- އާބާދީ: 249 މިލިއަން
- ވެރިރަށް: އިސްލާމްއާބާދު
- ވަނަން: ދަ ޝަހީންސް (ޕާކިސްތާނީ ފެލްކޮންސް)
- އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ: ޖަފަރް ހާން (44 މެޗު)
- ޓޮޕް ސްކޯރާ: މުހައްމަދު އީސާ (11 ގޯލު)
ދެކުނު އޭޝިއާއަށް ނިސްބަތްވާ ޕާކިސްތާނުން ފީފާގެ މެންބަރު ގައުމަކަށް ވެފައިވަނީ 1948 ގައެވެ. އެއަށްފަހު ޕާކިސްތާން ގައުމީ ޓީމުން ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައިވަނީ 1950 ގައެވެ.
ޕާކިސްތާނުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ސައުތު އޭޝިއަން ގޭމްސްގައި ވެސް ވާދަކޮށްފައެވެ. ޕާކިސްތާންގެ ގައުމީ ފުޓުބޯޅަ ޓީމުން ވަނީ 1989، 1991، 2004 އަދި 2006 ގެ ސައުތު އޭޝިއަން ގޭމްސް އިން ރަން މެޑަލް ހޯދައިފައެވެ.
ކްރިކެޓަށް ހާއްސަ އިސްކަމެއްދޭ ޕާކިސްތާނަށް ވަނީ ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން އެއްވެސް ފުޓުބޯޅަ މުބާރާތަކަށް ޕާކިސްތާން ކޮލިފައިވެފައެއް ނުވެއެވެ. ފުޓުބޯޅައިގެ ތާރީހުގައި ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗަކުން މޮޅެއް ހޯދިފައިނުވާ އޭޝިއާގެ ހަމައެކަނި ޓީމަކީ ވެސް ޕާކިސްތާނެވެ.
ޕާކިސްތާނަކީ ފުޓުބޯޅައިގައި މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫނެވެ. ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗަކީ 1950 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އީރާނާއި އިރާގަށް ކުރި ދަތުރެއްގައި ކުޅުނު މެޗެކެވެ. އެ މެޗުގައި އީރާނާ ދެކޮޅަށް ކުޅެ، 5-1 ގެ ނަތީޖާއަކުން ޕާކިސްތާން ވަނީ ބަލިވެފައެވެ. އެއަށްފަހު ކޮލަމްބޯ ކަޕްގައި ވާދަކޮށް، ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ އިންޑިއާ ހިފަހައްޓައިފައެވެ. ޕާކިސްތާން ގައުމީ ފުޓުބޯޅަ ޓީމުން 1950 ގެ އަހަރުތަކުގައި ކޮލަމްބޯ ކަޕްގެ އިތުރުން އޭޝިއަން ގޭމްސްގައި ވެސް ވާދަކުރިއެވެ.
1960 ގެ އަހަރުތަކުގެ ކުރީކޮޅަކީ ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ އަހަރުތަކެވެ. އެގޮތުން "ޕާކިސްތާނީ ޕެލޭ"ގެ ނަމުން މަޝްހޫރުވެގެންދިޔަ އަބްދުލް ގަފޫރު ވެސް ފެނިގެންދިޔައީ އެ އަހަރުތަކުގައެވެ. އެ އަހަރުތަކުގައި ޕާކިސްތާނުން ވަނީ ރަޝިއާ، ޔޫއޭއީ އަދި ޗައިނާ ފަދަ ވަރުގަދަ ޓީމުތައް ބަލިކޮށްފައެވެ.
އަހަރުތަކަކަށްފަހު 1980 ގެ ކުރީކޮޅުގައި ވެސް ޕާކިސްތާނުން ކުރިއެރުންތަކެއް ހޯދިއެވެ. އެގޮތުން 1982 ވަނަ އަހަރު ކިންގް ކަޕްގައި ނެރުނު ނަތީޖާތައް ފާހަގަކޮށްލެވެއެވެ. އެ މުބާރާތުގައި ޕާކިސްތާނުން މެލޭޝިއާ އާއި ސިންގަޕޫރު ބަލިކުރި އިރު، އިންޑޮނޭޝިއާ ވެސް ހިފެހެއްޓިއެވެ. ޕާކިސްތާން ބަލިވެފައިވަނީ ތައިލެންޑާއި ޗައިނާ އަތުންނެވެ.
