އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅުނީ އުނދަގޫ ހާލަތެއްގައި ޓީމު އޮވެގެން ކަމަށާއި، މިއަދު ކުވައިތާ ދެކޮޅަށް ފެންނާނީ މުޅިން އެހެން ޕާކިސްތާނެއް ކަމަށް ކޯޗު ޝެހެޒާދު އަންވަރު ބުނެފިއެވެ.
ޕާކިސްތާނުން މިފަހަރުގެ މުބާރާތް ފެށީ އުނދަގޫ ހާލަތެއްގައެވެ. އެޓީމުން އިންޑިއާއަށް އެތެރެވީވެސް 21 ވަނަ ދުވަހުގެ ހެނދުނުއެވެ. އެރޭ އިންޑިއާއާ ދެކޮޅަށް މެޗު ކުޅެފައިވާ އިރު، ހޮޓަލަށް ގޮސް ހަމަޖެހިލަން ވަގުތުވެސް މެޗުގެ ކުރިން ނުލިބޭ ކަމަށް ކޯޗު ޝެހެޒާދު ބުނެފައިވެއެވެ. ވިސާ މައްސަލައިގައި ޕާކިސްތާނަށް އިންޑިއާއަށް އެތެރެވުމަށް ގިނަ މައްސަލަތަކެއް ދިމޭވެފައިވާ އިރު، ކޯޗު ޝެހެޒާދު ރަސްމީކޮށް ޕްރެސްއަށްވެސް ގޮސްފައެއް ނުވެއެވެ. އިންޑިއާ ކައިރިން 4-0 އިން ބަލިވި މެޗަށްފަހު ޕާކިސްތާންގެ ފަރާތުން އެސިސްޓެންޓް ކޯޗު ޕްރެސްއަށް ގޮސްފައިވާ އިރު، ކޯޗު ޝެހެޒާދު ޓީމާ ގުޅޭ ގޮތުން ވާހަކަ ދެއްކީ އެގައުމުގެ މީޑިއާއަށެވެ. އެއީ ނުރަސްމީ ސިފައެއްފައެވެ.
"އަހަރެންގެ ކުޅުންތެރިންނަށް ތައުރީފް ކުރަން އިންޑިއާ ކައިރިން ދެއްކި ކުޅުމަށް. ވަރުބަލިވެގެން ގޮސް ވެއްޓޭބވަރުފައި ތިބެވެސް އިންޑިއާ ކައިރީ ރަނގަޅަށް ކުޅެ، ހަމަލާތަކަށްވެސް މަސައްކަތް ކުރި. އަހަރެމެންނަށް ބެންގަލޫރަށް ގޮސް ހޮޓަލަށް ވަދެވުނީ މެޗުގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން. ދަނޑަށް ނައްޓާލަންވެސް ޖެހޭ ގާތްގަނޑަކަށް އެއްގަޑިއިރާ ބައިގެ ކުރިން ބަހުގައި. އެހެންވީމަ ކައިގެން ފެންވަރާލައިގެން ކިރިޔާ ދެވުނީ ޓީމަށް،" ޝެހެޒާދު ބުންޏެވެ.
ޕާކިސްތާނުން ސާފަށް ތައްޔާރުވީ މޮރިޝަސްފައި ތްރީ ނޭޝަންސް ކަޕެއް ކުޅެގެންނެވެ. މޮރިޝަސްގެ ޓާފް ދަނޑެއްގައި މެޗުތައް ކުޅުމަށްފަހު ޓީމުން ސާފަށް ބެންގަލޫރުގައި ނުކުތީ ސްރީ ކަންތީރަވާ ސްޓޭޑިއަމަށެވެ. އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބޯކޮށް ވާރޭވެހިފައިވާ އިރު، ޝެހެޒާދްގެ ނަޒަރުގައި އެއީވެސް ޕާކިސްތާނަށް ދިމާވި އުނދަގުލެކެވެ. އަދި މޮރިޝަސްއިން ފުރައިގެން ޓީމު 24 ގަޑިއިރެއްހާއިރު ދަތުރުމަތީގައި ހޭދަކުރުން އެއީ "ފެޓީގް"ގެ މައްސަލަ ކުރިމަތިވި ކަމެއް ކަމަށްވެސް ޝެހެޒާދު ބުންޏެވެ.
ޝެހެޒާދުގެ ވާހަކައިގައި ދެން ފާހަގަކުރީ މިއަދު ރާއްޖެގަޑިން 3:00 ގައި ކުވައިތާ ދެކޮޅަށް ކުޅެން އޮތް މެޗަށެވެ. އޭނާ ބުނީ މެޗަށް ރަނގަޅު ތައްޔާރުވާނެ ކަމަށާއި، ޓީމުން ކުވައިތާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ބޮޑު ކަމަށެވެ.
"ކުވައިތަކީ ވަރުގަދަ ޓީމެއް ނަމަވެސް، އިންޝާﷲ (މިއަދުގެ) މެޗުން ފެންނާނީ މުޅިން އެހެން ޕާކިސްތާން ޓީމެއް،" ޝެހެޒާދު ބުންޏެވެ.
ޝެހެޒާދު އިތުރަށް ބުނީ ޕާކިސްތާނުގެ ސްކޮޑުގައި ރަނގަޅު އޮޕްޝަންތަކެއް އެބަހުރި ކަމަށާއި، ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އަދި ރެފްރީގެ ބައެއް މައްސަލަތައްވެސް އިންޑިއާ މެޗުގައި ފެނުނު ކަމަށް ޝެހެޒާދު ބުންޏެވެ. އިންޑިއާގެ ފުރަތަމަ ޕެނަލްޓީއަކީ ސުވާލު އުފެދޭ ޕެނަލްޓީއެއް ކަމަށް ޝެހެޒާދު ބުނެފައިވާ އިރު، އޭނާ ބުނީ އުދަންތާ ސިންހް ޖެހި ހަތަރުވަނަ ގޯލަކީ އޮފްސައިޑްގައި އޮވެފައި ދުއްވައިގަނެގެން ޖެހި ގޯލެއް ކަމަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023