މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ ހަތަރު މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިސް މިވަނީ ޑެޑްލޮކަކަށް އައިސްފައެވެ މަޖިލީހުގައި ފުރަތަމަ މައްސަލަ ހިލުނު ހިސާބަކީ، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގެ ތެރެއިން އުފެދުނު އިމްތިޔާޒުގެ މައްސަލައެވެ.

އެޖެންޑާކުރި ފުރަތަމަ ދުވަހު ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ބަހުސް ކުރިއެވެ. ނަމަވެސް ދެވަނަ ދުވަހު ހުށަހެޅީ އެހެން މައްސަލައެކެވެ. އެއީ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން، މަޖިލީހުގެ އިމްތިޔާޒަށް ރިފްއަތު އަރައިގެންފައިވާކަމަށްބުނެ ހުށަހެޅި މައްސަލައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން އެ މައްސަލަ މަޖިލީހުން ބޭރު ކުރިއެވެ.

މަޖިލިސް ގަވާއިދުގެ 186 ވަނަ މާއްދާގެ (ކ) ގައި ބުނަނީ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައަކާމެދު ބަހުސް ކުރުމަށް ފެނޭތޯ މަޖިލީހުގައި ވޯޓެއް ނަގަން ޖެހޭނެ ކަމަށެވެ. އެ މައްސަލައަށް ބަހުސް ކުރަން ފާސްނުވެއްޖެނަމަ، މަޖިލިސް ރައީސް އެކަން އިއުލާން ކުރާހިސާބުން އެ މައްސަލަ ނިމުނީ ކަމަށްވެސް ބުނެފައިވެއެވެ

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވިދާޅުވީ، މެންބަރު އެ މައްސަލަ ހުށަހެޅުއްވީ ދެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެއް މައްސަލަ މަޖިލީހަށް، އަނެއް މައްސަލަ ކޮމިޓީއަށް ކަމަށެވެ. އެހެން ވިދާޅުވެ އެ މައްސަލަ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވިއެވެ. އަދި ފޮނުއްވީ ކޮން ކޮމިޓީއަކަށް ކަމެއް ވިދާޅެއްނުވެއެވެ. އޭރު މަޖިލިސް ކޮމިޓީތައް ނުބޭއްވުމަށް މަޖިލިސް ރައީސް އޮތީ އަންގަވައިފައެވެ.

އެހިސާބުން އެ މައްސަލަވެސް ކުރިއަކަށް ނުދިޔައެވެ. އުޒުރަކަށް މަޖިލިސް ރައީސް ދެއްކެވީ، މަޖިލިސް ގަވާއިދުގެ 183 ވަނަ މާއްދާގެ (ހ) އެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ހައްގަކަށް ނުވަތަ އިމްތިޔާޒަކަށް އުނިކަމެއް އަތުވެއްޖެކަމުގެ މައްސަލައެއް ހުށަހަޅަން، މެންބަރަކު އެދިއްޖަމަ، މަޖިލިސް ޖަލްސާއެއްގައި ކުރުމަށް ކަނޑައަޅާފައިވާ އެހެން ހުރިހާ ކަމަކަށްވުރެ އެންމެ ބޮޑު އިސްކަމެއް ދޭން ވާނީ އެ ހުށަހެޅުމަށް ކަމަށެވެ.

އޭގެފަހުން އެއިން އެއްވެސް މައްސަލައެއް މަޖިލީހަށް އެޖެންޑާވެސް ކޮށްފައެއް ނުވެއެވެ.

ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ އިތުރުން އިދިކޮޅު ފަރާތްތަކުން ދެން މަޖިލީހަށް ހުށަހަޅާފައިވާ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި، އެމްޑީ÷ީން ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުއްޓުވާފައި އޮތުމުގެ ބަހަނާއަކަށް ވެފައި ވަނީ ވެސް ކޮމެޓީތައް ހުއްޓިފައި އޮތުމެވެ.

މި މައްސަލަތަކުގައި މަޖިލިސް ޑެޑްލޮކް ވެފައިވާއިރު، މުހިއްމު މަސައްކަތްތަކަކާއި، ބިލްތަކެއްގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ.

