރޮއޭޝިއާ ކޯޗު ސްޓިމަކް ބުންޏެވެ.

އިންޑިއާއިން އެންމެފަހުން ކުޅުނު 8 މެޗުގައިވެސް އެޓީމުން ވަނީ ކްލީންޝީޓް ދަމަހައްޓައިފައެވެ. އެއީ ގައުމީ ޓީމުގެ ތާރީހުގައި ރެކޯޑެކެވެ.

ސްޓިމަކް ބުނީ މިއަދުގެ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް މާ ބޮޑު ޝަކުވާއެއް ނެތް ކަމަށާއި، ވިސްނުން ހުރީ މުޅި މުބާރާތަށް ޖުމުލަކޮށް ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ އެންމެ މުހިއްމު ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން ކަމަށްވެސް ސްޓިމަކް ބުންޏެވެ.

އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ކޯޗު ސްޓިމަކަށް ރަތް ކާޑު ދެއްކުމުން އެންމެފަހު މެޗުގައި އޭނާ ބެންޗުން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ސްޓިމަކް ބެންޗުގައި ހުންނާނެއެވެ.

އިންޑިއާއިން މިހާތަނަށް ތިން ފަހަރެއްގެ މަތިން ކުވައިތާ ވާދަކޮށްފައިވާ އިރު، އެންމެފަހުން ދެގައުމުން ވާދަކުރީ 2010 ވަނަ އަހަރު އަބޫދާބީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗުގައި ކުވައިތުން ވަނީ 9-1 އިން އިންޑިއާ ބަލިކޮށްފައެވެ. އިންޑިއާއަށް ކުވައިތު ބަލިކުރެވުނު ހަމައެކަނި ފަހަރަކީ 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. ކުވައިތުގައި ކުޅުނު އެމެޗު 3-2 އިން އިންޑިއާއިން ކާމިޔާބު ކުރިއެވެ.

މިވަގުތު އިންޑިއާއަށްވުރެ ދަށުން ފީފާ ރޭންކިންގެ 143 ވަނައިގައި ކުވައިތު އޮތް އިރު، އިންޑިއާ ކޯޗު ބުނީ އެއީ ކުވައިތުގެ ފެންވަރު ވަޒަންކުރެވޭނެ އަދަދެއް ނޫން ކަމަށާއި، މިދިޔަ ހައެއްކަ މަސްދުވަހުގެ ތެރޭގައި އޭޝިއާގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ކުވައިތުން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.