ސާފް ޗެމްޕިއަންޝިޕް 2023 ގައި ކުވައިތުން މިއަދު ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން ބަލިކޮށް، އެޓީމުން ސެމީ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ގްރޫޕް އޭގެ ތިންވަނަ މެޗުގައި ކުވައިތުން ޕާކިސްތާން ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު ކުވައިތުން ދެ މެޗުން ދެ މޮޅު ހޯދައި ގްރޫޕުގެ އެއްވަނައިގައި އޮތް އިރު، އެ ގްރޫޕުން ސެމީގެ ޓީމުތައް ކަށަވަރުވާނީ މިރޭ އިންޑިއާ ނޭޕާލް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ނޭޕާލަށް އިތުރަށް ކުރިއަށްދާން މިރޭ އިންޑިއާ ބަލިކުރަން ޖެހޭ އިރު، އިންޑިއާ މޮޅުވެއްޖެނަމަ، އިންޑިއާއާއި ކުވައިތަށް ސެމީ ޔަގީންވާނެއެވެ. ޕާކިސްތާނަށް ދެން އޮތީ ސެމީގެ ވަރަށް ހަނި ފުރުސަތެކެވެ. އެއީ ދެ މެޗުން ދެ ބަލިވުމުންނެވެ.
މިއަދުގެ މެޗަށް ނުކުތްއިރުވެސް ޕާކިސްތާނަށް އޮތީ މޮޅެއް ހޯދަން މަޖުބޫރުވެފައެވެ. އެއީ ފުރަތަމަ މެޗުގައި އެޓީމުން އިންޑިއާ ކައިރިން 4-0 އިން ބަލިވެފައި އޮތުމުންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އެޓީމަށް އޮތީ މަޖުބޫރު ހާލަތެކެވެ. އެ ނަތީޖާ ނެރެވޭނެ ކަމަށް ކޯޗު ޝެހެޒާދު އަންވަރު ދިޔައީ ބުނަމުންވެސް މެއެވެ. އެއީ އިންޑިއާ މެޗަށް ޕާކިސްތާން ނުކުތީ އުނދަގޫ ހާލަތެއްގައި ކަމުން އެއީ އަސްލު ފެންވަރު ކަމަށް ނުވާތީ ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.
އަނެއްކޮޅުން ނުކުތް ކުވައިތު ފުރަތަމަ މެޗުގައި ނޭޕާލް ބަލިކޮށްފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. ސަރަހައްދުން ބޭރުން މިފަހަރު ވާދަކުރާ ޓީމެއްގެ ގޮތުގައި ކުވައިތު މުބާރާތުގައި ކުޅެމުންދާ އިރު، އެޓީމު ފުރަތަމަ މެޗުގައިވެސް ފެނުނީ ވަރުގަދަކޮށެވެ. އަދި އޭގެ ފަހުން ކޯޗު ރުއި ބެންޓޯ ބުނީ، ކުރިއަށް އޮތް ތަނުގައި ކުވައިތު އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އެ މަންޒަރު ފެންނަމުން ދިޔައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ކުވައިތުން ލީޑު ނެގިއެވެ. މަހްދީ ދާޝްތީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް ގޯލު ކާމިޔާބުކޮށްދިނީ ހަސަން އަލަނޭޒީއެވެ. މިއަދުގެ މެޗުގައި ޕާކިސްތާނުގެ ގޯލް ބަލަހައްޓަމުން ދިޔަ ގޯލްކީޕަރު ޔޫސުފް ބަޓަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ.
އެ ގޯލާއެކުވެސް މެޗުގެ އޮއިވަރު ކޮންޓްރޯލްކޮށް، ކުވައިތުން ދިޔައީ ޕާސްތައް ޖަހައި، ޑޮމިނޭޓް ކުރަމުންނެވެ. ކުވައިތު މާ ބޮޑަށްވެސް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، 17 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާވެސް ކުރިއެވެ. ފުރިހަމަ ކައުންޓާ އެޓޭކެއްގައެވެ. ކައުންޓާ އެޓޭކެއްގައި އީދް އަލް ރާޝިދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް ގޯލު ކާމިޔާބުކޮށްދިނީ މުބާރަކް އަލް ފަނީނީއެވެ. ޕާކިސްތާނުގެ ޑިފެންސްގެ މައްސަލަ އެ ގޯލުގައި ވަރަށް ބޮޑަށް ފާހަގަވިއެވެ.
ތަފާތު ފޯމެއްގައި ކުޅެމުންދިޔަ ކުވައިތުން ފުލުފުލުގައި ޕާކިސްތާން ގޯލަށް ނުރައްކާ ކުރަމުންދިޔަ އިރު، ޕާކިސްތާނުގެ ކުރިން އެޓީމަށް މާ ގިނަ ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ. އޯޓިސް ހާންގެ ފަރާތުން ދެތިން ފަހަރަކު ހަމަލާއަކަށް މަސައްކަތް ކުރިތަން ފެނުނު ނަމަވެސް، އޭނާއަށްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން ކުވައިތުން ހާފު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ.
ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ކުރިއަށް ނުކުމެ ހުރުމުން، އޭނާގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ކުވައިތަށް ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން މުބާރަކް އަލް ފަނީނީއެވެ. އޭނާ އެ ގޯލު ކާމިޔާބުކޮށްފައިވަނީ އީދް އަލް ރާޝިދީ ފޮނުވާލި ހަމަލާއެއް ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުންނެވެ.
ދެވަނަ ހާފުވެސް ކުވައިތުން ފެށީ ނުރައްކާ ކޮށެވެ. މެޗުގެ 47 ވަނަ މިނެޓުގައި ސަލްމާން މުހައްމަދު ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ އީދް އަލް ރާޝިދީ ޕާކިސްތާނުގެ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ. އެ ނުރައްކަލާއެކު ކުވައިތުން މެޗު ފެށި އިރު، އޭގެ މިނެޓެއް ފަހުން މުބާރަކް އަލް ފަނީނީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ ސަލްމާން މުހައްމަދު ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޕާކިސްތާން ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޕާކިސްތާނުގެ އެންމެ ނުރައްކާތެރި ހަމަލާ މެޗުގައި ފެނުނީ 65 ވަނަ މިނެޓުގައެވެ. އަރިމަތިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޕާކިސްތާންގެ މުހައްމަދު ވަލީދު ޚާން ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ކުވައިތުގެ ކީޕަރު ބަދަރް ބިން ސާނޫނެވެ. އެ ހަމަލާއާއެކު ހިތްވަރެއް ހޯދަން ޕާކިސްތާނުން ކުރި މަސައްކަތަށް އުނދަގޫތަކާ ދިމާވީ މިނެޓެއް ފަހުން ކޮޅަށް ވަން ހަތަރުވަނަ ގޯލަކާއެކުގައެވެ. ވަރަށް ހުސްކޮށް ހުރެ، ބޯޅަ ހިފައިގެން ޕާކިސްތާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ކުވައިތަށް ގޯލު ކާމިޔާބުކޮށްދިނީ އީދް އަލް ރާޝިދީއެވެ.
އޭގެ ފަހުންވެސް މެޗުގައި ކުވައިތުން ނުރައްކާ ކޮށްފައިވާ އިރު، ޝަބައިބް އަލް ޚާލްދީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއްވެސް ޕާކިސްތާނުގެ ގޯލްކީޕަރު ބަޓް މަތަކުރިއެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި މިރޭ ކުޅޭ މެޗުގައި އިންޑިއާއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023