ފައިސާ ބޭނުންވެގެން ގޮތް ނިންމި ނަމަ ދާނީ ސައުދީ އަރަބިއާގެ ލީގަށް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
އުމުރުން 35 އަހަރުގެ މެސީ، ކުރިއަށް އޮތް ސީޒަނުގައި އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅުމަށް އެއްބަސްވެ އެކަން ވަނީ ރޭ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލި މެސީގެ ނިންމުން ރޭ އޭނާ އިއުލާނުކޮށްފައި ވަނީ ހާއްސަ އިންޓަވިއުއެއްގައެވެ. ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ އޭނާގެ ނިންމުން ތަފުސީލުވެސް ކޮށްދީފައެވެ.
މެސީ ރޭ ދިން ތަފްސީލު އިންޓަވިއުއެއްގައި އޭނާ ބުނީ އިންޓަ މިއާމީއަށް ދާން ނިންމީ ފައިސާގެ ނަޒަރުން ވިސްނާފައި ނޫން ކަމަށާއި، ފައިސާއަށް ގޮތް ނިންމި ނަމަ ދާނީ ސައުދީ ލީގަށް ކަމަށެވެ. ޓްރާންސްފާގެ ވާހަކަތައް އިތުރަށް ކިޔައިދެމުން މެސީ ބުނީ ކުރީގެ ކްލަބު ބާސެލޯނާއަށް ދާން މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ކްލަބަށް ކުޅެވެން އޮތީ އުނދަގޫ ހާލަތެއްކަން އެނގުމުން، އެ ވިސްނުން ދޫކޮށްލި ކަމަށެވެ.
މިދިޔަ އަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ، އިންޓަ މިއާމީއަށް ދާން ނިންމާފައިވާ އިރު، އޭނާއަށް އެންމެ މުސާރަ ބޮޑު ހުށަހެޅުމަކަށް ލިބިފައި އޮތީ ސައުދީގެ އަލް-ހިލާލުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ސައުދީން އޭނާއަށް ހުށަހެޅީ ސީޒަނަށް 300 މިލިއަން ޕައުންޑަށްވުރެ ބޮޑު ހުށަހެޅުމެކެވެ. އޭގެ އިތުރުން މެސީ ގެންދަން ކުރީގެ ކްލަބު ބާސާއިންވެސް މަސައްކަތްތަކެއް ކޮށްފައިވާ އިރު، މެސީ ބުނީ އާއިލާއަށްވެސް އަލުން އެކަމުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރަން އުނދަގޫ ކަމަށެވެ.
"އަލުން އެނބުރި ބާސާއަށް ދިޔުމަކީ އަހަރެން ދެކެމުންދިޔަ ހުވަފެނެއް. އެކަމަކު އެ ޓްރާންސްފާގެ ޔަގީންކަމެއް އަހަންނަކަށް ނުލިބޭ. އަހަންނާއި އާއިލާއިންވެސް 2021 ވަނަ އަހަރު ކްލަބާ އަލްވަދާއު ކިޔަން ޖެހުނު ގޮތުގެ ހަނދާންހުރި. އެހެންވީމަ އަލުން އެކަންކަން ތަކުރާރުކުރުން އެއީ އުނދަގޫ ކަމެއް،" މެސީ ރޭ ބުންޏެވެ.
މެސީ ބުނީ އޭނާ ބާސާއަށް ދާނަމަ، އެ ކްލަބަށް ގިނަ ކަންތައްތަކެއް ގުރުބާން ކުރަން ޖެހިފައި އޮތް ކަމަށާއި، އެކަމުގެ ސަބަބުން ބާސާގައި ތިބި ބައެއް މީހުންވެސް އޭނާ އަނބުރާ ގެންދަން ބޭނުންނުވާކަން އެނގޭ ކަމަށެވެ. ލަލީގާއިން ޓްރާންސްފާއަށް ފެހި ސިގްނަލެއް ދިން ނަމަވެސް، މިވަގުތު ބާސާގައި ތިބި ކުޅުންތެރިންގެ މުސާރަތައް ކުޑަކޮށް، ބައެއް ކުޅުންތެރިން ފޮނުވާލައިގެން ފަހިވާ ފުރުސަތަކަށް އެނބުރި ދާން ބޭނުންނުވި ކަމަށްވެސް މެސީ ރޭ ބުންޏެވެ.
ގާތްގަނޑަކަށް ކެރިއަރުގެ 20 އަހަރު ބާސާގައި ހޭދަކޮށް، އެ ކްލަބަށް ރެކޯޑު 672 ގޯލު ޖަހައިދިނުމަށްފަހު 2021 ވަނަ އަހަރު ބާސާ ދޫކޮށްލި މެސީ ބުނީ މިފަހަރުވެސް ޔޫރަޕްގެ އެހެން ގިނަ ކްލަބުތަކަކުން އޭނާއަށް ހުށަހެޅުންތައް ލިބުނު ނަމަވެސް، ބާސާ ޑީލް ގެއްލުނު ހިސާބުން ވިސްނުން ހުރީ އާ ލީގަކަށް ދިޔުމަށް ކަމަށެވެ.
އެވާހަކަތަކާއެކު މެސީ އެންމެފަހުން ބުނީ އެމެރިކާއަށް މިވަގުތު ދަނީ އާއިލާއިންވެސް އެކަމަށް ބޭނުންވާތީ ނަމަވެސް، ދާއިމީކޮށް ދިރިއުޅެން އަބަދުވެސް ވިސްނާފައި އޮތީ ބާސެލޯނާގައި ކަމަށެވެ. އަދި ފަހުން ބާސާއަށް ހިދުމަތްތަކެއް ކޮށްދޭން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
މެސީ، ޑޭވިޑް ބެކަމްގެ އިންޓަ މިއާމީއަށް ދިޔަ މުސާރަ ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނީ އޭނާ އެ ކްލަބަށް ދިޔައީ އެޑިޑާސްއާއި އެޕަލް ކުންފުނީގެ ޑީލްތަކަކާވެސް އެކުގައި ކަމަށެވެ. ކްލަބުގެ ޖާޒީ ވިއްކައިގެން ލިބޭ ފައިދާއިން އެޑިޑާސްއިން މެސީއަށް ވަކި އަދަދެއް ދޭ ގޮތަށް ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އިތުރު ރިޕޯޓުތައް ބުނެފައިވާ ގޮތުން މެސީއަށް މޭޖާ ލީގު ސޮކާގެ ޓީވީ ރައިޓްސްއިން އެޕަލް ޓީވީން ހާއްސަ ފައިސާގެ ބޯނަހެއް ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.