ޕާކިސްތާނު ޓީމު އިންޑިއާގައި ހޯސްޓް ކުރުމުގެ ހުއްދަ، އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ފުޓުބޯޅަ އިދާރާ، އޯލް އިންޑިއާ ފުޓްބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އަށް ލިބިފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

ޖިއޯ ސްޕޯޓްސްއިން ބުނެފައި ވަނީ ޕާކިސްތާނު ޓީމަށް އިންޑިއާއަށް އެތެރެވުމަށް ބޭނުންވާ ހުއްދަތައް، އިނޑިއާގެ ކުޅިވަރާ ބެހޭ ވުޒާރާއާއި ދާހިލީ ވުޒާރާ އަދި ހާރިޖީ ވުޒާރާއިންވެސް ދީފައިވާ ކަމަށެވެ. ޕާކިސްތާން ޓީމް އިންޑިއާއަށް ދާން ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޕާކިސްތާނަށް އިންޑިއާއަށް އެތެރެވުމަށް މައްސަލަތަކެއް ދިމާވެ، ވިސާއަށް ބޭނުންވާ ނޯ އޮބްލިގޭޝަން ސެޓްފިކެޓް (އެންއޯސީ) ނުލިބިގެން ކުޅުންތެރިން ވަނީ އެކަމަށް ސަރުކާރަށް އާދޭސް ދަންނަވާ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. ކުޅުންތެރިން އެންއޯސީ ބޭނުންވީ މޮރިޝަސް އާއި އިންޑިއާއަށް ދިޔުމަށް ބޭނުންވާ ވިސާ ޖެހުމަށެވެ. ސާފްގެ ކުރިން ޕާކިސްތާނުން ވަނީ މޮރިޝަސްގައި މެޗުތަކެއް ކުޅުމަށް ރާވާފައެވެ.

ޖިއޯ ނޫހުން ބުނެފައި ވަނީ ޕާކިސްތާނަށް އިންޑިއާގެ ފެޑަރޭޝަނުން ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު މެއިލް ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ރަސްމީކޮށް މުބާރާތުގައި ބައިވެރިވުމަށް ދިން ދައުވަތުވެސް ހިމެނޭ ކަމަށެވެ.

އިންޑިއާގެ އިދާރާތަކުން ޕާކިސްތާނު ޓީމު އެތެރެވާން ހުއްދަ ދިން ނަމަވެސް، އަދިވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން އެ މައްސަލައިގައި ޓީމު ފުރަން ރަސްމީކޮށް ހުއްދަ ދީފައެއް ނުވެއެވެ. މޮރިޝަސްއަށް ފުރަން ޕާކިސްތާނު ފޮރިން މިނިސްޓްރީން ލިޔުންތައް ދިން ނަމަވެސް، އިންޑިއާއަށް ފުރަން ރަސްމީ ލިޔުންތައް ކުޅުންތެރިންނަށް ދީފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި އޮންނަ ޒަމާންވީ ކޯޅުމުގެ ސަބަބުން އެކަމުގެ އަސަރު އެކި ފަހަރުމަތިން ދެގައުމުގެ ކުޅިވަރު މެޗުތަކަށް ކޮށްފައިވެއެވެ. އެކަމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވާލް ބޫޓޯ ޒަރްދާރީ ވިދާޅުވެފައި ވަނީ ކުޅިވަރަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، ކުޅުންތެރިންނަށް ބޭނުންވާ މުބާރާތްތަކުގައި ވާދަކުރުމަށް ދެގައުމުގެ ސަރުކާރުންވެސް ލުއިތައް ދޭން ޖެހޭނެ ކަމަށެވެ.

އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފަށާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މިފަހަރު ޕާކިސްތާނުން ގްރޫޕް އޭގައި ހިމެނޭ އިރު، އެގައުމުން ވާދަކުރާނީ އިންޑިއާއައި ކުވައިތުގެ އިތުރުން ނޭޕާލާ އެއް ގްރޫޕެއްގައެވެ.