އިންޑިއާގައި މި މަހު 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ދިވެހި ގައުމީ ޓީމުގެ ކޯޗަށް ދީފައިވާ ޓާގެޓަކީ ތަށި ހޯދުން ކަމަށާއި، އެއީ ނުވާވަރުގެ ކަމެއް ނޫން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިމަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ދިވެހި ޓީމުން މިހާރު އަންނަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، އެއީ ސާފްގެ ހަ ގައުމަކާއި ސަރަހައްދުން ބޭރުގެ ދެ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި މުބާރާތުން ފެންނާނީ ރާއްޖެއާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝްއާއި ބޫޓާންގެ އިތުރުން ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުވަތުއެރުވިގެން ސަރަހައްދުން ބޭރުން ވާދަކުރާނީ މެދުއިރުމަތީގެ ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ.
ރާއްޖެއިން ސާފަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން "ވަން" އަށް އެފްއޭއެމްގެ ރައީސް ބައްސާމް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ފާހަގަކުރެއްވީ، ސާފް ޗެމްޕިއަންޝިޕަކީ ދިވެހީންނަށް ހާއްސަ މުބާރާތެއް ކަމަށާއި، އަމާޒަކީ ތަށި ކަމަށެވެ.
"ސާފް ޗެމްޕިއަންޝިޕަކީ ދިވެހި ހުރިހާ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް. ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީ ހުރިޙާ ދިވެހީންގެވެސް އުންމީދަކަށް ވެފައި މި އޮންނަނީ. އެހެންވީމަ އަޅުގަނޑުމެންވެސް ދުރާލައި މި ތައްޔާރުވީ ދިވެހީންގެ މި އުންމީދު ހާސިލުކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންގެ ޓާގެޓަކަށް ކަނޑައަޅާފަ މިއޮތީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން،" ބައްސާމް ވިދާޅުވިއެވެ.
އެހެން ވިދާޅުވަމުން ބައްސާމް ފާހަގަކުރެއްވީ އެއީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ. ބައްސާމް ވިދާޅުވީ ސަރަހައްދުން ބޭރުގެ ޓީމުތައް ބައިވެރިވުމަކީ އިތުރަށް މުބާރާތް ޗެލެންޖިން ވާނެ ސަބަބެއް ނަމަވެސް، ތަށި ހޯދަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ރާއްޖެއިން ކުރާނެ ކަމަށެވެ.
"އެހެންނަމަވެސް އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. މިފަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރު ދެޓީމު، އެއީ ކުވައިތާއި ލުބުނާންވެސް އެބަ ބައިވެރިވޭ. އެއީވެސް ފުދޭވަރަކަށް ވަރުގަދަ ދެޓީމު. އެހެންވީމަ ކުރަން އޮތް މަސައްކަތްތަކެއް ބައިވަރު. ޗެލެންޖިން ކަމެއް މިއީ. އެހެން ނަމަވެސް ތައްޔާރު މިވަނީ މުބާރާތް ކާމިޔާބުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް،" ބައްސާމް އިތުރަށް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ތަށި ކާމިޔާބުކުރުމަކީ މާ ބޮޑު އުނދަގޫ ކަމަކަށް ނުވާނެ ކަމަށާއި، ޓެކްނިކަލީ ދިވެހި ކުޅުންތެރިންގެ ހުނަރު ރަނގަޅުވުމަކީ އަބަދުވެސް ސަރަހައްދީ ފުޓުބޯޅައިގައި ދިވެހީންނަށް ފައިދާއެއް ކަމަށެވެ.
"ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ތަށި ކާމިޔާބުކުރުމަކީ މާ ބޮޑު އުނދަގޫ ކަމަކަށް ނުވާނެ. އެއީ އަޅުގަނޑުމެންގެ ކުޅުންތެރިންނަކީ ސަރަހައްދީ ލެވެލްގައި ޓެކްނިކަލް ސްކިލްއަށް ބަލާއިރު އެހެން ފަންތިއެއްގެ ކުޅުންތެރިންނަށްވާތި. އާންމުކޮށް އަހަރެމެންނަށް ޖެހޭ މައްސަލައަކީ ފިޓްނަސްގެ މައްސަލަ. އެއަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ކޯޗުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާނީ އިންޑިއާއާއި ލުބުނާން އަދި ކުވައިތު އޮތް ނަމަވެސް، އަޅުގަނޑުމެންގެ ރަނގަޅު ދުވަހެއްގައި މި ޓީމުތަކާ އަޅުގަނޑުމެންނަށް ފައިޓް ކުރެވޭނޭ. ނުވާވަރު ކަމެއް ނޫން. ކުރަން ހުރި މަސައްކަތް ބައިވަރު. ހުރިހާ ކުޅުންތެރިންވެސް މިހާރު އެ ކުރާ ގޮތަށް، ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތް ކޮށްފިނަމަ، އެއީ ކުރެވިދާނެ ކަމެއް،" ބައްސާމް ފާހަގަކުރެއްވިއެވެ.
"ވަން" އާ ވާހަކަ ދައްކަވަމުން ބައްސާމް އިތުރަށް ވިދާޅުވީ މިފަހަރު މުބާރާތަށް ރާއްޖޭގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯއަށް ދިން ހަމައެކަނި ޓާގެޓަކީ ތަށި ކަމަށާއި، އެކަމަށް މަގިފަހިކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޕްރެޝަރުވެސް އޮންނާނެ ކަމަށެވެ. އަދި އެ ޕްރެޝަރު ދޭން ޖެހޭ ސަބަބަކީ ދިވެހީން ސާފްގެ ތަށި ބޭނުންވާތީ ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.
"ކޯޗަށް އަޅުގަނޑު ދިން ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން. ލީގަށް އެހާ ބޮޑު ބްރޭކެއް ނެގި ސަބަބަކީވެސް ކޯޗަށް ވަގުތު ދީގެން، ކޯޗާ މަޝްވަރާކޮށްގެން ހުރިހާ ތަމްރީނުތަކެއްވެސް ކުރިއަށް މިދަނީ. އެހެންވީމަ ކޯޗަށް ވަރަށް ބޮޑު ޕްރެޝަރެއް އެބަދެވޭ. އެ ޕްރެޝަރު އަޅުގަނޑުމެން މިދެނީ އެއީ ދިވެހި ރައްޔިތުން ބޭނުންވާ ތަށްޓަކީ މިއީ ކަމަށްވާތީ. ހަމައެއާއެކު އަޅުގަނޑުމެންނަށް ކުރިއަށް އޮތް އޭޝިއަން ގޭމްސް ކޮލިފިކޭޝަނާއި، އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ކޮލިފިކޭޝަންތައްވެސް ފެށިގެން ދާނެ. އެހިސާބަށް ޓީމު ރަނގަޅަށް ބައްޓަން ކުރެވޭނީ މި މުބާރާތުގެ ކާމިޔާބީއާއެކު އެކީގައިވެސް ކަމަށްވާތީ ކޯޗަށް އެ ޕްރެޝަރު ދެނީ. ހަމައެއާއެކު މިހާރު ފުޓުބޯޅަ އޮތް ހާލަތުން، ފުޓުބޯޅައިގެ ފޯރިއަށްވެސް ސާފް މުހިއްމުވާނެތީ، އަބަދުވެސް 12 ވަނަ ކުޅުންތެރިޔާއަށް އުފާވެރިކަން ހޯދައިދޭން މި ތަށި ކާމިޔާބުކުރަކީ ޓާގެޓަކަށްވެފައި މިއޮތީ،" ބައްސާމް އިތުރަށް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމު ދާނީ ޖަޕާނުގައި 10 ދުވަހުގެ ތަމްރީނު ކޭމްޕަކަށްފަހުއެވެ. ކޭމްޕަށް ޓީމުގެ 23 ކުޅުންތެރިން ޖަޕާނަށް ފުރާނީ މާދަމާއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބޫޓާނާއި ބަންގްލަދޭޝް އަދި ލުބުނާނެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023