ލިއޮނެލް މެސީ

ސައުދީއަށް ނޫނެކޭ ބުނެ، މެސީ އެމެރިކާ ލީގުގެ އިންޓަ މިއާމިއަށް

އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީ، ކުރިއަށް އޮތް ސީޒަނުގައި އެމެރިކާ ލީގުގެ އިންޓަ މިއާމީއަށް ކުޅުމަށް އެއްބަސްވެ، ނިންމުން ނިންމައިފި ކަމަށް އިތުބާރު ބޮޑެތި ނޫސްތަކުން ބުނެފިއެވެ.

އުމުރުން 35 އަހަރުގެ މެސީ، އެއްބަސްވުން ހަމަވުމަށްފަހު އިތުރަށް ޕީއެސްޖީގައި މަޑުނުކުރަން ނިންމައި، މިހާރު ވަނީ ރަސްމީކޮށް އެކަން އިއުލާނުކޮށްފައެވެ. ޕީއެސްޖީން އެންމެ ފަހުން ކުޅުނު ލީގު މެޗުގައި މެސީއަށް ހާއްސަ އަލްވަދާއެއް ކިޔާފައިވާ އިރު، އެފަހުން ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައީ މެސީ ނިންމާ ނިންމުމަކަށެވެ.

މެސީއަށް ސައުދީ އަރަބިއާގެ އަލް-ހިލާލުން ރެކޯޑު މުސާރައެއްގެ ބިޑެއް ކޮށްފައި އޮތް އިރު، ގިނަ ބަޔަކު ގަބޫލުކުރީ މެސީ ފެނުން އެންމެ ގާތީ ސައުދީން ކަމަށެވެ. އެއީ މެސީއަށް ސައުދީން ކުރި ބޮޑަކީ ސީޒަނެއްގެ މައްޗަށް ގާތްގަނޑަކަށް 300 މިލިއަން ޕައުންޑްގެ އާއްމުދަނީއެއް ޖެހޭ ބިޑަކަށްވުމުންނެވެ.

މެސީ ހޯދުމުގެ ރޭހުގައި އެމެރިކާ ލީގުގެ އިންޓަ މިއާމީންވެސް ހަރަކާތްތެރިވަމުންދިޔަ އިރު، މެސީ ގޮތް ނުނިންމާ މަޑުކުރި އެއް ސަބަބަކީ ބާސެލޯނާއަށް އަނބުރާދެވޭނެ ގޮތެއް ހޯދުމަށް ކަމަށް ނޫސްތައް ބުނެއެވެ.

މެސީއަކީ ބާސާގެ އެންމެ ޝަރަފުވެރި ލެޖެންޑެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ، ބާސާއާ ވަކިވެދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށްވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 778 މެޗު ކުޅެ، 672 ގޯލު ޖަހައިފައެވެ. ދިހަ ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ. މެސީއަކީ ބާސާ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

މީގެ ދެ ސީޒަން ކުރިން ފައިސާގެ ހާލަތު ހުރި ގޮތުން ބާސާއިން މެސީ ދޫކޮށްލީ އެއްބަސްވުން އާ ނުކުރެވިގެންނެވެ. މެސީ ބާސާއަށް ދާން މަސައްކަތް ކުރި ނަމަވެސް، އެ ކްލަބަށް ރަސްމީ ބިޑެއް ކުރެވިފައެއް ނުވެއެވެ. އެއީ ފައިސާގެ ހާލަތުން މެސީ ގެންދާނެ ޕްލޭނަކަށް ލަލީގާއިން އާނބަސް ނުލިބިގެން ކަމަށް ނޫސްތައް ބުނެއެވެ.

އިތުބާރު ނޫސްތަކުން މިރޭ ރިޕޯޓު ކޮށްފައިވާ ގޮތުގައި މެސީ އިންޓަ މިއާމީއާ ގުޅުނުކަން މިރޭ ނޫނީ މާދަމާ ރަސްމީކޮށް އިއުލާނުކުރާނެއެވެ. އެ ކްލަބަށް މެސީ ދަނީ ކިހާވަރެއްގެ މުސާރައެއްގައި ކަމެއް އަދި ހާމަކޮށްފައިނުވާ އިރު، އޭނާއަކީ ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅެ، އިންގްލެންޑްގެ ކެޕްޓަންކަން ކުރި ޑޭވިޑް ބެކަމްގެ ގާތް މީހެކެވެ. ބެކަމްއަކީ އިންޓަ މިއާމީގެ ޗެއާމަނެވެ.