ބެންގަލޫރުން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް
ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕަށް ޓީމު އޮތީ ރަނގަޅަށް ތައްޔާރަށް ކަމަށާއި، ތަށްޓަކީ ހުރިހާ ކުޅުންތެރިންގެވެސް އުންމީދު ކަމަށް ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި ގައުމީ ޓީމުން މިހާރު ފަރިތަކުރަމުން އަންނަ އިރު، އިއްޔެގެ ފަރިތަކުރުންތަކަށް ފަހު ގައުމީ ޓީމުގެ ކެޕްޓަން ސަމުއްޓެ ވަނީ މުބާރާތާ ގުޅޭގޮތުން "ވަން ސްޕޯޓްސް"އާ އެކްސްކްލޫސިވްކޮށް ވާހަކަ ދައްކައިފައެވެ. ސަމުއްޓެ ބުނީ ރަނގަޅު ތަމްރީނުތަކަކަށްފަހު ޓީމު އޮތީ މުބާރާތަށް ތައްޔާރުވެފައި ކަމަށާއި، ޓީމުން އޮތީ ރަނގަޅު އުންމީދެއްގައި ކަމަށެވެ.
"ވަރަށް ރަނގަޅަށް ތައްޔާރުވެފަ ޓީމު އޮތީ. މިހާތަނަށް ކުރެވުނު ތަމްރީނުތަކުގައި ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ. ޓީމު އޮތީ ރަނގަޅު ރޫހެއްގަ. ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގަ ރަނގަޅަށް މަސައްކަތް ކުރަމުންދަނީ،" ސަމުއްޓެ ބުންޏެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެއިން ވާދަކުރާއިރު، ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ ބޫޓާނާއި ލުބުނާންގެ އިތުރުން ބަންގްލަދޭޝް އެވެ.
ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މުބާރާތަށް ތައްޔާރުވާން ޓީމުން 10 ދުވަހު ޖަޕާނުގައި ކޭމްޕް ކޮށްފައިވާއިރު، އެ ކޭމްޕް ނިންމައި އިންޑިއާއަށް އައީ ލަންކާގައިވެސް ފަރިތަކުރުންތަކަކަށްފަހުއެވެ.
ލަންކާގައި ޓީމު މަޑުކުރަން ޖެހުނީ ބެންގަލޫރަށް އަންނަން އޮތް ފްލައިޓް ކެންސަލްވުމުން ކަމަށް ޓީމުން މައުލޫމާތު ދީފައިވެއެވެ. ގައުމީ ޓީމުން ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕްގައި މެޗެއް ރާވާފައި އޮތްނަމަވެސް، ވިއްސާރަވެގެން އެ މެޗު ކުޅެވިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު ޓީމު މުބާރާތަށް ނުކުންނާނީ އެކުވެރިކަމުގެ މެޗެއް ކުޅުމަކާނުލައެވެ.
ސަމުއްޓެ އިއްޔެ ބުނީ ކުރިމަތިލާން ޖެހޭ ޓީމުތައް ވަރުގަދަކަން އެނގޭ ނަމަވެސް، އުންމީދަކީ ރާއްޖޭގެ ރައްޔިތުން އެދޭ ފަދަ ނަތީޖާއެއް ހޯދުން ކަމަށެވެ. ހާއްސަކޮށް ތަށި އުފުލައިލުމަކީ ކޮންމެ ކުޅުންތެރިޔަކަށްވެސް ލިބޭނެ އެންމެ ބޮޑު ޝަރަފު ކަމަށް ސަމުއްޓެ ބުންޏެވެ.
"އަސްލު ޕާސަނަލީ ތަށި އުފުލާލުމަކަށް ނޫން ބޮޑަށް ވިސްނުން ހުރީ. މި ތަށި ހޯދިއްޖެނަމަ، ކޮންމެ ކުޅުންތެރިޔަކަށްވެސް އެކަން ވެގެންދާނީ ގައުމީ ބޮޑު ޝަރަފަކަށް،" މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ކްލަބު ކަމަށްވާ މާޒިޔާގެ ކެޕްޓަންކަން ކުރަމުން އަންނަ ސަމުއްޓެ ބުންޏެވެ.
މީގެ ކުރިން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި ވަނީ ދެ ފަހަރެއްގައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ. ފުރަތަމަ ތަށި ހޯދިއިރު ކެޕްޓަނަކަށް ހުރީ އައްސަދު އަބްދުލްޣަނީއެވެ. ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ތަށި އުފުލައިލިއިރު ކެޕްޓަނަކަށް ހުރީ އޭނާގެ ކޮއްކޮ އަކުރަމް އަބްދުލްޣަނީ (އަކޫ) އެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދުން ބޭރުގެ ޓީމުތައް ވާދަކުރާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. ޚާއްސަ ދައުވަތަކަށް މިއަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާނެއެވެ.
ސާފް ޗެމްޕިއަންޝިޕް މާދަމާ ފަށާއިރު، މުބާރާތުގައި ފުރަތަމަ ދުވަހު ކުޅޭނީ ގްރޫޕް އޭގެ ދެމެޗެވެ. އެއީ ޕާކިސްތާނާއި އިންޑިއާ ވާދަކުރާ މެޗާއި، ކުވައިތާއި ނޭޕާލް ވާދަކުރާ މެޗެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް" ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023