ކަކުލުގެ އަނިޔާއެއްގެ ސަބަބުން ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލްއަށް ސާފް ޗެމްޕިއަންޝިޕް 2023 ގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޖަޕާނުގައި 10 ދުވަހުގެ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔުމަށްފަހު އިންޑިއާއަށް ދާން ގޮސް މިހާރު ތިބީ ސްރީ ލަންކާގައެވެ. ޓީމުން ޖަޕާނުގައި ތިބެފައި އިންޑިއާގެ ބެންގަލޫރަށް ދިޔައީ ލަންކާ މަގުންނެވެ. އިންޑިއާއަށް ދާން އޮތް ފްލައިޓް ކެންސަލްވެ، ލަންކާގައި ޓީމު މަޑުކުރަން ޖެހުމުން ދެ ދުވަހު ލަންކާގައި ފަރިތަކުރަން އޮތީ ނިންމައިފައެވެ.
ލަންކާގެ ބެޑަގޭނާ ޓްރެއިނިން ސެންޓަރުގައި މިއަދު ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) މީޑިއާތަކަށް ވިދާޅުވީ ފައިސަލްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސާފް ޗެމްޕިއަންޝިޕްގައި އޭނާ ނުފެންނާނެކަން ޔަގީންވެފައިވާ ކަމަށެވެ.
ފައިސަލްއަށް އަނިޔާވީ ޖަޕާނުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިންނެވެ. ފައިސަލް ސްކޮޑުން ބޭރުކުރަން ނިންމާފައި ވަނީ މިއަދު ލަންކާގައި ކުރިއަށްގެދިޔަ ތަމްރީނުތަކުގައި އިތުރަށް ބަލައި، އަދި ލަންކާގައި އިތުރު ޓެސްޓްތައް ކުރުމަށް ފަހުއެވެ.
ފައިސަލްގެ ބަދަލުގައި ޓީމަށް ނަގާފައިވާ ގޯލްކީޕަރަކީ ޔުނައިޓެޑް ވިކްޓަރީގެ ޒުވާން ގޯލްކީޕަރު ނާޖިހު އަލީ (ނާޖީ) އެވެ. ނާޖިހާ އެކު މިހާރު ޓީމުގައި ތިބި ގޯލްކީޕަރުންނަކީ ކްލަބު އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް) އާއި މާޒިޔާގެ ހުސައިން ޝަރީފެވެ.
ފައިސަލްއަކީ ރާއްޖެއިން އެންމެފަހުން ކާމިޔާބުކުރި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި މޮޅަށް ކުޅެ، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރެކެވެ. މިހާރު މާޒިޔާއަށް ކުޅެމުންދާ ފައިސަލް، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް ކުޅެފައިވާ އިރު، އެ މުބާރާތުގެ ފަހުކޮޅުގައިވެސް އޭނާއަށް ވަނީ އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023