ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ވުޖޫދުވެފައިވަނީ 1982 ވަނަ އަހަރުއެވެ. އޭއެފްސީ އަދި ފީފާގެ މެންބަރަށް ރާއްޖެ ވެފައިވަނީ 1986 ގައެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ފުރަތަމަ މެޗެއް ކުޅެފައިވަނީ 1979 ވަނަ އަހަރު ޝީޝެލްސްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 9-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން ފުޓުބޯޅައިގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބަކީ ސާފް ޗެމްޕިއަންޝިޕް 2008 އަދި ސާފް ޗެމްޕިއަންޝިޕް 2018 ގެ ޗެމްޕިއަންކަން ހޯދުމެވެ. އެއާއެކު ސާފް ޗެމްޕިއަންޝިޕްގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމަކީ ރާއްޖެއެވެ. ސާފް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ޓީމަކީ އަށް ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައިވާ ރާއްޖޭގެ ވާދަވެރި އިންޑިއާއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 11 ސާފް ޗެމްޕިއަންޝިޕެއްގައި ވާދަކޮށްފައެވެ. އެގޮތުން ރާއްޖެއިން ވާދަކުރި ފުރަތަމަ ސާފް ޗެމްޕިއަންޝިޕަކީ 1997 ގައި ނޭޕާލުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތް ވެގެން ގޮސްފައިވަނީ ރާއްޖެއަށް ކާމިޔާބު މުބާރާތަކަށެވެ. އެ މުބާރާތް ރާއްޖެއިން ނިންމާލީ ރަނަރަޕްކަން ހޯދައިގެންނެވެ.

ސާފް ޗެމްޕިއަންޝިޕް 1997 ގެ ގްރޫޕު ސްޓޭޖުގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ބަންގުލަދޭޝްއާ އެއް ގްރޫޕެއްގައެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ބަންގުލަދޭޝް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެ މެޗުގައި ރާއްޖެއަށް ގޯލު ކާމިޔާބުކޮށްދިނީ ލިރުގާމް ސައީދު (ލަރޭ) އެވެ. ރާއްޖެ އިން ގްރޫޕުގެ ދެވަނަ ހޯދީ ފަހު މެޗުގައި އިންޑިއާ ހިފަހައްޓައިގެންނެވެ. އެ މެޗުގައި އިންޑިއާގެ ބައިޗަންގް ބުޓިއާ އާއި ޖޯ ޕޯލް އަންޗޭރީގެ ގޯލުން އިންޑިއާ އިން ލީޑު ހޯދާފައިވަނިކޮށް، ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް ރަޝީދާއި މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) އެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެއިން ނުކުތީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ރާއްޖެއިން ކާމިޔާބުކުރި އިރު، ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝާހު އިސްމާއީލާއި ތޮއްޑޫ ނިޒާމެވެ. އަދި ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖޭގެ ގޯލު ކާމިޔާބުކޮށްދިނީ އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.

އެ މުބާރާތަށްފަހު ޖެހި އައި ދެ މުބާރާތް ވެސް ރާއްޖެއަށް ކާމިޔާބެވެ. އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 1999 ގައި ރާއްޖެ އިން ތިންވަނަ ހޯދި އިރު، ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2003 ގެ ރަނަރަޕްކަން ހޯދިއެވެ. ސާފް ޗެމްޕިއަންޝިޕް 1999 ގެ ފުރަތަމަ މެޗުގައި ގޯލެއް ނުޖެހި ސްރީ ލަންކާ އަތުން ރާއްޖެ ވަނީ އެއްވަރުވެފައެވެ. އަދި ރާއްޖެ އިން ގްރޫޕުގެ އެއްވަނަ ހޯދީ ފަހު މެޗުގައި 3-2 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްގެންނެވެ. އެ މެޗުގައި ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޝާހު އިސްމާއީލާއި މުހައްމަދު ވިލްދާން އަދި މައުސޫމް އަބްދުއް ގަފޫރު (މާސޭ) އެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން 2-1 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. ބުޓިއާގެ ގޯލުން އިންޑިއާ އިން ލީޑު ހޯދާފައިވަނިކޮށް، ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ ވިލްދާނެވެ. އެ މެޗުން ރާއްޖެ ބަލިވީ މެޗު ނިމެނިކޮށް އިންޑިއާގެ ބްރޫނޯ ކުޓީނިއޯ ޖެހި ގޯލުންނެވެ. އަދި ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ރާއްޖެއިން ވަނީ 2-0 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްފައެވެ. އެ މެޗުގައި ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ ވިލްދާނާއި މުހައްމަދު އިބްރާހީމެވެ.

ސާފް ޗެމްޕިއަންޝިޕް 2003 ގެ ގްރޫޕު ސްޓޭޖުގެ ފުރަތަަމަ މެޗުގައި ރާއްޖެ އިން ވަނީ ފުރަތަމަ މެޗުގައި 6-0 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައެވެ. އެ މެޗުގައި އަލީ ޝިހާމް ހެޓްރިކެއް ފުރިހަމަ ކުރި އިރު، ރާއްޖޭގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ތޮއްޑޫ ނިޒާމާއި އަޝްރަފް ލުތުފީ އަދި އަލީ އުމަރެވެ. ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ބަންގުލަދޭޝް އަތުން ބަލިވި ނަމަވެސް، ފަހު މެޗުގައި 3-2 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށް ރާއްޖެއިން ވަނީ ގްރޫޕުގެ ދެވަނަ ހޯދައިފައެވެ. ނޭޕާލާ ދެކޮޅަށް މެޗުގައި ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ ތޮއްޑޫ ނިޒާމާއި އަޝްރަފް ލުތުފީ އަދި އަލީ އުމަރެވެ.

ސެމީ ފައިނަލުގައި ރާއްޖެއިން 1-0 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކުރި އިރު، ރާއްޖޭގެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އަދި ވާދަވެރި ފައިނަލް މެޗުގައި ބަންގުލަދޭޝް އިން ގޯލެއް ޖަހާފައިވަނިކޮށް، ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ އުމަރެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުމަދު ނާޒް އާއި އިސްމާއިލް ނަސީމް އަދި އޮއްޕެއެވެ. ރާއްޖެއަށް ނާކާމިޔާބުވީ އަޝްރަފް ލުތުފީ ފޮނުވާލި ޕެނަލްޓީއެވެ.

ރާއްޖެއިން ފުރަތަަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ގައެވެ. އެއީ ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވި މުބާރާތެކެވެ. ރާއްޖޭގެ ގްރޫޕު ސްޓޭޖު މެޗުތައް ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އިރު، ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ 3-0 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކޮށްފައެވެ. އެ މެޗުގައި ޕާކިސްތާން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ރާއްޖޭގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަހުމަދު ތޯރިގު (ޓޮމް) އެވެ. ރާއްޖޭގެ ދެވަނަ މެޗުގައި ނޭޕާލް އަތުން 4-1 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. އެ މެޗުގައި ރާއްޖޭގެ އިސްމާއިލް މުހައްމަދު (އިއްސެ) އާއި އޮއްޕެ، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ކާމިޔާބުކުރިއެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ގްރޫޕުގެ ދެވަނައިގެ ގޮތުގައި ރާއްޖެއަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ލިބިފައެވެ.

އެ މުބާރާތުގެ ސެމީ ފައިނަލު މެޗު ކުޅެން ޖެހުނީ ލަންކާގައެވެ. ލަންކާއާ ދެކޮޅަށް ކުޅުނު އެ މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، ރާއްޖޭގެ ގޯލު ކާމިޔާބުކޮށްދިނީ އޮއްޕޮއެވެ. އަދި ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށްގެންނެވެ. އެ މެޗުގައި ރާއްޖެއިން ޖެހި ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ރާއްޖެއަށް ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނީ އޭގެ ދިހަ އަހަރު ފަހުން 2018 ގައެވެ. ބަންގުލަދޭޝްގައި ބޭއްވި އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގެ ފުރަތަަމަ މެޗުގައި ގޯލެއް ނުޖެހި ލަންކާ އަތުން ރާއްޖެ ވަނީ އެއްވަރުވެފައެވެ. އަދި ފަހު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމުނު އިރު، ރާއްޖެ އާއި ލަންކާ ހުރިހާ ގޮތަކުން އެއްވަރުވުމުން ގްރޫޕުގެ ދެވަނަ ކަނޑައެޅީ ގުރު ނަގައިގެންނެވެ. އެ ގުރުން ސެމީގެ ޖާގަ ކަށަވަރުވީ ރާއްޖެއަށެވެ.

ނަސީބަކާއެކު ސެމީއަށް ދަތުރުކުރި ރާއްޖެއިން ސެމީގެ މެޗުގައި ނޭޕާލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖޭގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ދެ ގޯލު ކާމިޔާބުކޮށްދިން އިރު، އަނެއް ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ) އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. އެ މެޗުން ރާއްޖެ 2-1 ގެ ނަތީޖާއަކުން މޮޅުވި އިރު، ރާއްޖޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އަލީ ފާސިރު (ސެންޓޭ) އެވެ.

އެ މުބާރާތަށްފަހު އަމިއްލަ ގައުމުގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ވެގެންދިޔައީ ރާއްޖެއަށް ނާކާމިޔާބު މުބާރާތަކަށެވެ. އެ މުބާރާތުގައި ފަސް ޓީމެއް ބައިވެރިވުމުން ފުރަތަމަ ކުރިއަށްގެންދިޔައީ ލީގު ބުރެކެވެ. ލީގު ބުރުގެ ފުރަތަމަ މެޗުގައި ވެސް ނޭޕާލް އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. ޖެހިގެން އައި ދެ މެޗުގައި ރާއްޖެއިން ބަންގުލަދޭޝް އާއި ލަންކާ ބަލިކުރިއެވެ. އެއިން ކޮންމެ މެޗެއްގައި ދަގަނޑޭގެ ގޯލެއް ފެނިގެންދިޔައެވެ. ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބިފައިނުވަނީ ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އެ މެޗުގައި ވެސް ރާއްޖޭގެ ގޯލު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ.

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ ހިމެނެނީ "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ލުބުނާނާއި ބަންގުލަދޭޝް އަދި ބޫޓާނެވެ.

  • ނަން: ފްރެންޗެސްކޯ މޮރިއޭރޯ
  • އުމުރު: 54 އަހަރު

އިޓަލީއަށް އުފަން ކޯޗު މޮރިއޭރޯ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ޔޫރަޕްގެ ވަރުގަދަ ކްލަބުތަކަކަށް ކުޅެފައެވެ. އެގޮތުން 1986 ގައި ކެރިއަރު ފެށި މޮރިއޭރޯ ވަނީ ރޯމާ އާއި އިންޓަ މިލާން އަދި ނަޕޯލީއަށް ވެސް ކުޅެފައެވެ. ބްރެޒިލްގެ ރޮނާލްޑޯ ފަދަ ތަރިންތަކާއެކު ކުޅުނު މޮރިއޭރޯ ވަނީ އިންޓައާއެކު 1997-98 ސީޒަނުގެ ޔޫއެފާ ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ފިލިޕޯ އިންޒާގީ އާއި ރޮބާޓޯ ބާޖިއޯ ފަދަ ތަރިންތަކާއެކު އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި 2002 ވަނަ އަހަރު ރިޓަޔާކުރުމަށްފަހު، މޮރިއޭރޯގެ ކޯޗިން ކެރިއަރު ފެށީ 2006 ވަނަ އަހަރު އައިވަރީ ކޯސްޓްގެ ކްލަބަކުންނެވެ. ގިނަ ކްލަބުތަކަަކަށް އިރުޝާދުދިނުމަށްފަހު، މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ނުކުންނަ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ.

  • ނަން: ހަމްޒާ މުހައްމަދު (ހަމްޕު)
  • އުމުރު: 28 އަހަރު
  • ކްލަބު: މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ބ. އޭދަފުއްޓަށް އުފަން ހަމްޕުއަކީ ވަރަށް ޒުވާން އުމުރުގައި ސީނިއާ ކެރިއަރު ފެށި ފޯވަޑެކެވެ. ހަމްޕުގެ ކެރިއަރު ފަށާފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ތިން ސީޒަނެއްގެ ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. ނިއުއަށް ކުޅުމަށްފަހު 2019 ވަނަ އަހަރު ހަމްޕު މާޒިޔާއާ ގުޅި، އެ ކްލަބުގައި ވެސް ހަމްޕު ދަނީ ވިދާލަމުންނެވެ. މާޒިޔާއާއެކު ވެސް މިހާތަނަށް އޭނާ ވަނީ ދެ ސީޒަނެއްގެ ލީގު ކާމިޔާބުކޮށްފައެވެ.

ހަމްޕު ގައުމީ ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުއެވެ. ސާފް ޗެމްޕިއަންޝިޕް 2018 ކާމިޔާބުކުރި ޓީމުގައި ވެސް ހަމްޕު ހިމެނެއެވެ. މިހާތަނަށް އޭނާ ގައުމީ ޓީމަށް ފަސް ގޯލު ކާމިޔާބުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕް 2021 ގައި ބަންގުލަދޭޝް ކޮޅަށް ޖެހި ގޯލެއް ވެސް ހިމެނެއެވެ. ގައުމީ ޖާޒީގައި ހަމްޕު ފުރަތަަމަ ގޯލެއް ޖަހާފައިވަނީ ވެސް ބަންގުލަދޭޝް ކޮޅަށެވެ. އެއީ 2016 ވަނަ އަހަރު ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އޭނާ ޖެހި ގޯލެކެވެ. ބަންގުލަދޭޝް ކޮޅަށް ޖެހި ދެ ގޯލުގެ އިތުރުން ދެން އޭނާ ގޯލު ޖަހާފައިވަނީ ބޫޓާނާއި ސްރީލަންކާ އަދި ބްރުނާއީ ކޮޅަށެވެ.