އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ނޭޕާލް ބަލިކޮށްފިއެވެ.

އިންޑިއާގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ނޭޕާލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް އޭއިން ސެމީ ފައިނަލަށް ދާ ޓީމުތައް ވަނީ ޔަގީންވެފައެވެ، އިންޑިއާގެ އިތުރުން އެ ގްރޫޕުން ކުވައިތަށް ސެމީ ޔަގީންވެފައިވާ އިރު، އިންޑިއާއާއި ކުވައިތުން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެންމެފަހުން އޮތް ގްރޫޕްގެ މެޗުތަކަށް ބަލާ އިރު، އިންޑިއާ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. ޕާކިސްތާނުން ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، އިންޑިއާ މެޗުން އެއްވަނަ ޔަގީންވާނެއެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް މެޗު ފޯރިގަދަ ވާނެ ކަމަށް އޮތީ ބެލެވިފައެވެ. އެންމެފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައިވެސް މި ދެ ޓީމުން ވާދަކޮށްފައިވާ އިރު، އެ މެޗުގައި ކުރި ހޯދައި އިންޑިއާއިން ވަނީ ތަށި އުފުލާލައިފައެވެ. މެޗުގެ ކުރިން ސަޕޯޓަރުންގެ ފަރާތުންވެސް ފޯރި ފެނިގެން ގޮސްފައިވާ އިރު، މިރޭގެ މެޗަށް ނޭޕާލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ވަނީ ވަދެފައެވެ. އަނެއްކޮޅުން އިންޑިއާގެ ސަޕޯޓަރުން ފަރާތުން މިރޭ ފެނުނީ ޕާކިސްތާނު މެޗުގައި ފެނުނު މަންޒަރެއް ނޫނެވެ. މިރޭގެ މެޗަށް ވަދެފައިވަނީ އެ މެޗަށްވުރެ މަދު ސަޕޯޓަރުންނެވެ.

ގްރޫޕް އޭގައި އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މިރޭ މޮޅެއް ހޯދައި، ސެމީ ޔަގީންކުރުމަށް އެޓީމަށް ފުރުސަތު އޮތެވެ. އަނެއްކޮޅުން ނޭޕާލުން ނުކުތީ އުންމީދު ދަމަހައްޓާށެވެ. ފުރަތަމަ ކުޅުނު މެޗުގައި ކުވައިތު ކައިރިން ނޭޕާލް ބަލިވެފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ނޭޕާލް މޮޅުވެގެން ނޫނީ ގްރޫޕް އޭގައި ޕާކިސްތާނާއި ނޭޕާލަށްވެސް ފުރުސަތެއް ނެތެވެ.

މިރޭގެ މެޗަށް އިންޑިއާ އިން ނުކުތީ އަށް ބަދަލަކާއެކުގައެވެ. ޕާކިސްތާން މެޗުގެ ފުރަތަމަ 11 އިން ފެނުނު ކީޕަރު އަމްރިންދަރް ސިންހް، ސުބާސިޝް ބޯސް، އަންވަރު އަލީ، ސަންދޭޝް ޖިންގަން، ޖީކްސަން ސިންހް ތޫނައޮޖަމް، ލަލިއަންޒުއަލާ ޗަންގްޓޭ، ޕްރިތަމް ކޮޓާލް އަދި މުހައްމަދު ކުރުނިޔަން މި މެޗު ފެށީ ބެންޗުންނެވެ.

މެޗުގެ ފުރަތަމަ ހާފު ވެގެން ގޮސްފައިވަނީ ދާދި ހަމަހަމަ ހާފަކަށެވެ. ވާދަވެރި ކުޅުމެއްވެސް ފެނިގެން ދިޔަ ހާފަކަށެވެ. ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމަކަށް މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވާ އިރު، އިންޑިއާގެ ފުރަތަމަ ހަމަލާގައި އަރިމަތިން އާކާޝް މިޝްރާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސަހަލް އަބްދުލް ސަމަދު ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލްގެ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ފަހުން ނޭޕާލްގެ ނުރައްކާތަކެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން 17 ވަނަ މިނެޓުގައި ނޭޕާލްގެ ކޯނަރެއް އިންޑިއާގެ ކުޅުންތެރިން ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ނޭޕާލްގެ އަރިކް ބިސްޓާ ފޮނުވާލި ބާރު ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން މަނީޝް ޑަންގީ ކުރިއަށްޖެހި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ދިން ބޯޅަ، ނޭޕާލްގެ ބިމާލް ގަރްތީ މަގަރްއަށް ލިބުމުގެ ކުރިން އިންޑިއާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން ހާފުގެ ފަހުކޮޅުގައިވެސް ބިމާލްއަށް ލިބުނު ފުރުސަތުގައި އޭނާއަށް ރަނގަޅަށް ބޯޅަ ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ފަށައިގެން އިންޑިއާއިން ކުޅުން ރަނގަޅުކުރިއެވެ. ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން އިންޑިއާއިން ކުޅެމުން ގޮސްފައިވާ އިރު، 59 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ އުދަންތާ ސިންހް ފޮނުވާލި ހަމަލާ، ނޭޕާލްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން 61 ވަނަ މިނެޓުގައި އިންޑިއާއިން ލީޑު ނެގިއެވެ. މަހޭޝް ސިންހް ނައޮރޭހް ދިން ބޯޅައަކުން އިންޑިއާއަށް އގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޗެތުރީއެވެ. އޭނާ ގޯލު ކާމިޔާބުކުރީ ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ޗެތުރީ ޖެހި 22 ވަނަ ގޯލެވެ. ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ރެކޯޑާ އަރައި ހަމަކުރަން ދެން ޗެތުރީއަށް ބޭނުންވާނީ އެންމެ ގޯލެކެވެ. ރާއްޖޭގެ ލެޖެންޑް ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ޖަހައިފައެވެ.

އިންޑިއާގެ ފުރަތަމަ ގޯލަށް 10 މިނެޓުވެސް ނުވަނީސް އެޓީމުން ލީޑު ފުޅާކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޗެތުރީ ފޮނުވާލި ހަމަލާއެއް ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ލިމްބޫ އަތުގައި ޖެހި އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހި ނުކުތުމާއެކު އިންޑިއާއަށް ގޯލު ކާމިޔާބުކޮށްދިނީ މަހޭޝް ސިންގް ނައޮރޭމެވެ. އެ ގޯލާއެކު އިންޑިއާއަށް ސެމީގެ އުންމީދު ބޮޑުވެ، ރަނގަޅު ޖޯޝެއްގައި ކުޅެން ފަށާފައިވެއެވެ.

މެޗުގެ ފަހުކޮޅުގައިވެސް އިންޑިއާއިން ނުރައްކާތެރިކޮށް ފެނިފައިވާ އިރު، އެޓީމުން މެޗު ނިންމާލީ ހަމަޖެހިލައިގެންނެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި މާދަމާ ރާއްޖެ ގްރޫޕުގެ މެޗުތައް އޮންނަ އިރު، ހަވީރު އެންމެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ އޮންނާނީ ބޫޓާނާއި ލުބުނާން ވާދަކުރާ މެޗެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.