އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ލުބުނާނުން ބަންގްލަދޭޝް ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ލުބުނާނުން ބަންގްލަދޭޝް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގައި މިއަދު ބަންގްލަދޭޝްއާއި ލުބުނާން ވާދަކުރި މެޗަކީ ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗެވެ. ލުބުނާނުން މުޅިން އަލަށް ސާފް ޗެމްޕިއަންޝިޕަށް ނުކުމެފައިވާ އިރު، އެޓީމަކީ ދައުވަތު އެރުވިގެން މިފަހަރު މުބާރާތުގައި ކުޅޭ މެދުއިރުމަތީގެ ޓީމެކެވެ. ލުބުނާނަކީ މިއަހަރުގެ މުބާރާތުގައި ވާދަކުރަމުންދާ ފީފާ ރޭންކިން އެންމެ މަތި ޓީމެވެ. އެޓީމުން 99 ވަނައިގައި އޮތް އިރު، ދެން އެންމެ ކައިރީގައި އޮތް ސަރަހައްދީ ގަދަބާރު އިންޑިއާ އޮތީ 101 ވަނައިގައެވެ. މިއަދުގެ މެޗުގައި ލުބުނާނުން ދެކޮޅަށް ނުކުތް ބަންގްލަދޭޝް އޮތީ ފީފާ ރޭންކިންގެ 192 ވަނައިގައެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމަށް މިއަދުގެ މެޗަށް ވަދެވައިވަނީ މަދު އަދަދެއްގެ ސަޕޯޓަރުންނެވެ. މެޗަށް ނުކުތް އިރު، ލުބުނާނަކީ ފެވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް، ފުރަތަމަ ކޮޅުގައި ދެޓީމުގެ ކުޅުމުން މާ ބޮޑު ތަފާތެއް ނުފެނެއެވެ. މެޗުގެ ފުރަތަމަ ދިހަ ވަރަކަށް މިނެޓުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ދެ ޓީމަށްވެސް އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ހާއްސަކޮށް މުޅި ފުރަތަމަ ހާފުވެސް ފެނުނީ ހަމަލާތައް މަދު ހާފެއްގެ ގޮތުގައެވެ.
ގާތްގަނޑަކަށް 29 ޑިގްރީ ސެލްސިއަޝްގައި މިއަދު ކުޅުނު މެޗުގެ ކުރީކޮޅުގައި ލުބުނާނުން ވަނީ ބަންގްލަދޭޝްގެ އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ކުރަން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެ ހުރަސްތައް ދިޔައީ މާ ބޮޑު ބޭނުމެއް ނުހިފިއެވެ. ލުބުނާނަށް މެޗަށް ވަންނަން އުނދަގޫތަކަކާ ކުރިމަތިވެފައިވާ އިރު، އެޓީމުގެ ފުރަތަމަ ހަމަލާ ފެނުނީ 16 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލުބުނާންގެ ކަރީމް ޑާރްވިޗް ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އޭގެ ފަހުން އަނެއްކާވެސް ލުބުނާނުގެ އެޓޭކުގެ މަސައްކަތް މަޑު ޖެހިލި ނަމަވެސް، 35 ވަނަ މިނެޓުގައި އަނެއްކާވެސް ނުރައްކާ ކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަރިމަތިން ލުބުނާންގެ ޚަލީލް ބަދެރް ފޮނުވާލި ބާރު ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކުރިއެވެ.
ފުރަތަމަ ހާފްގައި ބަންގަލަދޭޝްއިންވެސް ކައުންޓާ ފުރުސަތުތަކަށް އިންތިޒާރުކުރަމުން ގޮސްފައިވާ އިރު، ހާފު ނިމެންދަނިކޮށް އެޓީމުންވެސް ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފައެވެ. އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ މަތަކުރީ ލުބުނާންގެ ކީޕަރު އަލީ ސަބާހެވެ.
ދެވަނަ ހާފަށް ލުބުނާނުން ނުކުތީ ދެ ބަދަލަކާއެކުގައެވެ. މުހައްމަދު ސަޑޭކްގެ ބަދަލުގައި ޒެއިން އަލް އަބިދީން ފައްރާން ކުޅެން ނުކުމެފައިވާ އިރު، އަލިއާލް ހާޖްގެ ބަދަލުގައި ކުޅެން ނުކުތީ ޓީމުގެ ކެޕްޓަން ހަސަން މާތޫކެވެ. މާތޫކަކީ އެޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާއި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮންނަ ކުޅުންތެރިޔާއެވެ.
ހާފުގެ ފުރަތަމަ ހަމަލާވެސް ފެނުނީ ލުބުނާންގެ ފަރާތުންނެވެ. ނަދޭރް މަތަރް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި މާތޫކަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަބެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ. ހުސް ފުރުސަތު ލުބުނާނުން ނަގާލުމުން އަނެއްކޮޅަށް ބަންގްލަދޭޝްއިންވެސް ނުރައްކާ ކުރިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ޝޭޚް މޯރްސަލިން ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބަންގުލަދޭޝްގެ އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ މަތަކުރީ ލުބުނާން ކީޕަރު އަލީ ސަބާހެވެ.
ދާދި ހަމަހަމަކޮށް ދެވަނަ ހާފުވެސް ފެނިގެން ދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ ލުބުނާނުން 79 ވަނަ މިނެޓުގައި ލީޑު ނެގުމުންނެވެ. ކަރީމް ޑާވިޗް ދިން ބޯޅައަކުން ލުބުނާނަށް ލީޑު ނަގައިދިނީ ބަދަލަކަށް ނުކުތް ޓީމުގެ ކެޕްޓަން އަދި ރެކޯޑު ގޯލު ޖެހުންތެރިޔާ ހަސަން މާތޫކެވެ. އޭނާ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އޭގެ ފަހުން ލުބުނާނުން ހަމަޖެހިލައި ކުޅެމުން ގޮސްފައިވާ އިރު، ބަންގްލަދޭޝް ފެނުނީ ކޮންމެވެސް ވަރަކަށް ވަރުބަލިކޮށެވެ. މާ ގިނަ ހަމަލާތަކެއް މެޗުގެ ފަހުކޮޅުގައި ފެނިފައިނުވާ އިރު، ލުބުނާނުން މޮޅު ޔަގީންކުރީ އިތުރު ގޯލަކާއެކުވެސް އެކުގައެވެ. އިތުރު ވަގުތުގެ ތެރޭގައި ޒެއިން އަލް އަބިދީން ފައްރާން ދިން ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޚަލީލް ބަދަރެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި މިރޭ އޮންނަ ގްރޫޕް ބީގެ މެޗުގައި ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023