- އާބާދީ: 169 މިލިއަން
- ވެރިރަށް: ޑާކާ
- ވަނަން: ބެންގާލް ޓައިގާސް
- އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ: ޖަމާލް ބުޔާން (71 މެޗު)
- ޓޮޕް ސްކޯރާ: އަޝްރަފް އުދިން އަހުމަދު ޗުންނު (17 ގޯލު)
ދެކުނު އޭޝިއާއަށް ނިސްބަތްވާ ބަންގުލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަން 1972 ގައި ވުޖޫދުވެ، އޭއެފްސީގެ މެންބަރަކަށް ވެފައިވަނީ 1973 ގައެވެ. އަދި ފީފާގެ މެންބަރަކަށް ވެފައިވަނީ 1974 ގައެވެ.
ބަންގުލަދޭޝް އިން ފުރަތަމަ ފަހަރަށް ރަސްމީ މެޗެއް ކުޅެފައިވަނީ 1973 ވަނަ އަހަރު ތައިލެންޑާ ދެކޮޅަށެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އޭޝިއަން ކަޕް 1980 އަށް ކޮލިފައިވެ، ބަންގުލަދޭޝް ހިމެނިފައިވަނީ އޭޝިއަން ކަޕްގެ ތާރީހުގައި އެ މުބާރާތަށް ކޮލިފައިވި ދެކުނު އޭޝިއާގެ ދެ ޓީމުގެ ތެރޭގައެވެ.
އިންޑިއާ އާއި ޕާކިސްތާނާއި ސްރީލަންކާއެކޭ އެއްގޮތަށް ބަންގުލަދޭޝްއަކީ ވެސް ކްރިކެޓަށް އިސްކަންދޭ ގައުމެކެވެ. ބަންގުލަދޭޝް އިން ފުޓުބޯޅައިގައި ހޯދާފައިވާ ކާމިޔާބީތައް ފެނިގެންދިޔައީ ދެކުނު އޭޝިއާ ސަރަހައްދުގެ މުބާރާތްތަކުގައެވެ. ބަންގުލަދޭޝް އިން 2003 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، 1999 ގެ ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑައްޔެއް ހޯދިއެވެ.
ބަންގުލަދޭޝް ފުޓުބޯޅަ ފެޑެރޭޝަން 1972 ގައި ވުޖޫދުވުމުގެ މާކުރިން ބަންގުލަދޭޝްގެ އެކި ސަރަހައްދުތަކަށް ފުޓުބޯޅަ ތައާރަފުވެގެންދިޔައެވެ. ބަންގުލަދޭޝްގައި ފުރަތަމަ ފުޓުބޯޅަ ތައާރަފުވެގެންދިޔައީ 1930 ގެ އަހަރުތަކުގައި އީސްޓް ބެންގާލުންނެވެ. އިނގިރޭސި ކްލަބަކުން ކުރި ޓުއާއެއްގައި އޭރު ބަންގުލަދޭޝްގެ އެހެން ސަރަހަދުތަކަށް ވެސް ފުޓުބޯޅަ ތައާރަފުވެގެންދިޔައެވެ.
ބަންގުލަދޭޝް އިން ފުޓުބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ 1980 އާއި 1990 ގެ އަހަރުތަކުގައެވެ. އެގޮތުން ބަންގުލަދޭޝް އިން 1980 ގެ އޭޝިއަން ކަޕަށް ކޮލިފައިވެ، އެ މުބާރާތުގައި ވާދަކުރިއެވެ. ބަންގުލަދޭޝް ހިމެނުނީ އީރާނާއި އުތުރު ކޮރެއާ އާއި ސީރިއާ އަދި ޗައިނާއާ އެއް ގްރޫޕެއްގައެވެ. ބަންގުލަދޭޝަށް މުބާރާތް ނިންމާލަން ޖެހުނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.
ބަންގުލަދޭޝްގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލައިލާ އިރު، ޕާކިސްތާނުގައި 1993 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތް ފިޔަވައި ހުރިހާ މުބާރާތެއްގައި އެޓީމުން ވާދަކުރިއެވެ. ބަންގުލަދޭޝްގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް އެޓީމުން ނިންމާލީ ތިންވަނަ ހޯދައިގެންނެވެ. ސްރީ ލަންކާގައި 1995 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ސެމީ ފައިނަލުގައި ބަންގުލަދޭޝް ބަލިވީ ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުންނެވެ.
