ރައްޔިތުންގެ މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ ނެންގެވުމަށްފަހު، އަލުން އެމަނިކުފާނުގެ މައްސަލަ ހުށަހެޅުއްވުމަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ދަންނަވާނީ ތިކަން ކުރައްވަން އޮތް އިޖުރާއަތުން ކުރައްވާށޭ. ފުރަތަމަ އިހަށް ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަންގަވާށޭ، އަނބުރާ ނަންގަވާށޭ. ނެންގެވުމަށްފަހު އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާށޭ،" ރައްޔިތުންގެ މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކަކީ ކުޑަކުދިން ދައްކައި އުޅޭ ކަހަލަ ވާހަކަތަކެއް ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނުނަންގަވާނެ ކަމަށެވެ.

"އެކަމާ ގުޅިގެން އަޅުގަނޑު ދަންނަވާނީ އެއީ ކުޑަކުދިން ދައްކައި އުޅޭ ކަހަަލަ ވާހަކަތަކޭ. އެހެންވީމާ އަޅުގަނޑުގެ ކޮމެންޓަކީ އެއީ، ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދައުލަތުގެ އެއް ބާރު ކަމަށާއި، އެހެންކަމުން އެތަނުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ނަޝީދު ބޭނުންވާ ގޮތަށް އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއެކު ޖޫން މަހުގެ ހަތްވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށެހެޅީ ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅުއްވަނިކޮށް، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައިވާތީ މަޖިލީހުގެ ބައެއް މަސައްކަތްތައް ވަނީ ހުއްޓިފައެވެ.