އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރިން މޮޅުވެއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ރާއްޖެއިން މިރޭ ކުޅުނު މެޗުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު)އެވެ.
ސާފް ޗެމްޕިއަންޝިޕުން ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ބޫޓާނާ ދެކޮޅަށް ނުކުތް އިރު، ތާރީހު އޮތީ ރާއްޖެ އަތުގައެވެ. މިރޭގެ މެޗުގެ ކުރިން އެކިއެކި މުބާރާތްތަކުގައި މިހާތަނަށް ރާއްޖެއާއި ބޫޓާން ވާދަކުރި 10 މެޗުންވެސް މޮޅުވީ ރާއްޖެއެވެ. ރާއްޖެއިން އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅޫނީ 2018 ވަނަ އަހަރުއެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ކުރިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެއާއި ބޫޓާން ވާދަކުރީ 2015 ވަނަ އަހަރުއެވެ. އެ މެޗުން ރާއްޖެ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ރާއްޖެއިން ވާދަކުރަމުންދާ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލުބުނާނުން 2-0 އިން ބަންގްލަދޭޝް ބަލިކޮށްފައިވާ އިރު، މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ރާއްޖެއަށް އޮތީ މުހިއްމުވެފައެވެ. އެއީ ދެން އޮތް ދެ މެޗަކީވެސް މިރޭގެ މެޗަށްވުރެ އުނދަގޫވާނެ ދެ މެޗު ކަމަށް ބެލެވިފައި އޮތުމުންނެވެ.
ބެންގަލޫރުގައި ތަމްރީނު ހަދަމުންދާ ދިވެހި ގައުމީ އެތުލެޓިކްސް ޓީމާއި، އިތުރު ބައެއް ދިވެހީންގެ ސަޕޯޓް ކަންތީރަވާ ސްޓޭޑިއަމުން މިރޭ ފެނިގެން ދިޔަ އިރު، ރާއްޖެއިން މެޗު ފެށީ ސަޕޯޓަރުން ހެއްވާލައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ލީޑު ނެގިއެވެ. ރާއްޖެއިން ލީޑު ނެގީ ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ ލިބުނީ ބޫޓާންގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ހަމަލާއެއް އުފައްދުމަށް މަސައްކަތްކުރަނިކޮށް، ބޫޓާންގެ ޓެންޒިން ޑޯޖީ ކުރި ފައުލަކާ ގުޅިގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީވެސް ހަމްޕުއެވެ.
އެ ލީޑާއެކު ރާއްޖެއިން ރަނގަޅަށް ފެށި ނަމަވެސް، ހާފުގެ ބާކީ ބައިގައި ރަނގަޅަށް ކުޅުނީ ބޫޓާނުންނެވެ. ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކޮށް، ހިފަހައްޓާލަން އުނދަގޫވި ހިސާބަށްވެސް ދިޔައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބޫޓާނަށް ހުސް ފުރުސަތެއް ލިބިފައިވާ އިރު، ކެޕްޓަން ކަރަމް ޝެޑްރުޕް ޝެރިން، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް މަތަކުރިއެވެ. ހުސައިން އަތުގައި ޖެހިފައި ނުކުތް ބޯޅައިގައި ރީބައުންސް ހަމަލާއެއް އުފައްދަން ޔެޝީ ޑޯޖީއަށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ.
މިރޭގެ މެޗަށް ހުސައިން ގޯލު ބެލެހެއްޓުމަށް ފުރުސަތު ލިބިފައިވަނީ ތަމްރީނުތަކުގެ ތެރެއިން މުހައްމަދު ފައިސަލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް މުބާރާތް ގެއްލުމުންނެވެ. ހުސައިން އަދި ފައިސަލަކީ ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުންދާ ދެ ކީޕަރުންނެވެ.
ހާފުގެ ފަހުކޮޅުގައިވެސް ބޫޓާނުން ދިޔައީ އޮބި ނޯންނަ ވަރަށް އެޓޭކް ކުރަމުންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފްގެ މޮޅު ދެ ސޭވެއް ފެނިގެން ދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޔެޝީ ޑޯޖީ ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ހުސައިން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ހުސްކޮށް ހުރެ ޑޯޖީ ފޮނުވާލުމުން ވެސް ކީޕަރު ހުސައިން ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޫޓާންގެ ޝެލްތުރިމް ނަމްޖިޔެލް ވަނީ ރާއްޖޭގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް ރެފްރީ ނިންމީ އެ ގޯލު ޖެހުމުގެ ކުރިން ބޫޓާންގެ ކުޅުންތެރިޔަކު ރާއްޖޭގެ ކުޅުންތެރިޔަކަށް ފައުލްކޮށްފައިވާ ކަމަށެވެ.
ހަނި ލީޑެއްގައި އޮވެ ރާއްޖެއިން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ރާއްޖެއިން ބަދަލުތަކެއް ކުރިއެވެ. އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހީމް ވަހީދު (އިއްބެ)ގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަލީ ފާސިރު (ސެންޓޭ)އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ހަމްޕު އާއި އަހުމަދު ނޫމާން (ހެލްމެޓް)ގެ ބަދަލުގައި ކުޅެން ނުކުތީ ނާއިޒް ހަސަން (ދާދު) އާއި ހަސަން ޝިފާޒް (ޑުންގާ)އެވެ.
ބަދަލުތަކާއެކުވެސް ރާއްޖެއަށް އެޓޭކްތައް އުފައްދަން އުނދަގޫތަކާ ދިމާވިއެވެ. ހާއްސަކޮށް މެދުތެރެއިން ރަނގަޅު ބޯޅަތަކެއް ކުޅެން އުނދަގޫވިކަން ފާހަގަވިއެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ފަރާތުން ޕާސް ޖަހާލައިގެން ހަމަޖެހިލިތަނެއް ނުފެނެއެވެ.
ބޫޓާނުން މެޗުގައި ނުރައްކާ ކުރަމުންދިޔަ އިރު، 65 ވަނަ މިނެޓުގައި ޔެޝީ ޑޯޖީ ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ކީޕަރު ހުސައިންއާ ދިމާއަށެވެ. އަދި އޭގެ ފަހުން ކަރްމާ ސޮނަމް ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެފަހުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހިލޭ ޖެހުން، ރާއްޖޭގެ ކީޕަރު ހުސައިން ވަނީ ގޯލު ލައިންމަތިން ދިފާއުކޮށްފައެވެ.
މެޗުގެ ފަހުކޮޅުގައި ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ރަނގަޅަށް ބޭނުންކުރެވޭ ގޮތެއް ނުވިއެވެ. ސެންޓޭއަށް ހުސްކޮށް ލިބުނު ފުރުސަތު އޭނާ ފައިގައި ޖެހިފައި ގެއްލިގެން ދިޔަ އިރު، ދާދު ރަނގަޅަށް ކުރިއަށް ޖެހި، ފޮނުވާލި ބާރު ބޯޅަ މަތަކުރީ ބޫޓާންގެ ގޯލްކީޕަރެވެ.
މެޗުގައި ހުސައިންގެ ފަރާތުން ރަނގަޅު ސޭވްތައް ފެނިގެން ގޮސްފައިވާ އިރު، ރާއްޖެއަށް ހަމަޖެހިލެވުނީ 90 ވަނަ މިނެޓުގައި ދާދު ޖެހި ގޯލާއެކުގައެވެ. ދާދު ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޫޓާންގެ ކީޕަރު ޝެރިންގް ޑެންޑުޕް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. ރާއްޖެއިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފަހު މިނެޓުގައި ހަންނައަށް ވަނީ ދެ ރީނދުލާއެކު ރަތެއް ދައްކައިފައެވެ.
ރާއްޖެއިން ދެން މުބާރާތުގައި ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023