ކަރިމް ބެންޒެމާ

އިއްތިހާދުން ބެންޒެމާ އިއުލާނުކޮށްފި، ތިން ސީޒަނުން 600 މިލިއަން ޔޫރޯ ޖެހޭނެ

ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން އެންމެފަހުން ހޯދީ އަލް-އިއްތިހާދުން ކަރިމް ބެންޒެމާ އެ ކްލަބާ ގުޅުނުކަން ރޭ ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

ރެއާލް މެޑްރިޑްގައި މިދިޔަ 14 އަހަރު ހޭދަކުރި ކްލަބު ލެޖެންޑް ބެންޒެމާ ކުރިއަށް އޮތް ސީޒަނަށް ސައުދީ ލީގަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އިއްޔެ ރެއާލް ސަޕޯޓަރުންނަށް ރަސްމީކޮށް އަލްވަދާއު ކިޔުމަށްފަހު ބެންޒެމާ ރޭ ސައުދީގެ އިއްތިހާދާއެކު ސޮއިކޮށްފައިވާ އިރު، އޭނާއަށް ލިބޭނެ ރަސްމީ މުސާރަ އެ ކްލަބުން އިއުލާނު ކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އިތުބާރު ނޫސްތަކުން ބުނާ ގޮތުގައި ކްލަބު މުސާރައާއި ވިޔަފާރި އެއްބަސްވުންތަކާއެކު ބެންޒެމާއަށް އިއްތިހާދުން ސީޒަނަކަށް 200 މިލިއަން ޔޫރޯ ދޭނެއެވެ. އެހެންކަމަށްވާނަމަ، ބެންޒެމާއަށް ތިން ސީޒަނުން 600 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ޖެހޭނެއެވެ.

މިދިޔަ އަހަރުގެ ބެލޮންޑިއޯ ހޯދި އުމުރުން 35 އަހަރުގެ ފޯވަޑް ބެންޒެމާ ރެއާލް ދޫކޮށްލަނީ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައެވެ. ޖުމުލަ 25 ޓްރޮފީ ރެއާލްއާއެކު ހޯދާފައިވާ ބެންޒެމާއަކީ ރެއާލްގެ ތާރީހުވެސް ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.

ސައުދީގެ އިއްތިހާދާ ގުޅުމަށްފަހު ބެންޒެމާ ބުނީ އެ ލީގަކީ ރަނގަޅު، މޮޅު ކުޅުންތެރިންތަކެއް ކުޅެމުން އަންނަ ލީގެއް ކަމަށާއި، އެކުވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިން ސައުދީ ލީގަށް ކުޅުމަކީ ކުރިއެރުން ފެނިގެންދާ ކަމެއް ކަމަށެވެ. ބެންޒެމާ ބުނީ ޔޫރަޕްގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށާއި، މިއީ ކެރިއަރުގައި އާ ޗެލެންޖަކަށް ނުކުންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ފެންނަ ކަމަށެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފޯވަޑް ބެންޒެމާއަކީ ރެއާލްގެ ތާރީހީ ލެޖެންޑެކެވެ. މިދިޔަ ސީޒަނުގައިވެސް ކްލަބުގެ ކެޕްޓަންކަން ކުރި ބެންޒެމާ ވަނީ އެކްލަބާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރު ލަލީގާވެސް ކާމިޔާބު ކޮށްފައެވެ.

ބެންޒެމާ 2009 ވަނަ އަހަރު ލިޔޯންއިން ރެއާލްއަށް ބަދަލުވިފަހުން 647 މެޗު ކްލަބުގެ ޖާޒީގައި ކުޅެފައިވާ އިރު، 353 ގޯލު ޖަހާފައިވެއެވެ. ރެއާލް ޖާޒީގައި ބެންޒެމާއަށްވުރެ ގިނައިން ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.