ޚަބަރު

އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ: އެބުނާ ރޭވިފައިވާ ގޮތަކީ ކޮބައިތަ؟

އިއްޔެއާއި މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތީ ޖެއްސުންކުރުމާއި ޖޯކު ޖެހުމާއި ފުރައްސާރަކުރުމެވެ. ރައްޔިތުންގެ މަޖިލީހެއް ހަގީގަތުގައި، ހިނގާން ޖެހޭ ގޮތަކީ އެއީއޭވެސް އެއް ބަޔަކު ބުނެފާނެ އެވެ. އެކަމަކު މިހާރު ފެންނަ މަންޒަރުތަކުން އެއީ ރައްޔިތުންނަށް ހެވެއް އެދިގެން ކުރިޔަށް ގެންދާ މަސައްކަތްތަކަކަށް ވުރެ ބޮޑަށް އެހެން ކަހަލަ އެޖެންޑާއެއް އޮވެގެން ކުރާ މަސައްކަތެއް ކަމުގެ ތުހުމަތު އަންނަނީ ރައްދުވަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތުކޮށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމް/ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެންނެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެންމެ ފުރަތަމަ މަޖިލީހަށް މައްސަލަ ވައްދައި އެޖެންޑާ ކުރުމުން، ރިފްއަތު ޖަވާބު ދެއްވީ ލިޔުމުންނެވެ. އެއީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އެ ދުވަހުގެ ޖަލްސާ ހޫނުވެ، މެދުކަނޑުއްވައިލެއްވިއެވެ. ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވާން ކަމަށް ވިދާޅުވެއެވެ. އެ މަޝްވަރާތަކަށް ފަހު، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ވަޒީރަކަށް ހަމަ އެކަނި ލިޔުމުން ޖަވާބުދާރީވެވަޑައިގެން ނިންއިލެއްވޭނެ ކަމަށް މަޖިލީހުގައި ހިމެނޭ ގިނަ ޕާޓީތަކުން އެއްބަސް ނުވާ ކަމަށާއި އެހެން ކަމުން އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވަން ކަމަށެވެ.

މި ނިންމެވުމާ ގުޅިގެން، މި މަހުގެ އެއް ވަނަ ދުވަހު ރިފްއަތު، މަޖިލީހަށް ސިޓީއެއް ފޮނުއްވިއެވެ. ވިދާޅުވީ މަޖިލިސް ތަޅުމަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާން ތައްޔާރަށް ހުންނެވި ކަމަށާއި ލިޔުމުން ކުރީން ޖަވާބުދެއްވީ، މި މައްސަލައަކީ ވަރަށް ޓެކްނިކަލް މައްސަލައަކަށް ވެފައި، ތަފްސީލުކޮށް ޖަވާބުދެއްވޭނީ ލިޔުމުން ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. ރިފްއަތުގެ މި ސިޓީއާ ގުޅިގެން މައްސަލަ އަލުން އެޖެންޑާ ކުރީ އިއްޔެގެ ޖަލްސާއަށެވެ. އިއްޔެއާއި މިއަދުވެސް މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ގެންދިޔައީ މި މައްސަލައެވެ. އެހެން ނަމަވެސް ދެ ދުވަހުވެސް މި ކަމަށް ގޮތެއް ނިންމިފައެއް ނުވެއެވެ.

އިއްޔެ އާއި މިއަދު މަޖިލިސް ތަޅުމުން ފާހަގަވަމުން ދަނީ މުޅީން ތަފާތު މަންޒަރު ތަކެކެވެ. ބައެއް މެންބަރުންނަށް މައްސަލައަކަށް ވީ ކުރީން ލިޔުމުން ޖަވާބުދެއްވި ބޭފުޅަކު އަނެއްކާ މަޖިލިސް ތަޅުމަށް ހާޒިރުވެވަޑައިގަތީމަ އެވެ. ކުރީން މައްސަލައަކަށް ވީ ތަޅުމަށް ވަޑައިނުގަނެގެންނެވެ. މުޅި ޖަލްސާގެ 90 ޕަސެންޓު ވަގުތު ދަނީ ނިޒާމީ ނުކުތާ ނެންގެވުމުގައެވެ. ނިޒާމީ ނުކުތާ ނެގުމަށް މަޖިލިސް ގަވައިދުގައި ވަކި އުސޫލެއް ކަނޑައަޅާފައި އޮތް ނަމަވެސް، ނިޒާމީ ނުކުތާ ނެގުމުގެ ނިޒާމުވެސް މިހާރު އޮތީ ގެއްލިފައެވެ. ގަވައިދުގައި އޮންނަ ގޮތުން، މެންބަރަކު ނިޒާމީ ނުކުތާއެއް ނަންގަވައިފި ނަމަ، އެ ނުކުތާ ބަލައިގަނޭތޯ، ނުވަތަ ނޫންތޯ ރިޔާސަތުން ނިންމަވާން ޖެހިވަޑައިގަންނަވައެވެ. އެކަމަކު މަޖިލިސް ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް އެކަމުގައިވެސް އަމަލުކުރައްވާތަން ފެންނަނީ އެކި ފަހަރު އެކި ގޮތަށެވެ. މެންބަރުންވެސް ޖައްސަވަނީ ޖޯކެވެ. ރިޔާސަތުން ވެސް ހީވަނީ ބޮޑު މަޖާގަނޑެއްގެ ތެރޭގައި ކަންތައްތަން ގެންދަވާން އުޅުއްވާހެންނެވެ. މި ހުރިހާ ކަމެއް ކުރިޔަށްދާއިރު، ދައުލަތުގެ ބަންޑާރަ ނައިބާއި އެހެން ބޭފުޅުން، މުޅި ދުވަހު އެ ތިއްބަވަނީ އެހެން ކަމެއް ނުކުރެއްވެވި މަޖިލިސް ތަޅުމުގައެވެ. މަޖިލީހުގެ ކަންކަމަށް ކޮންމެ ދުވަހަކު އެތައް ލައްކަ ރުފިޔާއެއްވެސް އެބަ ހަރަދުވެއެވެ. އެހެންކަމުން މަޖިލީހުގެ ކޮންމެ މިނެޓެއްވެސް ހެޔޮ ނިޔަތުގައި، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި އުފެންދުންތެރި މަސައްކަތަށް ހޭދަކުރުން މުހިންމެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، އިއްޔެއާއި މިއަދު މަޖިލީހުގައި މި ހިންގާ "ޑްރާމާ"ގެ ސިއްރަކީ ކޮބައިހެއްޔެވެ؟ އެ ކުރައްވަނީ ހަމަ އުފެއްދުންތެރި މަސައްކަތް ހެއްޔެވެ؟

"ބޭނުންވެގެން މި އުޅެނީ އިދިކޮޅުގެ ސަޕޯޓެއް ނެތްކަން އެނގިދާނެތީ އެކަން ނުދައްކަން. ކޮންމެވެސް އެއްޗެކޭ ކިޔައި މައްސަލަ ދަންމަން. އެހެން ކަންކަމުގެ ފޯކަސް ގެއްލުއްވައިލަން. އެހެން އެއްދުވަހު ދެދުވަހަކު ތެޅުވިޔަސް އަބަދަކު އެހެންވެސް ނުހެދޭނެ." ކުރިމަތިވެގެން މި އުޅޭ މައްސަލައާ ގުޅޭ ގޮތުން "ވަން" އިން ސުވާލު ދެންނެވުމުން އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގައި ކުރެވެމުން އެދަނީ ރޭވިގެން ހިންގާ ކަންތައްތަކެއް ކަމަށާއި އެފަދަ ކަންކަން ރައްޔިތުން މިހާރު ބަލައިގުންނާނެ ކަމަށެވެ. އެ ކަންކަމުގެ ސަބަބުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި ސިޔާސީ ގޮތުން ހޯދޭނެ މޮޅެއްވެސް ނޯންނާނެ ކަމަށެވެ.

މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން އިއްޔެ ވާހަކަދެއްކެވި އިރު އަސްލަމް އެ ވިދާޅުވި ފަދަ ކަންތައްތަކެއް ފާހަގަ ވެފައިވެއެވެ. ބައެއް މެންބަރުންގެ ވާހަކަ ކުރިޔަށް ގެންދެވި އިރު "ރޭވިފައިވާ ގޮތަށް" ކުރިޔަށް ގެންދެވޭތޯ ބައްލަވާ ކަމަށް ވިދާޅުވެވިފައި އެބަހުއްޓެވެ. މަޖިލިސް ރައީސްގެ ވާހަކަފުޅުންވެސް އެކަން ފާހަގަ ކުރެވިފައިވެ އެވެ. "އެހެންވީމާ ރޭވިފައިވާ ގޮތަށް ކުރިޔަށް ގެންދަވާށޭ" މަޖިލިސް ރައީސް ދެތިން ފަހަރަކު ވިދާޅުވިއެވެ.

އިދިކޮޅާއި މަޖިލިސް ރައީސްވެސް ހިމެނިވަޑައިގަންނަވާ ގޮތުން، މި މައްސަލައިގައި ކަންކަން ގެންދަވާން އެ އުޅުއްވާ "ރޭވިފައިވާ ގޮތް" އެނގިވަޑައިގަންނަވާނީ އެބޭފުންނަށެވެ. ގިނަ ބައެއްގެ ކަންބޮޑުވުމަކީ މައްސަލައަށް ގޮތެއް ނުނިމި ދިގުދެންމުމެވެ. މަޖިލީހުގެ އަގުބޮޑު ވަގުތު ޑްރާމާ ކުޅުއްވަން ބޭނުންކުރެއްވުމެވެ.