އޭގެ އިތުރުން އެ އަހަރު ޕާކިސްތާނުން ވަނީ ބައިނަލްއަގުވާމީ މުބާރާތެއް ވެސް ބާއްވައިފައެވެ. ޕާކިސްތާނާއެކު އެ މުބާރާތުގައި ވާދަކޮށްފައިވަނީ އިރާނާއި ބަންގުލަދޭޝާއި އޮމާން އަދި ނޭޕާލެވެ. އެ މުބާރާތުގައި ޕާކިސްތާނުން ނޭޕާލާއި ބަންގުލަދޭޝް ބަލުކުރި އިރު، އޮމާން ވެސް ހިފެހެއްޓިއެވެ. ޕާކިސްތާނުން ރަނަރަޕްކަން ހޯދި އެ މުބާރާތުން ބަލިވެފައިވަނީ ހަމައެކަނި އިރާން އަތުންނެވެ.
އެއަށްފަހު ދެން ފެނުނީ ޕާކިސްތާންގެ ބަލިވުމުގެ ސިލްސިލާތަކެކެވެ. ދެ އަހަރު ފަހުން އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗަކުން ވަނީ ބަލިވެފައެވެ. އަދި މޮޅުވީ ހަމައެކަނި ނޯތު ޔަމެން އަތުންނެވެ.
އޭޝިއަން ގޭމްސް 1986ގެ ހުރިހާ މެޗަކުން ޕާކިސްތާން ބަލިވި ނަމަވެސް، އޭގެ އަހަރެއް ފަހުން ކުޅުނު ސައުތު އޭޝިއަން ގޭމްސް ވެގެންދިޔައީ ކާމިޔާބަކަށެވެ. ފުޓުބޯޅަ އިވެންޓުގައި ލޯ މެޑަލް ހޯދާ ޓީމެއް ކަށަވަރުކުރުމަށް ކުޅުނު މެޗުގައި ޕާކިސްތާނުން ވަނީ ބަންގުލަދޭޝް ބަލިކޮށްފައެވެ. އެއަށްފަހު 1989، 1991، 2004 އަދި 2006 ގެ ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާނުން ރަން މެޑަލް ހޯދިއެވެ.
ޕާކިސްތާނުގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެޓީމުން ވަނީ 1997 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތުން ތިންވަނަ ހޯދައިފައެވެ. ސެމީ ފައިނަލުގައި ޕާކިސްތާން ބަލިވީ އެ ފަހަރުގެ ޗެމްޕިއަން އިންޑިއާ އަތުންނެވެ. އަދި ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ޕާކިސްތާނުން ވަނީ ސްރީލަންކާ ބަލިކޮށްފައެވެ.
އޭގެ ފަހުން އަމިއްލަ ގައުމުގައި 2005 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ފީފާގެ ސަސްޕެންޝަނަކަށްފަހު ކުރިމަތިލި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ސެމީ ފައިނަލުގައި ޕާކިސްތާނުން ވާދަކުރިއެވެ. އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ސެމީ ފައިނަލުން ބަލިވެފައިވަނީ އެ ފަހަރުގެ ރަނަރަޕް ބަންގުލަދޭޝް އަތުންނެވެ. އަދި ބަންގުލަދޭޝްގައި ބޭއްވި 2018 ގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޕާކިސްތާން ބަލިވީ އެ ފަހަރުގެ ރަނަރަޕް އިންޑިއާ އަތުންނެވެ.
އެއަށްފަހު އަނެއްކާވެސް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަހަރަކަށްވުރެ ދިގު މުއްދަތަކަށް ފީފާ އިން ޕާކިސްތާން ސަސްޕެންޑުކުރުމާ ގުޅިގެން އެޓީމަށް މުބާރާތްތަކެއް ގެއްލިގެންދިޔައެވެ. އެ ސަސްޕެންޝަނަށްފަހު ޕާކިސްތާނުން ކުރިމަތިލާ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ އަންނަ ބުދަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތަށް ޕާކިސްތާނުން ނުކުންނަ ސްކޮޑުގައި އިނގިރޭސިވިލާތުގެ ކްލަބުތަކަށާއި ޑެންމާކްގެ ކްލަބުތަކަކަށް ކުޅޭ ކުޅުންތެރިންތަކެއް ހިމެނެއެވެ.
