ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ތިމާވެށީގެ ދުވަސް ފާހަގަކުރަން ފެށި "ނަލަ ވެށި" ކެމްޕޭނުގެ ދަށުން، އެމްޑަބްލިޔުއެސްސީން އިއްޔެ ހަވީރު ވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާންއެވެ.
އެމްޑަބްލިޔުއެސްސީން ވަނީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި"ގެ ނަމުގައި މި މަހުގެ އެކަކުން ތިނަކަށް ތިމާވެށްޓާ މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގައިފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މި ހަރަކާތުގައި އެ ސިޓީގެ 20 އަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާތަކުން ބައިވެރިވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ވަނީ ކުޅުދުއްފުށި ސީޓީގެ ސުކޫލްތަކުގައި ކިޔަވަމުން އަންނަ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވައިފައެވެ.
"ނަލަ ވެށި" ކެމްޕޭންގެ މަގުސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު