އޭނާގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަންރުން އުފައްދާނެ ކަމަށާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، 100 މިލިއަނަރުން އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންނަށް މާލީ ބާރުވެރިކަން ހޯދައިދީ އިގުތިސޯދު ކުރިއެރުވުމަށް ކަމަށެވެ.

މިރޭގެ ޖަލްސާގައި ގާސިމް ވަނީ ޖުމުލަކޮށް ހުރިހާ ދާއިރާއަކަށް ކޮށްދެއްވާނެ ކަންތައްތަކުގެ ކުރުކޮށް ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ހައުސިން ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށާއި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް އިތުރު ކުރުމަށް ޑައިވިން، ހެލްތް ޓޫރިޒަމް، އިސްލާމިކް ޓޫރިޒަމް، އެޑިއުކޭޝަނަލް ޓޫރިޒަމް، ބޯޓިން ޓޫރިޒަމް އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އަމިއްލަ ކްރެޑިޓް ކާޑެއް އުފައްދައި، އިންވެސްޓްމަންޓް ބޭންކް ތައާރަފު ކުރައްވާނެ ކަމަށާއި އަދި އޮފްޝޯ ބޭންކުގެ ޚިދުމަތް ގާއިމުކޮށް ޑިޖިޓަލް ކަރަންސީ ބޭނުންކުރެވޭނޭ ފުރުސަތު ހުޅުވާލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.