- ނަން: ޝަހްޒާދް އަންވަރު
- އުމުރު: 45 އަހަރު
ޝަހްޒާދް އަންވަރުގެ ކޯޗިން ކެރިއަރު ފެށިގެންދިޔައީ 1997 ވަނަ އަހަރުއެވެ. އެއަށްފަހު ރަސްމީކޮށް ޓީމެއްގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންވަރު ފެނިގެންދިޔައީ ވެސް ޕާކިސްތާން ގައުމީ ޓީމުންނެވެ. ނަމަވެސް 2018 ވަނަ އަހަރު އޭނާ ފެނިގެންދިޔައީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ.
އެއަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަޝިޕަށް ވަގުތީ ކޯޗެއްގެ ގޮތުގައި އަންވަރު ހަމަޖެއްސިއެވެ. ނަމަވެސް އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ޕާކިސްތާން މޮޅުވީ އެންމެ މެޗަކުންނެވެ. އެއަށްފަހު 2015 ވަނަ އަހަރު ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް އަންވަރު ހަމަޖެއްސި ނަމަވެސް، އޭނާ އިސްކަންދީފައިވަނީ އޭއެފްސީ ޕްރޯ ލައިންސަސް ކޯޗިން ލައިސަންސް ހޯދުމުގެ މަސައްކަތަށެވެ.
އަންވަރަކީ އޭއެފްސީ ޕްރޯ ލައިސަންސް ހޯދި ޕާކިސްތާނުގެ ފުރަތަމަ ކޯޗެވެ. އޭނާ ފުރަތަމަ ފަހަރަށް ޕާކިސްތާން ގައުމީ ޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖައްސާފައިވަނީ 2021 ވަނަ އަހަރުއެވެ. އޭނާ އެ މަގާމާ ހަވާލުވުމަށްފަހު ޕާކިސްތާނުން ނުކުންނަ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ.
- ނަން: ހަސަން ބަޝީރު
- އުމުރު: 36 އަހަރު
- ކްލަބު: ޓާންބީ އެފްއެފް، ޑެންމާކް
ޕާކިސްތާނުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ހަސަން ބަޝީރެވެ. ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުގެ ކެޕްޓަން ބޭންޑް އަޅައިގެން ފެނިގެންދާނެ ކަމަށް ވެސް ބޮޑަށް ބެލެވެނީ ބަޝީރެވެ.
ބަޝީރަކީ ޑެންމާކަށް އުފަން ކުޅުންތެރިއެއް ކަމުން އޭނާގެ ކްލަބު ކެރިއަރުގައި ކުޅެމުންދަނީ ވެސް ޑެންމާކުގެ ކްލަބުތަކަށެވެ. 2006 ވަނަ އަހަރު ކެރިއަރު ފެށި ބަޝީރު މިއަހަރުން ފެށިގެން ކުޅެމުންދަނީ ޑެންމާކުގެ ހަތަރުވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޓާންބީ އެފްއެފް އަށެވެ.
ބަޝީރު ޕާކިސްތާން ގައުމީ ޓިމަށް ކުޅެން ފެށީ 2012 ވަނަ އަހަރުއެވެ. ބަޝީރު ވަނީ ގައުމީ ޓީމަށް މިހާތަނަށް 26 މެޗު ކުޅެ، ނުވަ ގޯލު ކާމިޔަބުކޮށްދީފައެވެ. ބަޝީރަށް ސާފް ޗެމްޕިއަންޝިޕަކީ އާ މުބާރާތަކަށް ނުވާނެއެވެ. އޭނާ ވަނީ 2013 އަދި 2018 ގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން 2018 ގެ މުބާރާތުގައި އޭނާ ތިން ގޯލު ކާމިޔާބުކުރިއެވެ.
- 21 ޖޫން، 19:00، އިންޑިއާ - ޕާކިސްތާން
- 24 ޖޫން، 15:00، ޕާކިސްތާން - ކުވެއިތު
- 27 ޖޫން، 15:00، ނޭޕާލް - ޕާކިސްތާން
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023