ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، އެމަނިކުފާނާ ބެހޭގޮތުން ހަޑިހުތުރު ބަހުން ލިޔެފައިވާ ޕޯސްޓެއް ފޭސްބުކުގައި ޝެއާ ކޮށްގެން ވަޒީފާއިން ވަކިކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑްރައިވަރަށް ބަދަލު ދިނުމާއެކު ވަޒީފާދޭން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ހަތަރެއް މެއި 2008 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްގެ އޮޕަރޭޝަން ޑިޕާޓްމެންޓްގެ ޑްރައިވަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އައި އިސްމާއީލް ސިވާން ހަތަރެއް މެއި 2017 ވަނަ ދުވަހު ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ސިވާން ވަޒީފާއިން ވަކި ކުރުމުގެ ކުރިން 12 އޭޕްރީލް 2017 ގައި އެމްއޭސީއެލްއަށް ދީފައިވާ ބަޔާނެއްގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ހަޑި ހުތުރު ބަހުން ލިޔެފައިވާ ޕޯސްޓެއް ހިއްސާ ކޮށްފައިވާ ކަމަށް ވަނީ އެއްބަސްވެފައެވެ. އަދި އެއީ ޑިސިޕްލިނަރީ ޕޮލިސީއާ ހިލާފު ކަމެއް ކަމަށް އެނގިފައިނުވާ ކަމަށާއި ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސިވާން ހިއްސާކޮށްފައި ވަނީ އިބްރާހިމް ރަޝީދު، އިއްބެ ކިޔާ މީހެއްގެ ޕޯސްޓެކެވެ.
ސިވާން ހިންގި އަމަލުގެ ސަބަބުން ޑިސިޕްލިނަރީ ކޮމިޓީން ދިން ލަފާގެ މަތިން އިތުރު ނޯޓިސް އަކާ ނުލައި، ހަތަރެއް މެއި 2017 ގައި އޭނާ ވަޒީފާއިން ވަކި ކުރިއެވެ.
އެކަމާ ގުޅިގެން އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ހޯދުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ހޯދުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ މައްސަލަ ހުށަހެޅިއެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ އޭނާ ވަޒީފާއިން ވަކި ކުރީ ވަޒީފާއާ ބެހޭ ގާނޫނު ހުއްދަ ކުރާ ފަދަ ސަބަބެއް އޮވެގެން ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒިފާއާބެހޭ ގާނޫނުގައިވާގޮތުގެ މަތިން އިޖުރާއީ އަދި މައުލޫއީ އަދުލުވެރިކަން ގާއިމް ކުރުމަށްފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
ސިވާންގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ޓްރައިބިއުނަލްގެ ނިންމުމަށް އެ ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
ސިވާންގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ، ސިވާން ވަޒީފާއިން ވަކިކުރީ އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 ވަނަ މާއްދާގެ ދަށުން ކަމަށްވާނަމަ އެ މާއްދާގެ ދަށުން އެމްއޭސީއެލްއަށް ލިބެނީ އިދާރީ ފިޔަވަޅު އެޅުމުގެ އިހުތިޔާރެވެ. އެ މާއްދާއާ ހަވާލާދީ ސިވާން ވަޒީފާއިން ވަކި ކުރުމުގެ ބާރު އެމްއޭސީއެލްއަށް ލިބިގެންނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އިތުރު ނޯޓިސް ދިނުމަކާ ނުލައި އެމްއޭސީއެލްއިން މުވައްޒަފަކު ވަކި ކުރެވޭނެގޮތް ބަޔާންކޮށްފައި ވަނީ، ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ އަށްވަނަ މާއްދާގައި ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. ނަމަވެސް އެ މާއްދާގައި ހިމެނޭ ކުށްތަކުގެ ލިސްޓުގައި ސިވާން ކުރިފަދަ އަމަލެއް ހިމެނިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އޭނާ ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓަކީ އިޖުތިމާއީ މިންގަނޑުންވެސް އެކަށީގެންވާ ގޮތަކަށް ބަސްމަގު ހުރި ޕޯސްޓެއް ނޫންކަން ގަބޫލު ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާއި، ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އަދި ސިވާން ވަޒީފާއިން ވަކި ކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އަދި 14 ދުވަހުގެ ތެރޭގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ އާ އެއްފެންވަރެއްގެ އެހެން ވަޒީފާއެއް އެމްއޭސީއެލްއިން ހަމަޖައްސައި ދިނުމަށާއި ހަ މަހުގެ މުސާރައިގެ ގޮތުގައި 40،800 ރުފިޔާ 30 ދުވަހުގެ ތެރޭގައި އޭނާއަށް ދެއްކުމަށް ސުޕްރީމް ކޯޓުން އެމްއޭސީއެލްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު