ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އިތުރު ހަ މެމްބަރަކު ވޯޓު ދެއްވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިދާރާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވެފައިވަނީ ޕެޓިޝަނުގައި ސޮއިކުރެއްވި 54 މެމްބަރުންގެ ތެރެއިން ވަރަށް ގިނަ މެމްބަރުން އެމަނިކުފާނަށް މެސެޖުކުރައްވާފައި އެ ޕެޓިޝަނުގައި ސޮއިކުރެއްވީ "ޕްރެޝަރު" ކޮށްގެން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެބޭފުޅުން އަމަލުކުރައްވާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ވޯޓާ ހަމައަށް ދިއުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ އަޅުގަނޑު ހިތުން ދެން އެނގޭނީ ވޯޓަށް އެހީމަ، ވޯޓު ގުނީމަ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މެމްބަރުން ސޮއިކުރެއްވީ ނުފޫޒެއް އޮވެގެން ނޫން ކަމަށާއި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އިތުރު ހަ މެމްބަރަކު ވެސް ވޯޓުދެއްވާނެ ކަމަށެވެ. ނަމަވެސް ނަޝީދާ ދެކޮޅަށް ވޯޓު ނަގާ ދުވަހު ދެ މެންބަރަކު ރާއްޖޭގައި ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"36 މެމްބަރުންގެ ވޯޓާއެކު އެ ދުވަހު ޕާލިމެންޓްރީ ގްރޫޕުން ފާސްވީ އަދި ޕާލިމެންޓްރީ ގްރޫޕުން ފާސްވެ ހަމަ އެ ދުވަހު އެެ ވަގުތު ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 41 މެމްބަރުން އެ ވަގުތުން ވަގުތަށް ސޮއިކުރައްވާފައި ނުކުމެފައިވާތީ. އެ ދުވަހުގެ ހަ ގަޑިއިރުގެ ތެރޭގައި 54 ސޮއި އަޅުގަނޑުމެންނަށް ހަމަވެގެން ދިޔަ. އޭގެ ފަހުން މަޖިލީހަށް ސަބްމިޓް ކުރުމުގައިވެސް ނުވާނެ ހަ ގަޑިއިރެއް. ދެން ނެތް ބޭފުޅުންވެސް ވަޑައިގެން އަމިއްލަފުޅަށް ސޮއިކުރެވުނު ތަނަކަށް ވަޑައިގެން ހަމަ ސޮއިކުރެއްވީ. އެހެންވީމާ އެއްވެސް ބޭފުޅަކަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން މިކަން ކުރިތަނެއް އަޅުގަނޑަކަށް ނުފެނޭ. އޭގެ އިތުރުން އަދި ދަންނަވާލާނަން، މަޖިލީހުގެ ސޮއި ނުކުރައްވާ ހަ ބޭފުޅަކު މިހާރު އަޅުގަނޑަށް ވަކިން ގުޅާފައި ވިދާޅުވި ތިމަންނަމެން މިހެން ވޯޓު ދެއްވާނަމޭ. އެހެންވެއްޖެއްޔާ 54 އަދި 6 ވީމަ 60 އެބަވޭ، އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓު ދެއްވާ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދަނީ ނަޝީދަށް ފުރިހަމައަށް އިހުތިރާމް ކުރަމުން ކަމަށާއި އެއިރުވެސް ނަޝީދު ގެންދަވަނީ ގަވާއިދާހިލާފު ކަންކަން ކުރައްވަމުން ކަމަށެވެ. މަޖިލީހަކީ ސިޔާސީ ގޮތުން ކޮމްޕްރައިޒް ކޮށްގެންވާނެ ތަނެއް ނޫން ކަމަށާއި މަޖިލިސް ހިންގަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން މަޖިލިސް ކުރިއަށްގެންދާނީ މައްސަލަ ނެގުމުން ކަމަށް ނަޝީދު ވިދާޅުވުމުން އެއީ ހެއްވާ މަޖާ ވާހަކައެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަތަކަކަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނީ ނަޝީދުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އެގޮތުން ޒާތީ ގޮތުން މެމްބަރުންނާ މުއާމަލާތްކޮށް، ނަޝީދު މެމްބަރުންނަށް ފުރައްސާރަކުރާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިތުރަށް ހުންނެވުމަކީ ދައުލަތަށް ނުހަނު ބޮޑު ގެއްލުންވާނެ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު