ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލިޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާނުކުރައްވާ ކަމަށާއި، ދައުލަތުގެ ވަކީލުންނާ ޔާމީން ކުރެއްވީ ސަމާސާއެއް ކަމަށް އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފީ އަޑުއެހުން މިއަދު ހައިކޯޓުން މެދުކަނޑާލި ވަގުތު، ދައުލަތުގެ ވަކީލުންނާ ޔާމީން ދިމާކުރައްވާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ވަކީލުންނާ ޔާމީން ކުރެއްވީ ސުވާލެއް ކަމަށެވެ.

"ދިމާ ނުކުރައްވާ. ހަމައެކަނި ސަމާސާއަކަށް ސުވާލެއް ކުރެއްވީ،" ޑރ. ޖަމީލު ވިދާޅުވިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް މިރޭ ވިދާޅުވީ ޝަރީއަތް މެދުކަނޑާލި ވަގުތު ޔާމީން ވަޑައިގެން ސުވާލެއް ކުރެއްވި ކަމަށެވެ. އެއީ ސަމާސާއަކަށް އެމަނިކުފާނު ކުރެއްވި ސުވާލެއް ކަމަށް ޝަފީއު ވިދާޅުވިއެވެ.