އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ޕާކިސްތާން ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގެ ކުރިންވެސް އޮތީ އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ވާދަވެރި ކަމަށް ނަޒަރު ހުއްޓިފައެވެ. ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ދެ ގައުމު، މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި އެއް ގްރޫޕަކަށް ލައްވާލި ހިސާބުންވެސް ގިނަ ބަޔަކު ދިޔައީ މިރޭގެ މެޗަށް އިންތިޒާރު ކުރަމުންނެވެ. މެޗުގެ ކުރިންވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. ހާއްސަކޮށް ޕާކިސްތާނަށް މެޗަށް ވިސާ ލިބުން ދަތިވެ، އިންޑިއާއަށް ނޭރިގެން އުޅެން ޖެހުނު ޖެހުމާއެކު ސާފްގެ މިހާތަނަށް އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އިންޑިއާ އާއި ޕާކިސްތާންގެ ވާހަކައެވެ.
މިރޭގެ މެޗަށް ޕާކިސްތާނަށް އިންޑިއާއަށް އެތެރެވެވުނީ ރޭގައެވެ. ބެންގަލޫރަށް އާދެވުނީ މިއަދު ހެނދުނުގައެވެ. މެޗު ފަސްކުރާނެ ވާހަކަތައް ކުރިން ދެއްކި ނަމަވެސް، ސާފުން ނިންމީ މެޗު ކުޅޭށެވެ. އެހެންކަމުން މިރޭގެ މެޗަށް ޕާކިސްތާނުން ނުކުތީ އެއްވެސްވަރެއްގެ ހަމަޖެހިލުމެއް ނެތި، ހަމަ ނިދިވެސް ނެތިއެވެ.
މެޗުގެ ގަޑިއިރެއްހާއިރު ކުރިން ސްރީ ކަންތީރަވާ ސްޓޭޑިއަމް ފުރެމުންދިޔައީ އިންޑިއާގެ ޖާޒީންނެވެ. ސުނިލް ޗެތުރީގެ ކްލަބު ކަމަށްވާ ބެންގަލޫރުގެ ހޯމް ގްރައުންޑްގައި މިފަހަރު ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާ އިރު، ސަޕޯޓަރުން ވަނީ އޭނާއަށް ހާއްސަ، އިންޑިއާއަށް ހާއްސަ ބެނާތަކާއެކު މެޗަށް ތައްޔާރުވެފައެވެ.
މެޗުގެ ކުރިން އުފެދުނު ޖަޒުބާތުތަކާއި ދެކެވުނު ވާހަކަތަކުން، މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް އިންޑިއާ ސަޕޯޓަރުން ދިޔައީ ދަނޑުގައި އަޑު ގުގުމަމުންނެވެ. 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ސެމީގައި އިންޑިއާއިން ޕާކިސްތާން ބަލިކުރި ފަހުން ދެ ގައުމުން ކުޅުނު ފުރަތަމަ މެޗު، އިންޑިއާއިން ފެށީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ.
އެޓީމުގެ ރަނގަޅު ޕާސްތައް ފުރަތަމަ ކޮޅުގައިވެސް ފެނިފައިވާ އިރު، މެޗުގެ 10 ވަނަ މިނެޓުގައި އިންޑިއާއިން ލީޑު ނެގިއެވެ. ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެތުރީއެވެ. ދަނޑު ކެކި އަރައި "ޖޭ ހިންދުސްތާން"ގެ ޗޭންޓްތަކުން ކައްކުވާލިއެވެ.
އިންޑިއާގެ އެ ގޯލާއެކު ޕާކިސްތާން ވަރަށް ބޮޑަށް މާޔޫސްވި ތަން ފެނުނު އިރު، އިންޑިއާއިން ވަނީ އޭގެ ފަސް މިނެޓް ފަހުން ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. ޕާކިސްތާން ކުޅުންތެރިއެއްގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީގައި އިންޑިއާގެ ދެވަނަ ގޯލުވެސް ޖެހީ ޗެތުރީއެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި 20 ވަނަ ގޯލެވެ. ކެރިއަރުގައި ގައުމީ ޓީމަށް ޖެހީ 89 ވަނަ ގޯލެވެ.
އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި އިންޑިއާއިން ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، ޗެތުރީގެ ހިލޭ ޖެހުން ބޭރަށް ދިޔައީ ކުޑަ ތަންކޮޅަކުންނެވެ. އަދި އޭގެ ފަހުން އަރިމަތިން ކުރުނިޔަން އަރައި ނަގައިދިން ބޯޅަ ޕާކިސްތާން ޑިފެންސުން ސާފުކޮށްލުމުން ރީބައުންސްގައި ސުބަހަސިޝް ބޯސްއަށް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާގެ ހަމަލާ ބްލޮކްވެގެން ދިޔައީ ސާގިބް އަތަށެވެ.
ފުރަތަމަ ހާފުގެ ފަހު މިނެޓް ކޮޅުގެ ތެރޭގައި މެޗު ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައެވެ. އިންޑިއާ ބެންޗު ކައިރިން ޕާކިސްތާނުގެ ކުޅުންތެރިޔާ ބޯޅަ އެއްލަނިކޮށް، އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބޯޅައިގައި ޖެހުމުން މެޗު ހޫނުވެ ކުޅުންތެރިން ބޮނޑިވެގަނެފައިވެއެވެ. ދެ ޓީމުން ހޫނުވެ، މެޗު ވަގުތުކޮޅަކަށް ހުއްޓާލާފައި އޮތުމަށްފަހު އަލުން ފެށީ ސްޓިމަކަށް ރަތްކާޑު ދައްކައިފައެވެ.
ދެވަނަ ހާފު ފެށިގެންވެސް ޑޮމިނޭޓްކޮށް ކުޅުނީ އިންޑިއާއިންނެވެ. ހާފިގެ ކުރީކޮޅުގައި މުހައްމަދު ކުރުނިޔާން ނަގައިދިން ހުރަސް، ޕާސްކިތާން ކީޕަރު ސާގިބް ހަނީފް ދިފާއުކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި އިންޑިއާގެ ސަހަލް އަބްދުލް ސަމަދު ލިބުނު ބޯޅައިން ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ބޯ ވިއްސާރައިގައި ކުޅެމުންދިޔަ މެޗުގައި ދެ ޓީމަށްވެސް އުނދަގޫތަކާ ދިމާވެފައިވެއެވެ. އިންޑިއާއިން މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ކުޅެމުން ދިޔަ އިރު، 74 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާ ކެޕްޓަން ޗެތުރީއަށް ޕާކިސްތާންގެ މުހައްމަދު ސުފިޔާން ކުރި ފައުލަކާ ގުޅިގެން އިންޑިއާއަށް އިތުރު ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޗެތުރީ ހެޓްރިކް ފުރިހަމަކުރިއެވެ.
މެޗުގައި އިންޑިއާއަށް އިތުރު ގޯލެއް ޖަހައި ފަރަގު ބޮޑުކޮށްދިނީ ބަދަލަކަށް ނުކުތް، އުދަންތާ ސިންހެވެ. އިންޑިއާގެ ހާފުން ދިން ބޯޅައެއް ކޮންޓްރޯލުކޮށްލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ޕާކިސްތާން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންޑިއާގެ ހަތަރުވަނަ ގޯލު އުދަންތާ ޖެހިއިރު، މެޗުގެ އޮއިވަރު އެއްވާނެއްގައި ހިފަހައްޓާލައި އިންޑިއާއިން ބޮޑު މޮޅެއް ޔަގީންކުރިއެވެ.
މުބާރާތުގައި މާދަމާ ހަވީރު އޮންނާނީ ލުބުނާނާއި ބަންގުލަދޭޝް ވާދަކުރާ މެޗެވެ. އަދި މާދަމާ ރޭ އޮންނާނީ ރާއްޖެއާއި ބޫޓާން ކުޅޭ މެޗެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023