ރާއްޖޭގެ ދެކުނުން، އޮތް 1500 ހެކްޓަރު ގާތްގަނޑަށް 15 ކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ. ދުނިޔޭގެ މެދެވެ. ގުދުރަތީ ރީތިކަމުގައި އެފަދަ ދެވަނައެއް ނެތް އަތޮޅެކެވެ. ރީތި ފަރުތަކާއި ކުޅިތަކާއި ގޮނޑުދޮށްތަކެވެ. ރާއްޖޭގެ ދެކުނުން އޮންނަ އެންމެ ފަހު އަތޮޅެވެ. އަމިއްލަ ރާގެއް އޮވެއެވެ. އަމިއްލަ ބަހެއް އެބައޮތެވެ. ޖުމުލަ 30 ރަށް ހިމެނޭއިރު، އޭގެ ތެރެއިން މީހުން އާބާދުވެ އުޅެނީ، ފަސް ރަށުގައެވެ. އެއީ ގުޅިފައިވާ ހިތަދޫއާއި ފޭދޫއާއި މަރަދޫއާއި މަރަދޫފޭދޫގެ އިތުރުން ވަކިން އޮންނަ ހުޅުދޫއާއި މީދުއެވެ. އޮޕަރޭޝަންގައި ހަ ރިސޯޓު އެބައޮތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތާރީހު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއު، ހަންކެޑެ މަޝްރޫއުވެސް ކުރިއަށްދަނީ މި އަތޮޅުގައެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ މި އަތޮޅުގައެވެ. ތިރީސް ހާހަށްވުރެ ބޮޑު އާބާދީއެއް މި އަތޮޅުގައި އެބައޮތެވެ. އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓުވެސް އޮންނަނީ، އަދި އެންމެ ދުވަސްވީ އެއް އެއާޕޯޓުވެސް އޮތީ މި އަތޮޅުގައެވެ. ރާއްޖޭ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރު، އެމީހުން ގާއިމްވެ ތިބީވެސް މި އަތޮޅުގައެވެ. ދުވަސްވީ، ގަދީމީ އަތޮޅެކެވެ. އާސާރުތައް ގިނަ އަތޮޅެކެވެ. ރާއްޖޭގެ އެންމެ ގިނަ ވިޔަފާރިވެރިންވެސް ނިސްބަތްވަނީ މި އަތޮޅަށެވެ.
ހުރިހާ ކަމެއް މިހެން ހުރިއިރުވެސް ތަރައްގީގައި، މި އަތޮޅަށް އެ މީހުން އެދޭ ފަދަ ކުރިއެރުމެއް ނުލިބެއެވެ. މަގުތައް އޮތީ ނުހެދިއެވެ. ރަށްތައް ފުރި ބާރުވެއްޖެއެވެ. ވަސީލަތްތައް މަދެވެ. ފަތުރުވެރިކަން ކުރިއެރުވޭނެ ދޮރުތައް ގިނަ ނަމަވެސް އެކަމުގެ ފުރިހަމަ މަންފާވެސް އޮތީ ނުލިބިއެވެ. ކުރުކޮށް ބުނާނަމަ މި އަތޮޅަށް، އައްޑޫ ސިޓީއަށް ވެފައިވާ އިހުމާލު ބޮޑެވެ.
އައްޑޫގެ ރައްޔިތުން އެދިއެދި ތިބީ، އެ ރައްޔިތުންގެ އަޑު އަހާނެ ވެރިޔަކަށެވެ. ކޮންމެ ވެރިކަމެއްގައިވެސް އައްޑޫއަށް އެތައް މަޝްރޫއެއް ގެންނާނެ ކަމަށް ވައުދުވެ ކަޑަތައް ޖަހައެވެ. "ހެރެތެރެ ނިމެނީ"، "މަގުތައް ހެދެނީ"، "ބިން ހިއްކެނީ" މި ވާހަކަތައް އައްޑޫގެ ރައްޔިތުން އަހާތާ އެތައް އަހަރެއް ވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް އެ ރައްޔިތުން ކުރަނީ ފޮނި އުންމީދެކެވެ. އެ އުންމީދުގައި ކުލަ ޖައްސައިދޭނެ ވެރިޔަކަށް މި ބިޔަ ސިޓީގެ ރައްޔިތުން ތިބީ ނުހަނު ބޭނުންވެފައެވެ. ކެތްމަދުވެފައެވެ. ތަރައްގީއަށް ފެންބޮވައިގެންފައިވާ ރައްޔިތެއް ދިރިއުޅެމުން އަންނަ މި ސިޓީގެ ޗާޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރެހީ އައްޑޫގެ ރައްޔިތުންގެ ދިގު އިންތިޒާރެއް ނިމުމެއް ގެންނާނެ ހުރިހާ ކަމެއް ހިމަނައިގެންނެވެ. އަމާޒަކަށްވީ އެ ޗާޓު ބަދަލުކޮށްލުމެވެ. އައްޑޫގެ ތާރީހު ބަދަލުކޮށް، ތަރައްގީގެ މަޝްރޫއުތަކަށް އައްޑޫ ދީލައިލުމެވެ. އެ ޗާޓާ އެއްގޮތަށް މި ސަރުކާރުން ގެންދަނީ، ފަހަރަކު މަޝްރޫއެއް އައްޑޫގައި ކުރިއަށްގެންދަމުންނެވެ. ކުދިކުދި ކަންކަމުން ފެށިގެން އައްޑޫއަށް އެންމެ ބޭނުންވާ ކަންކަންވެސް އަންނަނީ ކުރަމުންނެވެ. އައްޑޫ ރައްޔިތުން ހުވަފެނުން ހޭލައްވައި، ހަގީގީ ތަރައްގީ ގެނެސްދެމުންނެވެ. އެކަން އައްޑޫގެ ރައްޔިތުން ބަލައިގަނެއެވެ. އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން ގެނެސްދިން އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބައިގަރުނުވީ ބިމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތާއި އައްޑޫގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތެވެ.
އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިމުގެ ދަތިކަމެވެ. އުފަން ރަށުން ގޯތި ނުލިބުމެވެ. ދަތި ޖާގަތަކުގައި ތޮއްޖެހިގެން ދިރިއުޅޭ އެތައް އާއިލާއެއް އައްޑޫ ސިޓީގެ ރަށްތަކުގައި އެބައުޅެއެވެ. ވަރަށް ހާލުގައެވެ. މިއީ ޔަގީނުންވެސް އައްޑޫ ސިޓީއަށް ހައްގު މިންވަރެއް ނޫނެވެ. ރާއްޖޭގެ ތަރައްގީގެ މައި ހިއްސާއެއް މި ސިޓީން އަދާކުރާއިރު، އެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އޮންނާން ޖެހޭނީ މި ފެންވަރުގައެއް ނޫނެވެ.
"ގޯތީގެ ވާހަކައަ ފާއިތުވި 40 އަކަށް 50 އަކަށް އަހަރު މި އަތޮޅުގައި އަބަދުމެ ދެކެވޭ. އެއީ ބިމުގެ ދަތިކަން އޮވެފައި ޖާގައިގެ ކުޑަކަމާއި އަނެއްކޮޅުން ބަލާއިރު މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ އޮތް އަތޮޅުކަމަށް ވެފައި، ގޯތި ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި މި އޮންނަނީ. ގޯތި ނުދެވި މި އޮންނަނީ ހަގީގަތުގައި އެއިރަކު އެ އޮންނަ ކައުންސިލެއްގެ އިހުމާލަކުން ނޫން. އެއީ އެކަށީގެންވާ ބިން ނެތުމުގެ ސަބަބުން ނުދެވި މި އޮންނަނީ. އެންމެ ފަހުން ލޭންޑް ޔޫސް ޕްލޭނެއް ހަދައިގެން އޭގެ ތެރެއިން ލާފައި ގޯތި ދޭން ނިންމި ސަބަބަކީ ކުޑަކުޑަ ބިންކޮޅެއް އޮތް ތަނެއްގައި ވީހާވެސް ބޮޑަށް އެބަ ބޭނުންވޭ މަޝްރޫއުތައް ހިންގާނެ ތަންކޮޅޮކޮޅުވެސް ޖާގަތައްވެސް ބަހައްޓާފައި ގޯތި ދެވެން އޮތް ވަރަކަށް ދޭން. އެހެންވީމާ ވޭތުވެދިޔަ ދިހަވަރަކަށް 12 ވަރަކަށް އަހަރު ކުރެވުނު މަސައްކަތުން އަދި ކިރިޔާ މިހާރު މިއޮތް ކައުންސިލުން ލޭންޑް ޔޫސް ޕްލޭނެއްވެސް މި ހެދުނީ" އައްޑޫ ސިޓީއަށް ނިތްބަތްވާ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވިއެވެ.
އައްޑޫގެ ބިމުގެ މައްސަލަ ހައްލުކުރުމަށް މިހާރު ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 194.3 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނެތަލެންޑްސްގެ ވެން އޫޑްއާ ހަވާލުކޮށްގެން ފަށައިފައެވެ. އެ މަޝްރޫއުގެ ދަށުން ހިތަދުއަށް 90 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ. މަރަދޫ އަދި މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ. އަދި ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8،3 ހެކްޓަރުގެ ތިން ރަށް ހިއްކައި ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހަރަދުވެއެވެ. އެ ފައިސާ ހަރަދުކުރަނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
މީގެ އިތުރުން ވަކިން އޮންނަ ހުޅުމީދޫގެ ބިމަށް 40 ހެކްޓަރުގެ ބިން ވަކި މަޝްރޫއެއްގެ ގޮތުގައި އިތުރުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
"1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން، 190 ހެކްޓަރުގެ އިތުރު ބިން، ތިޔަބޭފުޅުންގެ މި އައްޑުއަށް އެ ދަނީ އިތުރުވަމުން. އަދި ހަމަ އެއާއެކުއެކީ، އިތުރު މަޝްރޫއެއްގެ ގޮތުގައި، ހުޅުމީދޫއަށް އިތުރުވާ 42 ހެކްޓަރުގެ ބިމަކީ އައްޑޫ ސިޓީއަށް އިތުރުވާ ބިން. އެއީ 179 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް. ރާއްޖެއަށް ހެޔޮ ބަދަލު ގެނައުމަށް ތިޔަބޭފުޅުން ނުކުމެވަޑައިގަތީ، މި މަޝްރޫއުތައް އައްޑޫ ސިޓީއަށް ބޭނުންވާތީ. އެކަން އެދަނީ ހިނގަމުން." އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވިއެވެ.
ހަންކެޑެ މަޝްރޫއަކީ އައްޑޫ ރައްޔިތުން ދެކެމުން އައި ކުލަ ނުވެފައި އޮތް ހުވެފެނެކެވެ. އެ ހުވަފެން އައްޑޫ ރައްޔިތުންދަނީ 2006 ވަނަ އަހަރުން ފެށިގެން ދެކެމުންނެވެ. އައްޑޫ ހެންކެޑެ ތަރައްގީކުރަން ދެ ފަހަރެއްގެ މަތިން މީގެ ކުރިން ބަޔަކާ ހަވާލުކުރިނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އޮތީ ކުރިއަށް ނުގެންދެވިފައެވެ. އައްޑޫ ހަންކެޑެ މަޝްރޫއުގެ ވާހަކަ އަލުން ދައްކަން ފެށީ މި ސަރުކާރުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) އާއެވެ. އެ ކޯޕަރޭޝަނުން ވަނީ ހަންކެޑެގެ ޑިޒައިންގެ ފޮޓޯއާއެކު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެ މަޝްރޫއު އިއުލާނުކޮށްފައެެވެ. އެ މަޝްރޫއުގެ ދަށުން ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާއިރު ކޮޓަރިތައް ހެދުމަށް ހަމަޖައްސާފައިވަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށެވެ. އެ މަޝްރޫއުގެ ދަށުން ސިޓީ ހޮޓަލާއި ގެސްޓްހައުސް އާއި ވޯޓާ ވިލާތައްވެސް ހަދާނެއެވެ.
