ޕާކިސްތާނުން ރާއްޖެއަށް ދިހަ ކިލޯގެ މަސްތުވާތަކެތި ގެނައި 25 އަހަރުގެ މީހާ އައުމަށް ބުކިން ހަދާފައި ވަނީ އެހެން މީހަކު ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ރާއްޖެ އައި އެ މީހާ މީގެ ކުރިން ބުނެފައިވާގޮތުގައިި މަސްތުވާތަކެތި ފެނުނީ އޭނާއާ ރައްޓެއްސަކު ހަވާލު ކުރި ފޮށްޓަކުންނެވެ.

ކަސްޓަމަސްއިން ބުނެފައިވާ ގޮތުގައި އެ ފޮށިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުއްޓެވެ. އޭގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ އެއް ދުވަސް ޖެހިއިރު، އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުގައި ރާއްޖެ އައުމަށް ބުކިން ހަދާފައި ވަނީ އެހެން ފަރާތެއްގެ ނަމުގައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލައަށް އޭނާ އިންކާރު ކުރާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށްވެސް ބުނެފައެެވެ.