ބަންގުލަދޭޝް އިން ވަނީ އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 1999 ގެ ރަނަރަޕްކަން ވެސް ހޯދައިފައެވެ. އެ މުބާރާތުގެ ގްރޫޕު ސްޓޭޖު ބަންގުލަދޭޝް އިން ނިންމާލީ އެއްވަނައިގައެވެ. ގްރޫޕު ސްޓޭޖުގައި ބަންގުލަދޭޝް އިން އިންޑިއާ ހިފެހެއްޓި އިރު، ޕާކިސްތާން އަތުން 4-0 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. ބަންގުލަދޭޝް އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 2-1 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށްގެންނެވެ. އަދި ފައިނަލުގައި އިންޑިއާ އަތުން ބަންގުލަދޭޝް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތަށްފަހު ޖެހިގެން އައި ދެ ސާފް ޗެމްޕިއަންޝިޕް ވެސް ބަންގުލަދޭޝަށް ކާމިޔާބެވެ. އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2003 ގެ ޗެމްޕިއަންކަން ހޯދި އިރު، ޕާކިސްތާނުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2005 ގައި ބަންގުލަދޭޝް އިން ރަނަރަޕްކަން ހޯދިއެވެ. ސާފް ޗެމްޕިއަންޝިޕް 2003 ގެ ޗެމްޕިއަންކަން ބަންގުލަދޭޝް އިން ހޯދީ ރާއްޖެ ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ނަތީޖާއަކުން ވަނީ ދެ ޓީމު ވަނީ އެއްވަރުވެފައެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖެ އަތުން ބަންގުލަދޭޝް މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
ސާފް ޗެމްޕިއަންޝިޕް 2005 ގެ ގްރޫޕު ސްޓޭޖުގައި ބަންގުލަދޭޝް ވަރުގަދަކޮށް ފެނުނު އިރު، ނިންމާލީ ގްރޫޕުގެ އެއްވަނައިގައެވެ. ގްރޫޕު ސްޓޭޖުގައި ބަންގުލަދޭޝް އިން ނޭޕާލާއި ބޫޓާން ބަލިކުރި އިރު، އިންޑިއާ ވެސް ހިފެހެއްޓިއެވެ. ބަންގުލަދޭޝް އިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 1-0 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކޮށްގެންނެވެ. އަދި ފައިނަލުގައި އިންޑިއާ އަތުން ބަންގުލަދޭޝް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތަށްފަހު ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝަށް ދެން އެންމެ ދުރަށް ދެވިފައިވަނީ އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2009 ގައެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ބަންގުލަދޭޝް ދަތުރުކުރީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސެމީގައި ބަންގުލަދޭޝް ބަލިވީ އެ ފަހަރުގެ ޗެމްޕިއަން އިންޑިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝް ހިމެނެނީ "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ރާއްޖެ އާއި ލުބުނާން އަދި ބޫޓާނެވެ.
- ނަން: ހާވިއާ ކަބްރޭރާ
- އުމުރު: 38 އަހަރު
ސްޕެއިނަށް އުފަން ހާވިއާ ކަބްރޭރާ ބޮޑަށް ފާހަގަކޮށްލެވެނީ އެކަޑަމީ ފުޓުބޯޅަ ޕްރޮޖެކްޓްތަކުންނެވެ. އޭގެ އިތުރުން ފުޓުބޯޅަ އެނަލިސްޓެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރެއެވެ. އޭނާގެ ކޯޗިން ކެރިއަރުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ ކްލަބުތަކުގެ ޒުވާން ޓީމުތަކުގައެވެ.
ކަބްރޭރާގެ ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު އިންޑިއާގެ ސްޕޯޓިން ގޯއާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އޭރު އޭނާ ދިޔައީ އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ވެސް މަސައްކަތްކުރަމުންނެވެ. ދެ އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހު ދެން އޭނާ ފެނިގެންދިޔައީ ސްޕެއިންގެ ރަޔޯ މަޔަޑަހޮންޑޯ އާއި ޑިޕޯޓިވޯ އަލަވޭސްގެ ޔޫތު ޓީމުގެ ކޯޗުކަމުގެ މަގާމުންނެވެ.