ހަންކެޑެ މަޝްރޫއު ހިންގަން އެމްއެެފްއެމްސީއާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫއުން އެކަނިވެސް 2682 ޓޫރިސްޓު އެނދު އައްޑޫއަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމުލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމުލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު، ޖުމުލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓް ވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
އައްޑޫގެ ތަރައްގީއަށް މި ހިންގާ މަޝްރޫއުތައް ނިމުމުން 7،000 ޓޫރިސްޓު އެނދު މި ސިޓީގައި އޮޕަރޭޓްވެގެންދާނެއެވެ. އެއީ، އެއް ސިޓީއަކަށް ބަލާއިރު، އެންމެ ގިނަ ޓޫރިސްޓު އެނދެވެ. އައްޑޫގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ އެކިއެކި ރިސޯޓުތަކުގައެވެ. އެހެންކަމުން އައްޑޫގެ ފަތުރުވެރިކަމަށް ހިންގާ މަޝްރޫއުތައް ނިމުމުން، ރަށާއި ކައިރިން ވަޒީފާ ލިބި ގިނަ އަދަދެއްގެ ޒުވާނުން ރަށަށް ނުވަތަ ރަށާ ކައިރިޔަށް ބަދަލުވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
"އައްޑޫގެ އިގްތިސޯދަށް ބޮޑު ކުރިއެެރުމެއް ލިބޭނެ. ކޮންމެ ބަޔަކުވެސް ވާން އޮތިއްޔާ އެބައެއްގެ އާއިލާ ގާތުގައި ވަޒީފާ އަދާކުރަން ބޭނުންވާނެ. އެހެން ގޮތެއް ނެތީމާ ދުރަށް އެދަނީ. އެހެންވީމާ އައްޑު އަތޮޅަށް ވަރަށް ބޮޑު ކުރިއެރުމެއް އެ ލިބެނީ. އަދި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ" މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވިއެވެ.
އައްޑުއަކީ ދެކުނުގެ ފަތުރުވެރިކަމުގެ ހަބަކަށް ހެދުމަށް އަހަރަކު 1.5 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން މިހާރު އެވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައެވެ. އިންޑިއާގެ އެގްޒިމް ބެންކުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއަކީ 29.7 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމުކުރާނެއެވެ. ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރާ އިރު، އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ އިތުރުން ވެހިކަލް ޕާކިން ޒޯނެއްވެސް ތަރައްގީ ކުރާނެއެވެ.
މިއަދު އައްޑޫ ރައްޔިތުންގެ މޫނުމަތީން އަނެއްކާވެސް ފެންނަނީ އުއްމީދެވެ. ހަގީގަތަކަށް ނުވެ ހުރި ހުވަފެންތަކެއް ހަގީގަތަކަށް ވަނީ ކަމުގެ އުއްމީދެވެ. ވާނެބާއޭ، ނުވާނެބާއޭ ހިތައި ތިބި ބޮޑެތި ކަންކަން އާނދެން މި ވަނީ ކަމުގެ ޔަގީންކަމެވެ. އެކަން ކަން ފެށިގެންދާ މަންޒަރު މިއަދު އެ ވަނީ ފެނިފަ އެވެ. ކުރާނަމޭ، ވާނެއޭ ބުނެގެން މިއަދު ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ކަޑަ ޖެހުމުގެ ސަގާފަތުން ރައްޔިތުން ތިބީ އެއްގޯސްވެފަ އެވެ. މިއަދުގެ ރައްޔިތުންނަށް ވައުދަކީ ބުނާ ބަހެކެވެ. އެމީހުނަށް މުހިންމީ ހަގީގަތެވެ. ކަން ވެގެންދާތަން ފެނުމެވެ. މިއަދު އައްޑޫ ސިޓީގެ ރައްޔިތުން ބަލަން އެ ތިބީ ބިން ހިއްކުމާއި އެއާޕޯޓާއި ފަތުރުވެރިކަމަށް ދެކެމުން އައި ޒަމާންވީ ހުވަފެން ހަގީގަތަކަށް ވަމުން އަންނަ މަންޒަރެވެ.