މަޖިލިސް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލިސްގެ ނައިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ ނެންގެވުމަށްފަހު، އަލުން އެ މަނިކުފާނު މައްސަލަ ހުށަހެޅުއްވުމަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފިއެވެ.

މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރައީސްގެ އަރިހުން އެދިވަޑައިގަންނަވަނީ މަޖިލިސް ހުއްޓުވާނުލެއްވުމަށް ކަމަށެވެ. އަދި މަޖިލިސް ބަންދުވާފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ސޯލިހަކީ އެމްޑީޕީގެ އިސްލީޑަރު. ދެން އިސްލީޑަރު މި އުޅުއްވަނީ އެޕާޓީގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ނަންގަވަން. އަޅުގަނޑު ދަންނަވާނީ ތިކަން ކުރައްވަން އޮތް އިޖުރާއަތުން ކުރައްވާށޭ. ފުރަތަމަ އެހަށް ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަންގަވާށޭ. އަނބުރާ ނަންގަވާށޭ. ނެންގެވުމަށްފަހު އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާށޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް، މަޖިލިސް ނުހުއްޓުވައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅުވާނަމަ، ރީތިކޮށް ކުރިއަށް ގެންދަވައިގެން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ރައީސް އެވަނީ މަޖިލީހުގެ ކޮންޓްރޯލް ނަންގަވައިފަ. އެ ކޮންޓްރޯލް ބޭނުން ކުރައްވައިގެން މަޖިލިސް ކުރިއަށް ގެންދަނީ. އަޅުގަނޑު ވަރަށް ބޮޑަށް ވަރަށް އިހުލާސްތެރިކަމާ އެކުގައި އެދެން މިކަން ކޮށްދެއްވުމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ މިމަހުގެ ހަތްވަނަ ދުވަހު 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފައެވެ. އެހެންވެ ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތުންވެސް އެކަހެރިވެވަޑައިގެންފައެވެ.

ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު މަޖިލިސް ރައީސްކަމުން އިސްތިއުފާދެއްވުމަކީ ރާއްޖެއަށާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށާއި ރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.