ބަންގުލަދޭޭޝް ގައުމީ ޓީމާ ކަބްރޭރާ ހަވާލުވީ މިދިޔަ އަހަރުއެވެ. އެ މަގާމާ ހަވާލުވުމަށްފަހު އޭނާގެ އިރުޝާދުގެ ދަށުން ބަންގުލަދޭޝް އިން ކުޅުނު ފުރަތަަމަ މެޗަކީ ރާއްޖެއާ ދެކޮޅަށް މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗުން 2-0 ގެ ނަތީޖާއަކުން ބަންގުލަދޭޝް ވަނީ ރާއްޖެ އަތުން ބަލިވެފައެވެ.
- ނަން: ޖަމާލް ބުޔާން
- އުމުރު: 33 އަހަރު
- ކްލަބު: ޝެއިޚް ރުުސެލް ކޭސީ، ބަންގުލަދޭޝް
ބަންގުލަދޭޝް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ޓީމުގެ ކެޕްޓަން ޖަމާލް ބުޔާންއެވެ. ޑެންމާކަށް އުފަން ޖަމާލަކީ ޑެންމާކުގެ އެންމެ ކާމިޔާބު ކްލަބު އެފްސީ ކޯޕަންހޭގަންގެ އެކަޑަމީން ތަމްރީނުވެގެން އައި ކުޅުންތެރިއެކެވެ.
ޖަމާލްގެ ސީނިއާ ކެރިއަރު ފަށާފައިވަނީ ވެސް ޑެންމާކުގެ ކްލަބަކުން 2009 ވަނަ އަހަރުއެވެ. ހެލަރަޕް އައިކޭގެ އިތުރުން ވެސް ޖަމާލް ވަނީ ޑެންމާކްގެ ބީކޭ އަވާޓާ އާއި އަވެޑޯރޭ އައިއެފްގައި ވެސް އަހަރުތަކެއް ހޭދަކޮށްފައެވެ. މިދިޔަ އަހަރު ބަންގުލަދޭޝްގެ ޝެއިޚް ރުސެލްއާ ގުޅުމުގެ ކުރިން ޖަމާލް ވަނީ ޑާކާ އަބަހާނީ އާއި ޝެއިޚް ޖަމާލް ދަންމޮންދީ އާއި ސައިފް އެސްސީ އަދި ޗޮޓަގޮންގް އަބަހާނީއަށް ވެސް ކުޅެފައެވެ. އޭގެ އިތުރުން އޭނާ ވަނީ އިންޑިއާގެ ކޮލްކަތާ މުހައްމެދާންއަށް ވެސް ކުޅެފައެވެ.
ބަންގުލަދޭޝް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮންނަ ޖަމާލް، ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. ބަންގުލަދޭޝް ގައުމީ ޓީމުން އޭނާ ފުރަތަމަ ފެނިގެންދިޔައީ ސާފް ޗެމްޕިއަންޝިޕް 2013 ގައެވެ. އޭނާ އަކީ ބަންގުލަދޭޝް ޓީމުގައި ހިމެނުނު އެ ގައުމުގެ ރަށްވެހިކަން ލިބިފައިނުވާ ފުރަތަމަ ކުޅުންތެރިޔާއެވެ.
ޖަމާލަށް ބަންގުލަދޭޝަށް ކުޅުމުގެ ފުރުސަތު ލިބެނީ އޭނާގެ މައިންބަފައިންނަކީ އެގައުމަށް އުފަން ބަޔަކަށް ވާތީއެވެ. އޭނާގެ އާއިލާ ޑެންމާކަށް ދިރިއުޅުން ބަދަލުކުރީ 1960ގެ އަހަރުތަކުގެ ފަހުކޮޅެވެ.
- 22 ޖޫން، 15:00، ލުބުނާން - ބަންގުލަދޭޝް
- 25 ޖޫން، 15:00، ބަންގުލަދޭޝް - ރާއްޖެ
- 28 ޖޫން، 19:00، ބޫޓާން - ބަންގުލަދޭޝް
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023