އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީ، އަނބުރާ ބާސެލޯނާއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އޭނާގެ އެޖެންޓް އަދި ބައްޕަ، ޖޯޖު މެސީ އާއި ބާސާގެ ރައީސް ޖޮއާން ލަޕޯޓާއާ ބައްދަލުކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މެސީ، އެއްބަސްވުން ހަމަވުމަށްފަހު އިތުރަށް ޕީއެސްޖީގައި މަޑުނުކުރަން ނިންމައި، މިހާރު ވަނީ ރަސްމީކޮށް އެކަން އިއުލާނުކޮށްފައެވެ. ޕީއެސްޖީން އެންމެ ފަހުން ކުޅުނު ލީގު މެޗުގައި މެސީއަށް ހާއްސަ އަލްވަދާއެއް ކިޔާފައިވާ އިރު، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ އޭނާ ކުރިމަގާ މެދު ނިންމާ ނިންމުމަކަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި މެސީ ދިއުން އެންމެ ގާތީ ސައުދީ ލީގުގެ އަލް-ހިލާލް ނުވަތަ، އެމެރިކާ ލީގުގެ އިންޓަ މިއާމީ އެފްސީއަށެވެ. ސައުދީއަށް މެސީ ދާނެ ކަމަށް އެގައުމުގެ މީޑިއާތަކުންވެސް ބުނެފައިވާ އިރު، ނޫސްތަކުން ބުނެފައިވަނީ އޭނާއަށް ސައުދީން ހުށަހަޅާފައިވަނީ ރެކޯޑު މުސާރައެއްގެ ބިޑެއް ކަމަށެވެ. އަދި ބީބީސީގައި ދާދިފަހުން ގުއިލެމް ބްލާގު ބުނެފައިވަނީ މެސީ ގެންދަން ސައުދީ ސަރުކާރުންވެސް އެހީވަމުންދާ ކަމަށާއި، އެގައުމުން މެސީއަށް މަރުހަބާ ކިޔަންވެސް މިހާރު ތައްޔާރަށް ތިބި ކަމަށެވެ.

މެސީގެ ޓްރާންސްފާގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމަން އޭނާގެ އެޖެންޓް އަދި ބައްޕަ ޖޯޖު ބޭނުންވާ އިރު، ބާސާއިން އަދިވެސް ދަނީ މެސީ ހޯދަން ފަހު ފުރުސަތަކަށް މަސައްކަތް ކުރަމުންނެވެ. މެސީ ބާސާއަށް ގެންދިއުމަށް ބާސާއަށް އޮތީ ފައިސާގެ ހުރަސްތަކެއް ކަމަށްވީ އިރު، އެ ކްލަބުގެ ރައީސް ލަޕޯޓާއާއި މެސީގެ ބައްޕަ މިއަދު ވަނީ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމަށްފަހު ޖޯޖު ބުނީ ދަރިފުޅު މެސީ ބޭނުންވަނީ "ބާސާއަށް ދާން ކަމަށާއި، ބާސާއަށް މެސީ އަނބުރާ ގެންދަން ބޭނުންވާ،" ކަމަށެވެ. އަދި "ބާސާއަކީ އަބަދުވެސް އޮޕްޝަނެއް،" ކަމަށް ޖޯޖު ބުންޏެވެ.

މެސީއަށް މިއަދުވެސް ބާސާގެ ރަސްމީ ބިޑެއް ހުށަހެޅިފައި ނުވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ މެސީގެ ޓްރާންސްފާއަށް ބިޑް ކުރެވޭނެ ގޮތެއް ހޯދުމަށް ބާސާއިން ލަލީގާ ކިބައިން އެދިފައިވާ ކަމަށާއި، އެކަމުގެ "ފައިނޭންޝަލް ޕްލޭނެއް،" ބާސާއިން ހަދައި ލަލީގާ ހުއްދައަކަށް މަޑުކުރަމުންދާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމަކީ މެސީއަށް ބިޑެއް ކުރުމަށް ވަގުތު ހޯދަން ބޭއްވި ބައްދަލުވުމެއް ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ.

މެސީއަކީ ބާސާގެ އެންމެ ޝަރަފުވެރި ލެޖެންޑެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ، ބާސާއާ ވަކިވެދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށްވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 778 މެޗު ކުޅެ، 672 ގޯލު ޖަހައިފައެވެ. ދިހަ ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ. މެސީއަކީ ބާސާ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

މީގެ ދެ ސީޒަން ކުރިން ފައިސާގެ ހާލަތު ހުރި ގޮތުން ބާސާއިން މެސީ ދޫކޮށްލީ އެއްބަސްވުން އާ ނުކުރެވިގެންނެވެ.