"ކޮންމެ ގޮތަކަށް ނިންމެވިޔަސް އަޅުގަނޑުމެންގެ މައްސަލައެއް ނެތް. މިއްޔަކީ އަލަށް ކުރާ ކަމެއް ނޫން. ކޮންމެ މައްސަލައެއްވެސް ކޮންމެވެސް އެއްކޮޅަކަށް ނިމޭނެ. އިތުބާރު އޮތް ކަމަށް ފާސް ވިޔަސް، ނުވިޔަސް، މައްސަލަ ނިމެން އެބަ ޖެހޭ. ކޮންމެ ދުވަހަކު މަޖިލީހުގެ ވަގުތު މިގޮތަށް ބޭކާރެއް ނުކުރެވޭނެ. މި ތަނުގައި ރައްޔިތުންނާ ގުޅުންހުރި އެތައް އެތައް މަސައްކަތެއް ފުނިޖެހިފަ އެބަހުރި. އެޓާނީ ޖެނެރަލް ވެސް ކޮންމެ ދުވަހަކު ހެނދުނު މިތަނަށް ގެނެސް އެބޭފުޅާގެ ފުލްޑޭ މިތަނުގައި ބޭކާރެއް ނުކުރެވޭނެ." މަޖިލީސް މެންބަރަކު އޭނާގެ ހިޔާލު ފާޅުކުރެއްވިއެވެ.

އިދިކޮޅު މެންބަރަކު ވިދާޅުވީ، މަޖިލީހުގައި ކުރިޔަށް އެދަނީ ޖަވާބުދާރީ ކުރުމުގެ މުހިންމު ބައެއް ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި ކުރާން ލާޒިމު ކަމެއް ކަމަށެވެ. ދިމާވެގެން މި އުޅެނީ އާދައިގެ ކަމެއް ނޫން ކަމަށާއި މަޖިލިސް ތަޅުން ހޫނުވެގެން އުޅެނީ މައްސަލައިގެ ސީރިއަސްކަމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފޮރުވިފައިވާ އެޖެންޑާއެއް ނެތް. ހުރިހާ ވާހަކައެއް މި ދައްކަނީ އޯޕަންކޮށް. މައްސަލައިގައި އަވަހަށް ގޮތެއް ނިމިގެން ދިއުމަކީ އަޅުގަނޑުމެންވެސް އެދޭގޮތް. އެއްވެސް ހާލެއްގައި އެކަމަށް ހުރަހެއް ނާޅާނެ." އިދިކޮޅު މެންބަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ދާއިރާއެއްގެ ރައީސަކު ބުނީ ހަގީގަތުގައި ބޭނުންވެގެން އުޅެނީ، ތަޅުން ހޫނުކޮށް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރެން ކަމަށެވެ. އެ ވަގުތުގައި ވޯޓަށް އެހުމަކީ ވިސްނުމަކަށް ވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަމަކު އެމްޑީޕީގެ މެންބަރުންނަކީ އެހާ ރޯނުފިލާ ބައެއް ކަމަށް ހީކުރުމަކީ މަޖިލިސް ރައީސްގެވެސް، އަދި އިދިކޮޅު މެންބަރުންވެސް އަޅުއްވާ ޅައެއްޗެއް ކަމަށް އޭނާ ބުންޏެވެ.

މަޖިލީހުގެ އެންމެ މުހިންމު ޒިންމާއަކީ ދައުލަތް އެކައުންޓަބަލް ކުރުވުމެވެ. ގާނޫނުތައް ހެދުމެވެ. މަޖިލީހުގެ ވަގުތު ބޭނުންކުރާން ވާނީ އެކަމަށެވެ. މި ދެދުވަހު މަޖިލިސް ބަލައިލި ކޮންމެ މީހަކަށްވެސް ސާފުކޮށް އެނގޭނެ ކަމަކީ، މިހާރު އެތަނުގައި ކުރިޔަށް އެދަނީ މުޅީން އެހެން ކަންތައްތަކެއް ކަމެވެ. އެއީ އެއްވެސް ހާލެއްގައި ޒިންމާދާރު މަޖިލީހެއްގެ ސިފަތަކެއް ނޫނެވެ. ޒިންމާދާރު ރިޔާސަތެއްގެ ސިފައެއްވެސް ނޫނެވެ. ފެންނަމުން އެ ދަނީ ފުރައްސާރައާއި ޖެއްސުމާއި ޖޯކު ޖެހުމުގެ މާލަމެކެވެ.