އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ޕާކިސްތާން ފުޓުބޯޅައަށް މިއީ އުނދަގޫ ހާލަތެއް ކަމަށާއި، މި މުބާރާތުގައި ދެން އޮތީ އަމިއްލަ ބާރު ނެތަސް، ހަނި ފުރުސަތަކަށް އިންތިޒާރު ކުރުން ކަމަށް އެސިސްޓެންޓް ކޯޗު، ޓޯބެން ފިލިޕް ވިޓެޖެއިސްކީ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ގްރޫޕް އޭގެ ތިންވަނަ މެޗުގައި ކުވައިތުން ޕާކިސްތާން ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު ކުވައިތުން ދެ މެޗުން ދެ މޮޅު ހޯދައި ގްރޫޕުގެ އެއްވަނައިގައި އޮތް އިރު، އެ ގްރޫޕުން ސެމީގެ ޓީމުތައް ކަށަވަރުވާނީ މިރޭ އިންޑިއާ-ނޭޕާލް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ނޭޕާލަށް އިތުރަށް ކުރިއަށްދާން މިރޭ އިންޑިއާ ބަލިކުރަން ޖެހޭ އިރު، އިންޑިއާ މޮޅުވެއްޖެނަމަ، އިންޑިއާއާއި ކުވައިތަށް ސެމީ ޔަގީންވާނެއެވެ. ޕާކިސްތާނަށް ދެން އޮތީ ސެމީގެ ވަރަށް ހަނި ފުރުސަތެކެވެ. އެއީ ދެ މެޗުން ދެ ބަލިވުމުންނެވެ.

"މަރުހަބާ ކުވައިތަށް. ކުވައިތުން މިއަދު ކުރީ ކުރަން ޖެހޭ ކަންތައް. އެޓީމުން ހުރިހާ ކަމެއް ރަނގަޅަށް ކުރި. އަހަރެމެން މިސްޓޭކްތަކުގެ ބޭނުން އެމީހުން ހިފި. އެކަމުގެ ފައިދާ ނެގި. މި ވަގުތަކީ ޕާކިސްތާނުގެ ފުޓުބޯޅައަށް ބަދަލުތަކެއް އަންނަމުންދާ ވަގުތުތަކެއް. އެހެންވީމަ އެކަމަށް ވަގުތު ބޭނުންވާނެ. އެ ތަފާތު ފެންނަނީ. އަހަންނަށް އެނގޭ ފުޓުބޯޅައިގައި މާ ބޮޑަށް ވަގުތެއް ނުލިބޭނެކަންވެސް. ބަދަލުތަކަށް ހޭނެން ވަގުތު ނުލިބުނު ނަމަވެސް، ވިސްނަން ޖެހޭ ޕާކިސްތާން ފުޓުބޯޅަ އޮތް ހާލަތު. މީގެ ކުރިން ދުވަސްތަކެއް ވަންދެން އެންމެ ރަނގަޅު ހާލަތެއްގައި ނޫން އޮތީ،" ޓޯބެން ބުންޏެވެ.

ޕާކިސްތާނުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުތީ ޔޫރަޕްގައި ތިބި އެގައުމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމަށް ނަގައިގެންނެވެ. މިއަދުގެ ޕޯސްޓް މެޗު ޕްރެސްގައި، އެ ކުޅުންތެރިންނަށް މޫސުމަށް ހޭނެން އުނދަގޫވިތޯ ސުވާލުކުރުމުން ޓޯބެން ބުނީ އެއީ "އެކްސްކިއުޒް"އެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އަހަރެމެން ތަޖުރިބާތައް ހޯދަން ޖެހޭ. ޔޫރަޕްގައި ތިބެފައި އައި ކުޅުންތެރިންނަށް މި މާހައުލަށް ނުހޭނިގެން ނުކުޅެވޭނެ ކަމަށް ގަބޫލެއް ނުކުރަން. ނުކުޅެވުމަކީ މޫސުމީ ކަންތައްތަކުން ދިމާވި ކަމެއް ނޫން. މި ހާލަތުގައި ސާފްގައި އޮތް ޓީމުތަކުގެ ފެންވަރު ރަނގަޅު. އެކުވާން ޓީމަށް ވަގުތު ބޭނުންވެފައި އޮތް ހާލަތެއް މިއީ. އެހެންވީމަ އެކަމަށް ދެން ވިސްނަން ޖެހޭނީ. ހާއްސަކޮށް ނޭޕާލާ ދެކޮޅަށް އޮތް ހަނި ފުރުސަތަށް މަސައްކަތް ކުރާނަން،" ޓޯބެން އިތުރަށް ބުންޏެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.