އޭގެ ތެރޭގައި ކުރިއަށް މިއޮތް ރިޔާސީ އިންތިހާބާ ގުޅޭ ބައެއް ބިލުތައް ފާހަގަ ކޮށްލެވެއެވެ. އިންތިހާބު ބާއްވަން ތިންމަހަށް ކުޑަތަންވެފައިވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަަލަ އޮތީ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައެވެ.

އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އީސީއަށް އައްޔަން ކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް، ހުސްވި މެއިމަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ފޮނުއްވާފައިވަނީ، އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އޭރުހުރި، މުއްދަތު ޖުލައިމަހުގެ 25 އަށް ހަމަވާތީއެވެ.

ނަޝާތު އީސީއަށް އައްޔަންކުރަން މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހޭނީ އެ މައްސަލަ ކޮމެޓީން ބެލުމަށްފަހު މަޖިލިސް ތަޅުމަށް ފޮނުވުމުންނެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުމަށް، ރިޔާސީ އިންތިހާބާބެހޭ ގާނޫނަށް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީވެސް މުހިއްމު އިސްލާހެކެވެ.

އެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އެކަމަށް ބޭނުންވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް، ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މުއްދަތު އިތުރުކުރުމަށްޓަކައެވެ. އެ ބިލަކީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވި ބިލެކެވެ.

މި ބިލުން އިސްލާހު ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށެވެ. މިހާރު އެ މާއްދާގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އެ ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.

އެ މާއްދާއަށް އިސްލާހު ހުށަހަޅާފައިވަނީ، ގާނޫނުގައި އިލެކްޝަނަށް ފޯމު ހުށަހެޅުމަށް ގާނޫނުގައި މިހާރު އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށެވެ. ބިލުގައި ބުނެފައިވަނީ، ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ކަމަށެވެ.

މި ބިލުުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމުމަށްފަހު މީގެ ދުވަސްތަކެއް ކުރިން ވަނީ މަޖިލިސް މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

އެހެންމީހެއްގެ އެހީތެރިކަމަކާ ނުލައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އަމިއްލައަށް ވޯޓު ލެވޭގޮތަށް ހެދުމަށް، އިންތިހާބުތަކާބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީވެސް ވަރަށް މުހިއްމު އިސްލާހެކެވެ. މިއީ އެ ހައްގު ހޯދުމަށްޓަކައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެތައް އަހަރެއް ވަންދެން ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ފަރާތްތަކުން ތިބީ އެ މީހުން އުއްމީދު ކުރަމުން އައި ގޮތަށް މިނިވަންކަމާއެކު އަމިއްލައަށް، އަންނަ ރިޔާސީ އިންތިހާބުގައި، ވޯޓު ލެވޭނެ ކަމުގެ އުއްމީދުގައެވެ.

މި ބިލުން އިސްލާހު ގެންނަން ހުށަހަޅާފައިވަނީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށާއި، 45 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި މި ބިލުގައި ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އަކުރުގައި ބުނަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭ ނަމަ، އެކަމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށެވެ.

ގާނޫނަށް 45.1 މާއްދާގެ ގޮތުގައި އިތުރު ކުރަން ހުށަހެޅި އިސްލާހުގައި ވަނީ ވޯޓުލަން ބޭނުންކުރާ ޓެމްޕްލޭޓަކީ، ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ވަސީލަތެއް ކަމަށެވެ. އެ ޓެމްޕްލޭޓް އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަށް، އަދި ޓެމްޕްލޭޓްގެ ތެރެއަށް ވޯޓު ކަރުދާސް ލުމުން ނުގުޑާނެގޮތަށް، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި، ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް، ކެނޑުމެއް ހިމަނައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތަށް ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ޓެމްޕްލޭޓް ބޭނުންކޮށްގެން، ވޯޓުލާން އެދޭ ފަރާތްތަކަށް އެ ބޭނުން ކުރުމަށް ދޭން ޖެހޭ އިރުޝާދު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެމަތިން އިލެކްޝަން ކޮމިޝަނުން ދުރާލައި ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، ގާނޫނުގައިވާގޮތުގެމަތިން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު، އެއިން ކޮންމެ ކެންޑިޑޭޓަކަށް ކަނޑައެޅިފައިވާ ނަމްބަރު އެނގޭނެހެން އެ ކެންޑިޑޭޓެއްގެ މައުލޫމާތު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭހަވާނެ ފަދައަކުން އާއްމުކޮށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުން، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތައް ހަމަޖައްސައިދީ، އެ ޓެމްޕްލޭޓް ބޭނުން ކުރުމުގައި ދޭންޖެހޭ އިރުޝާދު ދިނުމަށްޓަކައި، ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެކަށީގެންވާ ތަމްރީން އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ބިލުގައި ބުނާގޮތުން އެފަދަ ފަރާތްތައް ވޯޓުލުމަށް، ވޯޓު ކަރުދާސް ދޫކުރަން ޖެހޭނީ އެ ޓެމްޕްލޭޓް ތެރެއަށް ލުމަށްފަހު، އެއާއެކުއެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އޭނާ ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަންދެން އިލެކްޝަންސް ކޮމިޝަން ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އަދި އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އޭނާ ވޯޓު ފޮއްޓަށް ވޯޓުލާން ދާންވާނީ، ޓެމްލޭޓުން ވޯޓު ކަރުދާސްކޮޅު ނެގުމަށްފަހު، ވޯޓުގެ ސިއްރުކަން ނުގެއްލޭގޮތަށް ވޯޓު ކަރުދާސްކޮޅު ފަށްޖަހައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ވޯޓުލާ މަރުކަޒުގެ ތެރޭގައި، އޭނާ އެއްތަނުން އަނެއްތަނަށް ދިއުމަށް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަހެއްނެތެވެ.

އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރާއިރު، ރިޝްވަތަށް މަގުފަހިވާގޮތަށް ހިންގާ ކަންކަމާއި، އެ ކެންޑިޑޭޓަކު ވެވަޑައިގަންނަވާ ވައުދުތައް ވަކިވާނެ ގޮތަށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުވެސް މުހިއްމު ބިލެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލުގައި އެ ގާނޫނުގެ 26 ވަނަ މާއްދާ އާއި 37 ވަނަ މާއްދާ އާއި 41 ވަނަ މާއްދާ އާއި 59 ވަނަ މާއްދަ އާއި 73 ވަނަ މާއްދާގެ އިތުރުން 74 ވަނަ މާއްދާއަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ. ބިލުގައިވަނި ރިޝްވަތުގެ ގޮތުގައި ބެލެވޭނެ ކަންކަން ގާނޫނުގައި މިހާރު އޮންނަ ގޮތަށްވުރެ ބޮޑަށް ބަޔާން ކޮށްފަ އެވެ.

މިގޮތުން ވައުދުގެ ގޮތުގައި ވާނީ އިންތިހާބަކާ ގުޅިގެން ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކޮށް ވާ ވައުދުތަކަށެވެ.

އެކަންކަން ފިޔަވައި، ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް ޓަކައި ވަކި ފަރުދަކުން ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ ހިދުމަތެއް ދިނުމާއި ދޭނެ ކަމަށް ބުނުން ހިމެނޭނީ ރިޝްވަތުގެ ތެރޭގަ އެވެ.

ގާނޫނުގައި މިހާރު މިކަންކަން ބެލެވެނީ އިންތިހާބު އިއުލާނު ކުރާ ދުވަހުން ފެށިގެން ކަމުގައި ބުނެފައިވީނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައެއް ނުވެ އެވެ.

މަޖިލިސް ތަޅުމުގައި މި ބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ދިޔައިރު، ބައެއް މެންބަރުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ އެ ގާނޫނުގެ 41 ވަނަ މާއްދާއަށް ބަދަލުގެންނަން ހުށަހަޅާފައިވާ އިސްލާހާމެދުގައެވެ.

އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް، ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނީޓާ ކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ. ނަމަވެސް އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެތަންތަނުގައި ހަރަކާތްތެރި ވެވޭނީ، މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް، މަޖައްލާ، އަދި ހަބަރު ފަތުރާ އިދާރާތަކުގެ ނޫސްވެރިންނަށް ބަދަލު ކުރުމަށެވެ. އެ އިސްލާހާ ގުޅިގެން މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުުވުންތަކެއް އުފެދުމުގެ އިތުރުން ނޫސްވެރިންގެ ކަންބޮޑުވުންތައްވެސް ވަނީ އުފެދިފައެވެ.

ވޯޓުނަގާ ދުވަހުގެ 10 ދުވަސްކުރިން އެރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތު ކުރުމަކާ ނުލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ. ނަމަވެސް ގާނޫނުގައި މިހާރު އޮތީ، ހުއްދަ ދޭން ޖެހޭނީ އެންމެ މީހަކަށް ކަމަށެވެ.

މިހާރު ގާނޫނުގައި ބުނާގޮތުން ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ. ނަމަވެސް އެ މުއްދަތު، އެއްމަސް ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އެޖެންޓު މަރުވުން، އިސްތިއުފާދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭ މުއްދަތައް ބަދަލުގެނެސް، އެ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެކަން އިލެކްޝަނަށް އަންގަން ޖެހޭނެކަމަށް ބިލުގައި ވަނީ ހުށަހަޅައިފައެވެ. ގާނޫނުގައި މިހާރު އެކަމަށް ކަނޑައަޅާފައި އޮންނަނީ 7 ދުވަހުގެ މުއްދަތެކެވެ. ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ނަމަވެސް، މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވާން ޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މި ބިލުތަކުގެ އިތުރުންވެސް އިންތިހާބުތަކާބެހޭ އާއްމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މުހިއްމު ބިލުތަކެއް މަޖިލީހުގައި އެބަ ހުއްޓެވެ. ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާބެހޭ ގާނޫނުތަކުގެ ބިލްތަކާއި، ޝަރީ ނިޒާމް އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލްތަކުގެ އިތުރުން މުހިއްމު އެތައް ބިލެއް މަޖިލީހުގައި ކުރިއަށް ނުގޮސް އެބަހުއްޓެވެ.

ނަމަވެސް އިންތިހާބާ ގުޅޭ ބިލުތައް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވައިފިނަމަ، ބިލުތަކުގައިވާ ކަންކަން ތަންފީޒު ކުރުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމު ވާނެއެވެ. މި ބިލުތަކަކީ ގިނަގުނަ ހައްގުތަކެއް ހޯދައިދޭން ޖެހޭ ބިލުތަކެއް ކަމުން އެކަންކަމަށް އިލެކްޝަން ކޮމިޝަނުން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެހެންކަމުން މި ބިލުތަކަކީ ވަގުތު އޮއްވައި ދުރާލައި ފާސްކުރަން ޖެހޭ ބިލުތަކެކެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާތައް މިހާރު ކުރިއަށްދާއިރު، މަޖިލިސް ގަވާއިދު ބުނާގޮތުން މި މަހުގެ ނިޔަލަށް ދެވަަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދާނެއެވެ. މަޖިލީހުގެ މާހައުލުވެސް މިހާރު އޮތީ މާ ފަސޭހައަކުން މަސައްކަތްތައް ކުރިއަށްދާ ފަދަ ގޮތަކަށްނޫންނެވެ.

ރިޔާސީ އިންތިހާބު ތިންމަކަށް، ކައިރިވެފައިވާއިރު، މިބިލުތައް ފާސްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެހެން ވެއްޖެ ނަމަ ރިޔާސީ އިންތިހާބަހަށް ބޭނުންވާ ގާނޫނީ އިސްލާހުތައްވެސް ފާސްނުވެ، ނުވަތަ ގޮތެއް ނުނިމި އިތުރު އުނދަގޫތަކެއް ކުރިމަތިވާނެއެވެ.