އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
އިންޑިއާގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ މެޗުގައި އިންޑިއާ ކައިރިން ނޭޕާލް ބަލިވީ 2-0ގެ ނަތީޖާ އަކުންނެވެ. އެ ނަތީޖާ އާއެކު ގްރޫޕް އޭއިން ސެމީ ފައިނަލަށް ދާ ޓީމުތައް ވަނީ ޔަގީންވެފައެވެ، އިންޑިއާގެ އިތުރުން އެ ގްރޫޕުން ކުވައިތަށް ސެމީ ޔަގީންވެފައިވާ އިރު، އިންޑިއާއާއި ކުވައިތުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުވެސް މޮޅުވެފައެވެ. އެންމެފަހުން އޮތް ގްރޫޕްގެ މެޗުތަކަށް ބަލާ އިރު، އިންޑިއާ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. ޕާކިސްތާނުން ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، އިންޑިއާ މެޗުން އެއްވަނަ ޔަގީންވާނެއެވެ. ނޭޕާލަށް ދެ ބައްޔާއެކު މުބާރާތުން ކަޓައިގެން ދާން ޖެހިފައިވާ އިރު، މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.
"ޓީމު ރަނގަޅަށް ކުޅުނު. ފުރަތަމަ ހާފުގައި އަންޖަންއަށް އަނިޔާވެ ބާލަން ޖެހުމުން އެކަމުގެ އުނދަގޫތައް ދިމާވި. އަންޖަން ހުރި އިރު އޭނާ ދިޔައީ ބެލެންސް ކުރަމުން. އެއީ މުހިންމު ކުޅުންތެރިއެއް. އޭނާއަކީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިއެއް. އެއީ މި ލެވެލްގައި ކާމިޔާބު ހޯދަން މުހިންމުވާނެ ކަމެއް. ވަރަށް ގިނަ އާ ކުޅުންތެރިންތަކެއްވެސް މިރޭގެ މެޗުގައި ބޭނުންކުރަން ޖެހުނު. އެއީ ތަފާތު ތަޖުރިބާއެއް އެ ކުޅުންތެރިންނަށް. ތަޖުރިބާ ނެތުމުގެ ތަފާތު ފެނުނު. ގިނަ ސަޕޯޓަރުންތަކެއްގެ ތެރޭގައި ކުޅެން އަދި ތަޖުރިބާއެއް ނެތް އަހަރެން ޓީމުގައި،" ނޭޕާލްގެ އިޓަލީ ކޯޗު ވިންސެންޒޯ ބުންޏެވެ.
ވިންސެންޒޯއަކީ ކުރިން އިންޑިއާގެ ކްލަބުތަކުގައި މަސައްކަތް ކުރި ކޯޗެކެވެ. ގޮކުލަމް ކެރެލާ އާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އައިލީގު ކާމިޔާބުކޮށްފައެވެ. އެއީ އައިލީގުގެ ތާރީހުގައިވެސް އެފަދަ ފުރަތަމަ ކާމިޔާބީއެވެ. 2021-22 ވަނަ އަހަރު ލީގު ނަގައި، ގޮކުލަމް ކެރެލާ އާއެކު ވިންސެންޒޯ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ނުކުމެ، ވަރުގަދަ އޭޓީކޭ މޯހުން ބަގާންވެސް ބަލިކުރިއެވެ. އެ ކްލަބަށްފަހު އިންޑިއާގެ ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑްގެ ކޯޗުކަމުގައިވެސް ވިންސެންޒޯ ހުއްޓެވެ. ނޭޕާލް ގައުމީ ޓީމާ ހަވާލުވީ މި އަހަރުގެ މާޗް މަހުގައެވެ.
ނޭޕާލްގެ ފުޓުބޯޅަ ހާލަތަށް އަމާޒުކޮށް މިރޭ ވިންސެންޒޯ ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނީ "އެކަށީގެންވާ މުސާރަތައް ހޯދައި، ކެރިއަރެއް ބިނާކުރުމަކީ،" މިހާރު ކުޅުންތެރިންނަށް މަޖުބޫރު ކަމެއް ކަމަށާއި އެކަށީގެންވާ މުސާރައަކާ ނުލައި، މަޖަލަކަށް، ކުޅިވަރަަށް ހުރި ލޯތްބަކަށް މިހާރު ފުޓުބޯޅަ ނުކުޅެވޭނެ ކަމަށެވެ.
ހާއްސަކޮށް ނޭޕާލްގައި ތިބި ޒުވާން ކުޅުންތެރިންނަށް އެއީ އޮޕްޝަނެއް ނޫންކަން ފާހަގަކޮށް ވިންސެންޒޯ ބުނީ، އުމުރުން 20 އަހަރުގެ ލަކެން ލިންބޫއާއި އުމުރުން 25 އަހަރު އަންޖަން ބިސްޓާ އަދި ބިމާލް ގާތީ މަގަރާއި 21 އަހަރުގެ މަނީޗް ޑާންގީގެ އިތުރުން 19 އަހަރުގެ އަޔުޝް ގަލަން ފަދަ ކުޅުންތެރިންނަށް އިންޑިއާ ލީގުން ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އިންޑިއާ އަހަރެމެން ދެކެ ޖެހިލުންވި. އަހަރެމެންނަށް ފުރަތަމަ ކޮޅުގައި ލިބުނު ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް. ޑަންގީ ކަހަލަ ކުޅުންތެރިންނަކީ ކޮލިޓީ ރަނގަޅު ތަޖުރިބާ ނެތް ކުޅުންތެރިއެއް. އެ ކުޅުންތެރިންނަށް އިންޑިއާގައި ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރަން. އަހަންނަށް އެނގޭ އައިލީގު، އިންޑިއަން ސްޕަ ލީގު. އެއީ މުޅިން ތަފާތު ލެވެލްއެއް. މި މުބާރާތަކީ ކޮލިޓީ ރަނގަޅު ކުޅުންތެރިން ކުޅޭ މުބާރާތެއް. ތަޖުރިބާ މަދުކޮށް އަހަރެމެންނަށް މި ކުޅެވުނު ކުޅުމާ ދޭތެރޭ އަހަރެން ފަހުރުވެރިވާ،" ވިންސެންޒޯ މިރޭ ބުންޏެވެ.
ވިންސެންޒޯ ބުނީ ޒިންމާ ނެގި ނަމަވެސް، "ރިޔަލިޓީ"އަށް ވިސްނަން ޖެހޭ ކަމަށެވެ. އިންޑިއާ އިން އެތައް ދުވަހެއް ކުރިން ތަމްރީނުތައް ކޮށް، ތައްޔާރުވި ކަމަށާއި އޭނާއަށް ކުޅުންތެރިން ލިބުނީ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި މިހާރު އިންޑިއާގައި އޮތް ހާލަތާއި އިންޑިއާގެ ހާލަތާ އަޅާ ކިޔާލައި، ސުވާލު ކޮށްލުމަށް ވިންސެންޒޯ ބުނީ "ނޭޕާލް ކުޅުންތެރިންނާ އެކު އެހާ ވަގުތު ހޭދަކުރި ނަމަ، ވިސްނާލާ އިންޑިއާއާ އަހަރެމެން ކުރިމަތިލާނެ ފެންވަރު،" މިހެންނެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023