ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއާ ދެކޮޅަށް ކުޅުނު "ގްރޫޕު ބީ" ގެ މެޗުގައި އިރުޝާދުދިނީ ހަމަޖެހިގެން ކުޅެން ކަމަށާއި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލް މެޗަކަށް ވާނެ ކަމަށް ބަންގުލަދޭޝް ޓީމުގެ ކޯޗު ހާވިއޭ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝް އިން ވަނީ 3-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށް، ސެމީ ފައިނަލުގެ އުންމީދު އާކޮށްފައެވެ. ބަންގުލަދޭޝްގެ ފުރަތަމަ މެޗުގައި ލުބުނާން އަތުން ބަލިވެފައިވާ އިރު، އެޓީމަށް ދެން އޮތީ ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބަންގުލަދޭޝްގެ ކޯޗު ކަބްރޭރާ ބުނީ މިއަދުގެ މެޗުގެ މުހިއްމުކަން އަދި މެޗަށް ނުކުންނަން ޖެހޭނީ ކީއްކުރަން ކަންވެސް އެނގޭ ކަމަށާއި އެގްރެސިވްކޮށް ޖައްސައި، އެޓޭކްކޮށްގެން ރާއްޖެ ބަލިކުރެވޭނެކަން ވެސް އެނގޭ ކަމަށެވެ.

"ހާފް ޓައިމްގައިވެސް ކުޅުންތެރިން ބޭނުންވި މިއަދު ނަތީޖާ ނެރުމަށް. އެކަން އެނގޭ އަހަންނަށް ކުޅުންތެރިން ދަނޑަށް އަރި ދެއްކި ކުޅުމުން. ހާފް ޓައިމްގައި އަހަރެމެން ބޭނުންކުރި އުކުޅަކީ ހަމަޖެހިގެން ކުޅެން ބޭނުންކުރި އުކުޅެއް. އަހަރެން އިރުޝާދު ދިނިން ހަމަޖެހިގެން ކުޅެން. ހަމަޖެހިގެން ނަތީޖާ ނެރެވޭނީ،" އޭނާ ބުންޏެވެ.

ކުރިއަށްއޮތް މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކަބްރޭރާ ބުނީ ބަންގުލަދޭޝްއަށް ބޫޓާން މެޗަކީވެސް ފައިނަލް މެޗެއް ކަމަށާއި އެ މެޗަށްވެސް ނުކުންނާނީ ސީދާ ރާއްޖެއާ ދެކޮޅަށް ނުކުތް ގޮތަށް ކަމަށެވެ.

"އަހަރެމެންނަށް ބޫޓާން މެޗަކީވެސް ފައިނަލް މެޗެއް. އެއީވެސް މުހިއްމު ވަރުގަދަ މެޗެއް. އަހަރެމެން ކޮންމެހެންވެސް ބޫޓާން ބަލިކުރަން ޖެހޭ،" އޭނާ ބުންޏެވެ.

މިއަދުގެ މެޗުގައި ހެދުނު ބައެއް ގޯސްތަކާ ގުޅޭގޮތުން ބަންގްލަދޭޝް ކޯޗު ކަބްރޭރާއާ ސުވާލުކުރުމުން އޭނާ ވަނީ ބަންގުލަދޭޝް ނޫސްވެރިންނާ މެދު ހައިރާންވާ ކަމަށް ބުނެފައެވެ. މިއަދުގެ މެޗުން ގޯސްތައް ހޯދަން އުޅުމަކީ ކީއްކުރަން ކުރާ ކަމެއްތޯވެސް ކަބްރޭރާ ސުވާލުކުރިއެވެ.

ބަންގުލަދޭޝް ޓީމުގައި މިހާރު މުހިއްމު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި، އެ ކުޅުންތެރިންގެ ނަންތައް ވަކިވަކިން ފާހަގަ ނުކުރިޔަސް މިއަދުގެ މެޗުގައި ހުރިހާ ކުޅުންތެރިންގެ ތަފާތުވެސް ފެނުނު ކަމަށް ކަބްރޭރާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕު ސްޓޭޖުގައި ބަންގުލަދޭޝް ކުޅޭ ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 7:00 ގައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.