މަޖިލިސް ރައީސްކަމުން އެ މަނިކުފާނު އިސްތިއުފާދެއްވުމަކީ މިވަގުތު ރާއްޖެއަށާއި ސިޔާސީ ޕާޓީތަކަށާއި މަޖިލީހަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު، ގާނޫނު އަސާސީ އާއި ގަވައިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ މިއަދު 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފައެވެ. އެހެންވެ، އެމަނިކުފާނު ވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގިނަ އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމުން، ބައެއް މެމްބަރުން ގެންދަވަނީ އެމަނިކުފާނުގެ އިތުބާރު މިހާރު ނެތް ކަމަށާއި އިސްތިއުފާދެއްވަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އަދި އެއީ ޑިމޮކްރަސީގެ އަސާސްތަކާއި ހަމަތަކަށް ބަލާއިރު އެންމެ ރަނގަޅު ގޮތް ކަމަށްވެސް އެ މެމްބަރުން ގެންދަނީ ވިދާޅުވަމުންނެވެ.
އެކަމަށް ޖަވާބުދެއްވަމުން މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ސޮއި ކުރެއްވި 54 މެމްބަރުންގެ ތެރެއިން ވަރަށް ގިނަ މެމްބަރުން އެމަނިކުފާނަށް މެސެޖް ކުރައްވާފައި އެ ޕެޓިޝަނުގައި ސޮއި ކުރެއްވީ "ޕްރެޝަރު" ކޮށްގެން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު އަޅުގަނޑު އިސްތިއުފާ ދިނުމަކީ ދިވެހި ރާއްޖެއަށްވެސް ރަނގަޅު ކަމެއް ނޫން. ރާއްޖޭގެ ސިޔާސީ ޕާޓީތަކަށްވެސް ރަނގަޅު ކަމެއް ނޫން އަދި ރައްޔިތުންގެ މަޖިލީހަށްވެސް ރަނގަޅު ކަމެއް ނޫން. އަޅުގަނޑުގެ އިލްތިމާސަކީ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] މިކަމުގައި ބައިވެރިވެވަޑައިގެން ދެމީހުންގެ ތެރެއިން އެކެއްގެ މައްޗަށް އޮތް ވޯޓް ނަންގަވާފައި އަނެއް ބޭފުޅެއްގެ މައްޗަށް މަޖިލިސް ހިންގަވަން ވިދާޅުވުން. އެގޮތަށް އަޅުގަނޑު މިކަން ކުރަން މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސް، މަޖިލިސް ނުހުއްޓުވައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅުވާނަމަ، ރީތިކޮށް ކުރިއަށް ގެންދަވައިގެން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު