އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ދެވަނަ މެޗުގައި މިއަދު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ބޫޓާން ބަލިކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އެވެ. އަނެއްކޮޅުން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްއިން އޮތީ ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ލުބުނާން ކައިރިން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގެ ފަހުކޮޅާ ޖެހެންދެން ބަންގްލަދޭޝްއިން ޑިފެންސިވްކޮށް ރަނގަޅު ކުޅުމެއް ކުޅެފައިވެއެވެ. ލުބުނާނުން ގޯލުތައް ޖެހީ ފަހު ވަގުތުގައެވެ.
މިއަދު ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން ކުރިއަށް ދާން ރާއްޖެ ބަލިކުރަން ޖެހެއެވެ. އެންމެފަހުން ބަންގްލަދޭޝްއިން ކުޅުނު މެޗަށްފަހު ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. އޭނާ ބުނީ ރާއްޖެ ބަލިކުރުން ނޫން ގޮތެއް ނެތް ކަމަށާއި، އެކަން ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއްވެސް އެބައޮތް ކަމަށެވެ.
"ބަންގްލަދޭޝްއަކީ ވަރަށް ވަރުގަދަ ޓީމެއް.. ހާއްސަކޮށް ފިޒިކަލީ ވަރަށް ވަރުގަދަ ޓީމެއް ބަންގްލަދޭޝްއަކީ. އެޓީމުން އެންމެފަހުން ކުޅުނު މެޗުގައިވެސް ވަރަށް ރަނގަޅު، އޯގަނައިޒް ފުޓުބޯޅައެއް ކުޅުނު. އެމީހުން ބުރަކޮށްވެސް މަސައްކަތް ކުރާނެ (މިއަދު)ގެ މެޗުގައި. އެއީ އެމީހުންނަށް މި މެޗަކީ ފައިނަލް މެޗަކަށްވާތީ،" ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން "ވަން ސްޕޯޓްސް" އަށް އެކްސްކްލޫސިވްކޮށް ބުންޏެވެ.
މެޗަށް ރާއްޖޭގެ ތައްޔާރީތަކާ ގުޅޭގޮތުން މޮރިއޭރޯ ބުނީ މެޗަކަށްފަހު މެޗަކަށް ވިސްނާނެ ކަމަށާއި، މޮޅަކުން މުބާރާތް ފެށިފައި އޮތުން އެއީ އުފަލެއް ކަމަށެވެ. އެންމެފަހުން ރާއްޖެއިން ކުޅުނު މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކޮންމެވެސް ވަރަކަށް އަނިޔާވެ، މެޗުން ބާލަން ޖެހިފައިވީ ނަމަވެސް ކޯޗު ބުނީ މިހާރު ހުރިހާ ކުޅުންތެރިންވެސް ފިޓް ކަމަށެވެ.
"އަހަރެމެން މި ވިސްނަނީ މެޗަކަށްފަހު މެޗަކަށް. ބޫޓާން މެޗު މިހާރު އޮތީ ނިމިފަ. އެއީ އަހަރެމެންނަށް ރަނގަޅު ތިން ޕޮއިންޓް. އަހަރެމެން މޮޅަކުން ފެށުން އެއީ ރަނގަޅެއް. އެއީ މުބާރާތެއްގައި ވަރަށް މުހިއްމު ކަމެއް. އަހަރެމެން ދެން ކުރަން ޖެހޭ ކަމަކީ ބަންގްލަދޭޝްއާ ދެކޮޅަށްވެސް ކުޅެ، މޮޅުވުން. އަހަރެމެންގެ ގޭމް ކުޅުން. އަހަރެމެން ނުކުންނާނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް އިހުތިރާމް ކޮށްގެން. ދިވެހި ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް،" މޮރިއޭރޯ ބުންޏެވެ.
ކޯޗު މޮރިއޭރޯ ބުނީ ބޫޓާން މެޗުގައި ހޯދުނު މޮޅާއެކު ބަންގްލަދޭޝް ބަލިކުރަން ކުޅުންތެރިން ހިތާއި ރޫހުން މަސައްކަތް ކުރާނެ ކަމަށާއި، ގައުމު ފަހުރުވެރިކޮށްދޭން ހުރިހާ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖޭގައި އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރި މެޗުން ރާއްޖެ މޮޅުވި ނަމަވެސް، އޭގެ ފަހުން ލަންކާގެ ފޯ ނޭޝަންސް ކަޕްގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުން މޮޅުވީ ބަންގްލަދޭޝްއެވެ. ރާއްޖެއާއި ބަންގްލްދޭޝް ކުޅޭ މެޗު އޮންނާނީ މިއަދު ރާއްޖެ ގަޑިން މެންދުރުފަހު 3:00 ޖަހާއިރުއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023